ފިލްމު 'ލާ ޕަތާ ލޭޑީސް'ގެ ވާހަކައަކީ އާމިރުގެ ޚިޔާލެއް: ކިރަން

ޑައިރެކްޓަރު ކިރަން ރާއޯ ކުރީގެ ފިރިމީހާ އަދި އެކްޓަރު އާމިރު ޚާންއާ އެކު-- ފޮޓޯ/ އިންޓަނެޓް

ކުރިޔަށް އޮތް މާޗް މަހު ރިލީޒް ކުރުމަށް ތައްޔާރުވަމުން އަންނަ ފިލްމު "ލާ ޕަތާ ލޭޑީސް"އަކީ ކުރީގެ ފިރިމީހާ އާމިރު ޚާން ދިން ޚިޔާލަކަށް ބިނާކޮށް އުފެއްދި ފިލްމެއް ކަމަށް ޑައިރެކްޓަރު ކިރަން ރާއޯ ބުނެފިއެވެ.

ފިލްމު "ލާ ޕަތާ ލޭޑީސް"ގެ ޚިޔާލަކީ ބޮލީވުޑް ޕާފެކްޝަނިސްޓުގެ ނަމުން މަޝްހޫރު އެކްޓަރު އާމިރު ޚާން ތަންކޮޅެއް ކުރިން ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތްކުރި ސްކްރީން ލިޔުމުގެ މުބާރާތެއް ނިންމުމަށްފަހު ދެ މީހުންގެ ދެމެދު ދެކެވުނު ވާހަކައިގެ ތެރެއިން އައި ޚިޔާލެއް ކަމަށް ކިރަން ވަނީ ބުނެފައެވެ.

ކިރަން ފިލްމެއް ޑައިރެކްޓް ކުރުމުގެ މަސައްކަތް ނުކުރާތާ 14 އަހަރުފަހުން ފެށި "ލާ ޕަތާ ލޭޑީސް"އަކީ ވަރަށް ގިނަ ސްކްރިޕްޓްތައް އުފައްދަން މަސައްކަތް ކުރި ފަހުން ފާސްވި އުފެއްދުމެއް ކަމަށް ވަނީ ބުނެފައެވެ. '

ކުރިން ތައްޔާރުކުރި އެއްވެސް ސްކްރިޕްޓެއް ކިރަންއަށް ކަމުނުދިޔަ ކަމަށާއި "ލާ ޕަތާ ލޭޑީސް" ވުޖޫދަށް އައީ އާމިރު ޚާންގެ އެހީތެރިކަމާ އެކު ކަމަށް ކިރަން ވަނީ ބުނެފައެވެ. ފިލްމު "ލާ ޕަތާ ލޭޑީސް"ގައި ކިޔައިދޭ ޚިޔާލީ ވާހަކަތަކާ މެދު މިހާތަނަށް ވިސްނިފައި ނުވާ ކަމަށް ފިލްމު ޕްރޮޑިއުސް ވެސް ކުރާ ކިރަން ވަނީ ބުނެފައެވެ.

ކިރަންގެ އަމިއްލަ ފިލްމު ކުންފުންޏާއި އާމިރު ޚާން ޕްރޮޑަކްޝަންސް ގުޅިގެން ގެނެސްދޭ މި ފިލްމަކީ، ކައިވެންޏަށްފަހު ޒުވާން ދެ އަންހެން ކުދިން ފިރިމީހާގެ ގެއަށް ކުރާ ރޭލު ދަތުރެއްގައި ގެއްލި ދެ މީހުން ވެސް ގޯސް ގެއަކަށް ދެވުމުން ހިނގާ ހެއްވާ މަޖާ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެކެވެ.

ކިރަން ޑައިރެކްޓް ކޮށްފައިވާ ފިލްމު "ލާ ޕަތާ ލޭޑީސް"ގެ މަންޒަރެއް-- ފޮޓޯ/ އިންޓަނެޓް

މި ފިލްމުގެ ޕްރޮމޯޝަން އިވެންޓުތައް ހަލުވި ދުވެލީގައި ފަށާފައިވާއިރު ކިރަންއާ އެކު ބައެއް ޕްރޮމޯޝަން އިވެންޓުތަކުގައި ކުރީގެ ފިރިމީހާ އާމިރު ޚާން ވެސް ވަނީ ފެނިފައެވެ. ދެ މީހުންގެ 17 އަހަރުވީ ކައިވެނި ރޫޅިފައިވީ ނަމަވެސް އެއީ އަދިވެސް ވަރަށް ގާތް ރަޙްމަތްތެރިން ކަމަށާއި ދިރިއުޅުމުގައި ކުރިމަތިވާ ކޮންމެ ދަތި އުނދަގޫ ހާލަތެއްގައި ވެސް އެކަކު އަނެކަކަށް އެހީތެރިވުމަށް އަބަދުވެސް ތިބޭނީ ތައްޔާރަށް ކަމަށް ކިރަން ވަނީ ބުނެފައެވެ.

ކިރަން އާއެކު އާމިރު ޚާން މަސައްކަތް ކުރި ފިލްމު "ލަގާން"، "ޑަންގަލް" އަދި "ސީކްރެޓް ސުޕަ ސްޓާ"އަކީ ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމުތަކެކެވެ.

comment ކޮމެންޓް