ރަމަޟާން މަހަށް ހޭނުމަށް ޝައުބާން މަހު ރޯދަ ހިފުން އެދެވިގެންވޭ: ޚުތުބާ

ބަޔަކު ހުކުރު ނަމާދު ކުރަނީ: ރަމަޟާން މަހަށް ހޭނުމަށް ޝައުބާން މަހު ރޯދަ ހިފުން އެދެވިގެން ވާކަމަށް ޚުތުބާގައި ބުނި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ރަމަޟާން މަހަށް ހޭނުމަށް ޝައުބާން މަހުގެ ސުންނަތް ރޯދަ ލިފުމަކީ އެދެވިގެންވާ ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ޚުތުބާގައި ބުނީ، ރަމަޟާން މަހުގެ ރޯދައަކީ ކޮންމެ ދުވަހަކު ކުރާ އަޅުކަމެއް ކަމަށެވެ. އެހެންކަމުން އެ އަޅުކަމަށް ތައްޔާރުވުމަށް ހަށިގަނޑާއި ނަފުސު ހޭނުވުމަކީ ކޮންމެހެން ބޭނުންކަމަށް ޚުތުބާގައި ބުންޏެވެ.

އެ މީހަކަށް ކުޅަދާނަވީ މިންވަރަކުން ހެޔޮ ޢަމަލު ކުރުމުގައި ދެމިހުރުމުގެ މުހިންމުކަން ފާހަގަކޮށް ޚުތުބާގައި ބުނީ، ހެޔޮ ޢަމަލުތަކުގެ ތެރެއިން އެންމެ ހެޔޮކަން ބޮޑު ޢަމަލަކީ، ދެމިހުންނަނިވި ގޮތުގައި ކުރެވޭ ޢަމަލު ކަމަށެވެ.

"މުސްލިމް އަޚުންނޭވެ! "ވެހޭތާ ފެންނަގާށޭ" ބުނާފަދައިން ލިބިފައި އޮތް ފުރުސަތުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް އެންމެހާ އަޚުންނާއި އުޚުތުންނަށް ނަސޭހަތްތެރިވަމެވެ. ހެޔޮ ކަންތަކާއި ހެޔޮ ޢަމަލު ކުރެވޭނީ ގައިގައި ބާރު ހުއްޓައި،" ޚުތުބާގައި ބުންޏެވެ.

އެހެންކަމުން ވަގުތު ފާއިތު ނުވަނީސް ހެޔޮޢަމަލުގައި އަވަދިނެތި އުޅޭވޭތޯ މަސައްކަތްކުރަން ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. ޚުތުބާގައި ބުނީ، ކޮންމެ ޢަމަލަކީ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ކުރަންޖެހޭ ޢަމަލެއް ކަމަށެވެ. އެގޮތުގެ މަތީގައި ހުރެވިއްޖެނަމަ، އޭނާއަށް އެ ހުރެވެނީ އަޅުކަމުގެ ތެރޭގައި ކަމަށް ޚުތުބާގައި ބުންޏެވެ. އަދި، ޝައުބާން މަސް ފަދަ މޫސުމެއްގައި މާތް ނަބިއްޔާ ދައްކަވާފައިވާ މަގުގައި ކަސިޔާރުނުވެ ހިފެހެއްޓޭތޯ ބެލުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.

މުސްލިމުންގެ ސިފަތައް ބަޔާންކޮށް ޚުތުބާގައި ބުނީ، މުސްލިމުންނަކީ ހަމައެކަނި ބޭރުފުށުން އިސްލާމްކަން ފާޅުކޮށްގެން އުޅެންޖެހޭ ބައެއް ނޫން ކަމަށެވެ. މުސްލިމުންނަކީ ޢަޤީދާއާއި ޢަމަލުން މުސްލިމުންނަށް ވާންޖެހޭ ބައެއް ކަމަށެވެ.

"ހަމައެކަނި ބޭރުފުށުން އިސްލާމްކަން ފާޅުކޮށްގެން އުޅޭބަޔަކީ މުނާފިޤުންނެވެ. މުނާފިޤުންނާ ބެހޭގޮތުން މާތް الله ވަޙީ ކުރައްވާފައި ވެއެވެ، ހަމަކަށަވަރުން، مُنَافِقُން ވާހުށީ، ނަރަކައިގެ އެންމެ ދަށު ވަތްގަނޑުގައެވެ. އަދި، އެއުރެންނަށް نَصْرُވެރިވާނޭ އެއްވެސް ފަރާތެއް ކަލޭގެފާނު ދެކެވަޑައެއް ނުގަންނަވާނޫއެވެ." ޚުތުބާގައި ބުންނެވެ.

ޚުތުބާގައި ވަނީ ނޭނގޭ ކަމަށް ބުނެ ބަރަކާތާއި ރަޙްމަތުގެ ދުވަސްތައް ނަގައިނުލާން ނަސޭހަތްތެރި ވެފައެވެ. އެގޮތުން، ދަންނަ މީހުންކުރެ އަހައި އޮޅުންފިލުވައިގެން އިސްލާމްދީނުގެ ހުކުމްތަކާއި ދަރުސްތައް އަޑުއަހައި ތިމާގެ އަމިއްލަ ނަފުސު އިސްލާމީ ޢިލްމުން މުއްސަނދިކޮށް، ޒީނަތްތެރި ކުރަން ޚުތުބާގައި ވަނީ ގޮވާލާފައެވެ.

comment ކޮމެންޓް