ޖޭއެސްސީގެ މެންބަރުކަމަށް ފަނޑިޔާރު ހުސްނުއްސުއޫދު އައްޔަންކޮށްފި

ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލުކުރައްވާ މެންބަރަކަށް، އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އައްޔަންކުރެއްވުން: ފަނޑިޔާރު ސުއޫދުއަކީ ގާނޫނީ ދާއިރާގެ ގިނަ މަގާމުތަކެއް އަދާކުރައްވާފައިވާ ބޭފުޅެއް -- ފޮޓޯ/ ރައީސް އޮފީސް

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ސުޕްރީމް ކޯޓު ތަމްސީލުކުރައްވާ މެންބަރަކަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ފަނޑިޔާރު ހުސްނުއްސުއޫދު، ޖޭއެސްސީގެ މެންބަރުކަމުގެ ހުވައި، ރައީސް ކުރިފުޅުމަތީގައި ކުރެއްވިއެވެ.

ފަނޑިޔާރަށް ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންއެވެ.

ހުވައަށްފަހު ފަނޑިޔާރު ހުސްނުއްސުއޫދު ހުވައިގެ އިގުރާރުގައި ސޮއިކުރެއްވިއެވެ.

ރައީސް އޮފީހުން ބުނީ، ފަނޑިޔާރު ހުސްނުއްސުއޫދު އެ މަގާމަށް އައްޔަންކުރީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ށ) އާއި، ޖޭއެސްސީގެ ގާނޫނުގެ ތިން ވަނަ މާއްދާގެ ދެ ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިޚާބުކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއްގެ ހައިސިއްޔަތުން ކަމަށެވެ.

ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލުކުރައްވާ މެންބަރަކަށް، އެ ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އައްޔަންކުރެއްވުން: ފަނޑިޔާރު ސުއޫދުއަކީ ގާނޫނީ ދާއިރާގެ ގިނަ މަގާމުތަކެއް އަދާކުރައްވާފައިވާ ބޭފުޅެއް -- ފޮޓޯ/ ރައީސް އޮފީސް

ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލުކުރައްވާ މެންބަރަކަށް ހުސްނުއްސުއޫދު ހަމަޖެއްސީ މިދިޔަ އަންގާރަ ދުވަހުގައެވެ.

ޖޭއެސްސީގައި ސުޕްރީމް ކޯޓުގެ ފަރާތުން މިހާތަނަށް ހުންނެވީ އެ ކޯޓުގެ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދެވެ. އޭނާ އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައެވެ. ޝުޖޫންގެ މަގާމު ހަމަވާނީ މި އަހަރު ފަހުކޮޅުގައެވެ.

އެކަމަނާ އެ މަގާމުގައި ދެން ނުހުންނަވާނެ ކަމަށް ޖޭއެސްސީން ބުނި ނަމަވެސް، ސަބަބެއް ހާމައެއްނުކުރެއެވެ.

ފަނޑިޔާރު ސުއޫދުއަކީ ގާނޫނީ ދާއިރާގެ ގިނަ މަގާމުތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2010 ވަނަ އަހަރު ވަނީ ޖޭއެސްސީގެ ކޮމިޝަންގެ މެންބަރުކަން ފުރުއްވާފައެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަންކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެންބަރު އަށެއްގައެވެ.

ޖޭއެސްސީގައި ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން، ހައި ކޯޓުން އިންތިޚާބުކުރާ އެ ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުން އިންތިޚާބުކުރާ ދަށު ކޯޓެއްގެ ފަނޑިޔާރެކެވެ. ގާނޫނީ ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ ވަކީލެއްގެ އިތުރުން ދައުލަތުގެ ބަންޑާރަނައިބު ވެސް ކޮމިޝަންގައި އިންނަވައެވެ. އަދި، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި، މަޖިލީހުން ކަނޑައަޅާ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހެއް ވެސް ޖޭއެސްސީގައި ހިމެނެއެވެ.

comment ކޮމެންޓް