ދަރަނި ނުދެއްކުން ފެޝަނަކަށްވެއްޖެ، ގާނޫނު އިސްލާހުކުރާނަން: ނާޒިމް

މަދަނީ އިޖުރާއަތުގެ ގާނޫނާ އެކު ދަރަނި ނުދެއްކުން ފެޝަނަކަށްވެއްޖެ ކަމަށާއި އެ ގާނޫނުގައި ހުރި މައްސަލަތައް ބަލައި، އެ ކަންކަން އިސްލާހުކުރަން ރައްޔިތުންގެ މަޖިލީހަށް މި އަހަރުގެ ފުރަތަމަ ދައުރު ތެރޭގައި ހުށަހަޅާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ޝަރީއަތްތައް ފުނިޖެހި ލަސްވާ މައްސަލައަކީ އަބަދު ވެސް ގިނަ ބައެއްގެ ކަންބޮޑުވުމެކެވެ.

ސަންގެ މި ހަފުތާގެ އެޑިޓަރުގެ ސުވާލު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ، ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއް ރާއްޖޭގައި އޮތްއިރު ޖުޑިޝަރީގެ ކަންކަން އޮތީ ވަރަށް ދޯދިޔާކޮށް ކަމަށެވެ.

އޭނާ ވިދާޅުވީ، ތަފާސްހިސާބުތަކަށް ބަލާއިރު ސިވިލް ކޯޓުގައި 17 ފަނޑިޔާރުން ތިބޭއިރު 5،000 މައްސަލަ އެބައޮތް ކަމަށެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ބަނގުރޫޓުވުމުގެ މައްސަލަތަކާއި ސާބިތު ދަރަނީގެ މައްސަލަތައް ކަމަށް އޭނާ ވިދާޅުވިއެވެ.

ނާޒިމް، 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި: އޭނާ ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހުކުރާނެ ކަމަށް -- ފޮޓޯ/ މަޖިލީސް

"މަދަނީ އިޖުރާއަތުގެ ގާނޫނު އައުމުގެ ކުރީގައި ލާރި ނުދައްކާ މީހުންގެ ޕާސްޕޯޓު ވެސް ހިފެހެއްޓޭ، ބަންދު ވެސް ކުރެވޭ. ހޯދާނެ ގޮތްތައް ވެސް އޮވޭ. މިހާރު ހަމަ ވަރަށް ފަސޭހަ، ފެޝަނަކަށް ވެއްޖެ،" އޭނާ ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ، ސިވިލް ކޯޓުގައި އެއް ފަނޑިޔާރެއްގެ އަތްޕުޅުގައި 500 އެއްހައި މައްސަލަ ވެސް އެބަހުރި ކަމަށެވެ.

އޭނާ ވިދާޅުވީ، މަދަނީ އިޖުރާއަތުގެ ގާނޫނު ތައާރަފުވުމުގެ ކުރީގައި ދެ ޚަސްމުންގެ މެދުގައި ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމުގެ ފުރުސަތު ވެސް ގާނޫނުން ލިބިދީފައި އޮންނަ ކަމަށެވެ. އެ ފުރުސަތުގެ ތެރެއިން 30 އިންސައްތަ މައްސަލަ ހައްލުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު، މަދަނީ އިޖުރާއަތުގެ ގާނޫނާ އެކު އެ ފުރުސަތު ގެއްލިއްޖެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެހެންވީމާ ރަނގަޅެއް ނޫނެއްނުންތޯ ވީކީ؟ ގޯހެއް މިވީ،" ނާޒިމް ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން އެކަން އައިޑެންޓިފައިކޮށްފައި އެކަން ނިންމާފައި، ޖޭއެސްސީގެ ފަރާތުން ވެސް ފަނޑިޔާރުންނާ މަޝްވަރާކޮށްގެން އެ ކަންތައްތަކުގައި ހުރި ގޮންޖެހުންތައް ބަލާފައި، ބާ ކައުންސިލާ ވެސް މަޝްވަރާކޮށްފައި، އެ ބޭފުޅުންގެ ވެސް ލަފައާ އެއްކޮށް، މިހާރު ބަންޑާރަނައިބު އަތްޕުޅުގައި ވެއްޖެ މައްސަލަ ހައްލުކުރަން ގެންނަންވީ އިސްލާހުތައް،"

ނާޒިމް، 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި: އޭނާ ވިދާޅުވީ، ޖުޑިޝަރީގެ ކަންކަން މި އަހަރު ހިނގާނެ ކަމަށް -- ފޮޓޯ/ މަޖިލީސް

އެ އިސްލާހުތައް އަންނަ ހަފުތާގައި މަޖިލީސް ހުޅުވުމާ އެކު މި އަހަރުގެ ފުރަތަމަ ދައުރު ތެރޭ މަޖިލީހަށް ހުށަހެޅި، އިސްލާހުތައް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ، ގާނޫނު ހަދާ ބާރުގެ ހައިސިއްޔަތުން އެ ކަންކަން އިސްލާހުކުރަން ކޮށްދޭންޖެހޭ ކަންތައްތައް ކޮށްދެމުންދާ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ޖުޑިޝަރީގެ ކަންތައްތައް މި އަހަރުގެ ތެރޭގައި އިސްލާހުވެގެން ހިނގައިގަންނާނެ. ކޯޓުގެ މައްސަލަ ވެސް ހައްލުވާނެ. ޖިނާއީ ކޯޓުގެ މައްސަލަތައް ވެސް ހިނގާނެ. މަދަނީ ކޯޓުގައި ފުނިޖެހިފައި ހުރި މައްސަލަތައް ވެސް ހިނގާނެ. ދެން އެ ވަރު އަޅުގަނޑުމެންނަށް ކޮށްދެވޭނީ،" އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ނާޒިމް ވިދާޅުވީ، ބައެއް ޝަރީއަތްތައް ބޭއްވޭނެ އެއްވެސް ގޮތެއް ކްރިމިނަލް ކޯޓުގައި ނެތް ކަމަށެވެ.

"ވާގޮތަކީ ޖުޑިޝަރީގައި މިހާރު ކްރިމިނަލް ކޯޓުން ވިދާޅުވަނީ ޝަރީއަތް ކުރާނެ ކޯޓު ރޫމެއް ނެތޯ. މިދިޔަ ވެރިކަމުގައި ވެސް އެ ކަމަކަށް އެއްވެސް ހައްލެއް ގެނެވިފައެއްނުވޭ.. ކުރެހުންތައް ކުރަހައި ތައްޔާރުކޮށް، ކޯޓު ކޮމްޕްލެކްސްއެއްގެ ހުރިހާ ކަމެއް ނިންމާފައި އޮންނަތާ ކިތަންމެ ދުވަހެއްވެއްޖެ،" އޭނާ ވިދާޅުވިއެވެ.

އެހެންވެ، ކްރިމިނަލް ކޯޓުގެ އިމާރާތުގެ މަސައްކަތް އަވަސްކުރަން ވެސް މަޖިލީހުގެ ތެރެއިން ކުރެވެން ހުރި މަސައްކަތްތައް ކޮށްދެއްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަސްލު އެހެންވީމާ ޖުޑިޝަރީގައި އެ ލީޑާޝިޕް އެބައޮތްތޯ؟ އެ މީހުންނަށް ކަންތައް ކޮށްދޭނެ މީހަކު ނެތީތޯ؟ ނޫނީ އެ މީހުންނަކީ މި ދައުލަތުގެ ތިން ބާރުގެ ތެރެއިން ޔަތީމު ދަރިއަކީތޯ؟ އެއީ އަޅުގަނޑުމެން ކުރަންޖެހޭ ސުވާލެއް މިހާރު،" އޭނާ ވިދާޅުވިއެވެ.

ޝަރީއަތްތައް ލަސްވެ، ދިގުދެމިގެންދާ މައްސަލައަކީ އަބަދު ވެސް ބޮޑު މައްސަލައެކެވެ. ޚާއްސަކޮށް، ކޯޓުތަކަށް ބޭނުންވާ މުވައްޒަފުންނާއި ތަކެއްޗާއި އިމާރާތުގެ ދަތިކަން ޖުޑިޝަރީން އަބަދު ވެސް ފާހަގަކުރެއެވެ.

comment ކޮމެންޓް