ގުޅީފަޅުގެ ބިން ހިއްކުން ހުއްޓުވާފައި އޮންނަ ކޮންމެ ދުވަހަކަށް ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައި ތިން ލައްކަ ޑޮލަރު, އެ މަޝްރޫއު ހަވާލުކޮށްފައިވާ ކުންފުނި، ބޮސްކާލިސްއަށް ސަރުކާރުން ދޭން ޖެހޭނެ ކަމަށް ކުރީ ސަރުކާރުގައި ގެދޮރުވެރިން ކޮމިޓީގައި އިސްކޮށް އުޅުއްވި ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
ގުޅީފަޅު ހިއްކުން މަޑުޖައްސައިލަން ހައިކޯޓުން މިއަދު ވަނީ އަމުރުކޮށްފައެވެ. އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ވާކަަމަށް ބުނެ، އެ މަޝްރޫއު ހުއްޓުވަން އެދި ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ.
ތިމާވެށި ހިމާޔަތްކުރުމަށް ގޮވައިލާ އެކްޓިވިސްޓު ހުމައިދާ އަބްދުލްގަފޫރު ހުށަހެޅި މައްސަލައިގައި އެދުނު ވަގުތީ އަމުރު ސިވިލް ކޯޓުން ނެރެނުދިނުމުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރީއެވެ.
މިކަމާ ގުޅިގެން "ސަން"އާ ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ ގުޅީފަޅު ހިއްކުމާ ގުޅޭ ގޮތުން ސަރުކާރާއި ބޮސްކާލިސްއާ ދެމެދު ހަދާފައިވާ އެއްބަސްވުމުގައި، މަސައްކަތް ހުއްޓިފައި އޮންނަ ދުވަސްތަކުގައި ލިބޭ ގެއްލުމުގެ ބަދަލު ދިނުން ބަޔާންކޮށްފައި އޮންނާނެ ކަމަށެވެ. އަދި ސަރުކާރަށް އެވަރު ގެއްލުމެއް ލިބެން އޮއްވައި ހައިކޯޓުން އެފަދަ ނިންމިމެއް ނިންމާނީ މިސަރުކާރުގެ ނާގާބިލު ކަމުން ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުރިން ވެސް އެ މައްސަލަ އޮތީ ނުހިނގާ. ކުއްލިއަކަށް މިއަދު އެފަދަ އަމުރެއް ކުރީމަ އަޅުގަނޑަށް ގަބޫލު ކުރެވެނީ ނުފޫޒުންނޭ އެއީ،" އަކްރަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ސިވިލް ކޯޓުން އެ އަމުރު ނެރެ ނުދިނީ ގުޅީފަޅު ހިއްކުމާ ގުޅިގެން އެންވަޔަރަމެންޓަލް ޕްރިޓެކްޝަން އެޖެންސީ (އީޕީއޭ)އިން ހަދާފައިވާ ލިޔެކިޔުންތައް ހުރުމުން ކަމަށެވެ. އަދި އެ މައްސަލަ ހުއްޓުވަން އީޕީއޭއިން ނޫޅެނީސް އަމިއްލަ ފަރުދަކު ހުށަހެޅި ހުށަހެޅުމަކަށް މަޝްރޫއު ހުއްޓުވުން ބަލައި ނުގަނެވޭނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.
ގުޅީފަޅު ހިއްކުން ހައިކޯޓުން ހުއްޓުވިއިރު، އެ ފަޅުން 100 ހެކްޓަރަށް ވުރެ ބޮޑު ބިމެއް ވަނީ ހިއްކައި ނިންމައިފައެވެ.
މި މަޝްރޫއާ ގުޅޭގޮތުން މީގެ ކުރިން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ނިންމާފައި އޮތީ ގުޅީފަޅު ހިއްކަން 24 މިލިއަން ކިއުބިކް މީޓަރުގެ ވެލި އަޅަން ކަމަށެވެ. ނަމަވެސް މި ސަރުކާރުން ގުޅީފަޅުން އިތުރު 85 ހެކްޓަރުގެ ބިން ހިއްކަން ނިންމާފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ކުރީ ސަރުކާރުގެ 'ބިންވެރިޔާ ސްކީމް'އާއި 'ގެދޮރުވެރިޔާ ސްކީމް'ގެ ދަށުން ހުޅުމާލެއިން މަދުވެގެން 1000 ގޯއްޗާއި ގުޅީފަޅުން މަދުވެގެން 2000 ގޯއްޗާއި ގިރާވަރު ފަޅު ހިއްކައިގެން ވެސް މަދުވެގެން 2000 ގޯތި މާލޭ ރަށްވެހިންނަށް ދޭން އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފައިވެއެވެ.