މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއްގައި ކޯޓަށް ހާޒިރުނުކުރެވި، ބަންދުގައި ބަހައްޓައިގެން މީހަކު ކޯޓަށް ހާޒިރުކުރުމަށް ދެވަނަ ފަހަރަށް ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.
ކޯޓަށް ހާޒިރުކުރަން އިއުލާނުކޮށްފައި ވަނީ، މ. ރިހިވިދުރިގެ 31 އަހަރުގެ އަސްއަދު އަލީއެވެ.
ފުލުހުން ބުނީ، އަސްއަދު ހޯދަނީ އޭނާގެ މައްޗަށް ހުށަހެޅިފައިވާ ކެނަބިސް ޓްރެފިކްކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ކަމަށެވެ.
އަދި، އޭނާ ބަންދުގައި ބަހައްޓައިގެން އަންނަ ހަފުތާގެ ބުދަ ދުވަހުގެ 09:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށް އެ ޚިދުމަތުން ވަނީ ބުނެފައެވެ.
އެހެންވެ، އަސްޢަދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކުވާ ނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅައިގެން އެކަމެއް ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، އެކި މައްސަލަތަކުގައި މީހުން ކޯޓަށް ހާޒިރުކުރަން ބޭނުންވެ، އެކަން ނުކުރެވިގެން ފުލުހުން ދޭތެރެއަކުން އިއުލާނުކުރެއެވެ.