ވާހަކަ ދެއްކުމުގެ ގައުމީ މުބާރާތުގެ ސާނަވީ ދަރިވަރުންގެ ފައްސިޔަ ބުރު ނިމިއްޖެ

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 37ވަނަ ޤައުމީ މުބާރާތުގަތުގެ ސާނަވީ ގިންތީގެ ދަރިވަރުންގެ ފައްސިޔަ ބުރުގެ ވާހަކަދެއްކުން ނިމިއްޖެ---ފޮޓޯ/ދިވެހިބަހުގެ އެކަޑަމީ

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 37ވަނަ ޤައުމީ މުބާރާތުގަތުގެ ސާނަވީ ގިންތީގެ ދަރިވަރުންގެ ފައްސިޔަ ބުރުގެ ވާހަކަދެއްކުން ނިމިއްޖެއެވެ.

ދިވެހިބަހުގެ އެކެޑަމީއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ 20 ސްކޫލަކުން 102 ދަރިވަރަކު ވާދަކުރި މި ގިންތީގައި ދަރިވަރުން ވާހަކަދައްކައިފައި ވަނީ ގުރުއަތުން ނެގުނު މައުޟޫތަކަށް ކަމަށެވެ. އަދި ސާނަވީ ގިންތީގައި ދަރިވަރުންނަށް ތައްޔާރުވުމަށް ތިން މިނެޓާއި ހަތް މިނެޓުގެ ވަގުތު ދީފައިވާކަމަށްވެސް އެކެޑަމީއިން ވަނީ ބުނެފައެވެ.

ދަރިވަރުން ވާހަކަދައްކައިފައިވާ ދާއިރާތަކުގެ ތެރޭގައި ދިވެހި އަދަބިއްޔާތާއި، ތާރީޚާއި ތަރިކަ، އިޤުތިޞާދު އަދި އިޖުތިމާޢީ ވެށި ހިމެނެއެވެ.

ސާނަވީ ގިންތީގެ އަރުތަބުރަށް ހޮވުނު ދިހަ ދަރިވަރުން އިއުލާނު ކުރާނީ މިއަދު ހަވީރު 4:15ގައި ފަށާ ދަށު ސާނަވީ ގިންތީގެ ދަރިވަރުންގެ ވާހަކަދެއްކުން ނިމުމުންކަމަށް ދިވެހިބަހުގެ އެކެޑަމީއިން ވަނީ ބުނެފައެވެ. އަދި ސާނަވީ ގިންތީގެ އަރުތަ ބުރުގެ ބައިވެރިންގެ ވާހަކަދެއްކުން އޮންނާނީ މި ހަފުތާ ހޮނިހިރު ދުވަހުގެ ރޭ 8:30ގައި ކަމަށް އެކެޑަމީއިން ވަނީ ބުނެފައެވެ.

ވާހަކަދެއްކުމުގެ 37ވަނަ ގައުމީ މުބާރާތުގެ ތެރެއިން---ފޮޓޯ/ދިވެހިބަހުގެ އެކެޑަމީ

އެކެޑަމީއިން ބުނީ ދަށު ސާނަވީ، ސާނަވީ އަދި މަތީ ސާނަވީ ގިންތީން ފައްސިއްޔަ ބުރުގައި ވާދަކުރާ ދަރިވަރުންގެ ތެރެއިން އެންމެ މަތީ މާކުސް ހޯދައިގެން ކޮންމެ ގިންތިއަކުން އެންމެ މޮޅު ދިހަ ދަރިވަރުންގެ ގޮތުގައި ހޮވޭ ދަރިވަރުން ވާދަކުރާނީ އަރުތަ ބުރުގައި ކަމަށެވެ. އަރުތަ ބުރުގައި ވާހަކަދައްކާ ބައިވެރިން ތަރުތީބުކުރާނީ ވަގުތުން ނަގާ ގުރުއަތަކުން ކަމަށާއި އަރުތަ ބުރަކީ ދެ ބަޔަކަށް ބަހައިލައިގެން ކުރިއަށް ގެންދާނެ ބުރެެއް ކަމަށްވެސް އެކެޑަމީއިން ވަނީ ބުނެފައެވެ.

ފުރަތަމަ ބުރުގައި ދިހަ ދަރިވަރުން ވެސް ވާހަކަދައްކާނީ އެއް މައުޟޫއަކަށެވެ. އަރުތައިގެ ދެވަނަ ބުރުގައި ދަރިވަރުން ވާހަކަދައްކާނީ ކަނޑައެޅޭ މައުޟޫތަކެއްގެ ތެރެއިން އެ ދަރިވަރަކަށް ގުރުއަތުން ނެގޭ ކުއްލި މައުޟޫއަކަށެވެ.

އަރުތަ ބުރުގައި ވާދަކުރާ ދަރިވަރުންގެ ތެރެއިން މުބާރާތުގައި ކޮންމެ ގިންތިއަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ދަރިވަރު ހޮވަން ވަނީ ހަމަޖެހިފައެވެ. އަދި ކޮންމެ ގިންތިއަކުން އެންމެ މޮޅު ދިހަ ދަރިވަރުން ވެސް ހޮވައެވެ.

މި މުބާރާތް ކުރިއަށް ދަނީ މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގައެވެ.

comment ކޮމެންޓް