ބާލީއަށްދާ ފަތުރުވެރިން އަތުން 10 ޑޮލަރުގެ ޓެކުހެއް ނަގަނީ

އިންޑޮނޭޝިޔާގެ ފަތިރިވެރިންގެ މަންޒިލް، ބާލީ -- ފޮޓޯ/ބާލީ ބަޑީޒް

އިންޑޮނޭޝިޔާގެ ބާލިއަށް ދަތުރުކުރާ ފަތުރުވެރިންގެ އަތުން ގާތްގަޑަކަށް 10 އެމެރިކާ ޑޮލަރުގެ ޓެކްހެއް ނަގަން ނިންމައިފިއެވެ.

އެ ގައުމުން އެގޮތަށް ނިންމީ ބާލީގެ ތިމާވެއްޓާއި އެ ތަނުގެ ސަގާފަތް ދަމަހައްޓަން ކުރާ މަސައްކަތަށް ބޭނުންވާ ފައިސާ ހޯދަން ކަމަށް ކަމާބެހޭ އިދާރާތަކުން ހާމަކުރެއެވެ.

އެ ޓެކްސް ނަގަން މިދިޔަ އަހަރު ނިންމައިފައި އޮތް ނަމަވެސް ޓެކްސް ނަގަން ފަށައިފައި ވަނީ އިއްޔެއެވެ.

އެހެން ގައުމަކުން ނުވަތަ އިންޑޮނޭޝިޔާގެ އެހެން ހިސާބަކުން ބާލިއަށްދާ ފަތުރުވެރިއެއް ނަމަވެސް އެ ޓެކްސް ނަގާނެއެވެ. އަދި، އެ ޓެކްސް ބާލީއަށް އެތެރެވުމުގެ ކުރިން "ލަވްބޯލް" ވެބްސައިޓް މެދުވެރިކޮށް ދައްކަންޖެހޭނެ ކަމަށް ވެސް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

ފަތުރުވެރިންގެ މަންޒިލެއްގެ ގޮތުގައި މަޝްހޫރު ބާލީގެ ފަތުރުވެރިކަމުގެ ދާއިރާއަކީ އެ ގައުމުގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ)ގެ 60 އިންސައްތަ ހިއްސާވާ ސިނާއަތެވެ.

ރަސްމީ އިދާރާތަކުގެ ރިކޯޑްތަކުން ދައްކާ ގޮތުގައި މިދިޔަ ނޮވެމްބަރު މަހުން ފެށިގެން މިދިޔަ މަހާ ހަމައަށް ބާލީއަށް 4.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. އަދި، އެ ތަނަށް އެންމެ ގިނައިން ދަނީ އޮސްޓްރޭލިއާގެ ޓޫރިސްޓުންނެވެ. އެ ލިސްޓްގައި ދެން ހިމެނެނީ އިންޑިޔާ، ޗައިނާ އަދި ސިންގަޕޫރެވެ.

comment ކޮމެންޓް