އިންޑޮނޭޝިއާ ސަރުކާރުގެ ސާވާތަކަށް ހަމަލާދިން ހެކަރުން އަމާންދީފި

އިންޑޮނޭޝިއާ ސަރުކާރުގެ ސާވާތަކަށް ހަމަލާދިން ހެކަރުން އަމާންދީފި

އިންޑޮނޭޝިއާ ސަރުކާރުގެ ސާވާތަކަށް ހަމަލާދިން ހެކަރުން މާފަށް އެދި، އަމާންދީފިއެވެ.

އިންޑޮނޭޝިއާގެ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓްކޮށްފައި ވާގޮތުގައި ސަރުކާރުގެ ސާވަރުތަކަށް ރެންސަމްވެއާ ބޭނުންކޮށްގެން ހަމަލާދިން ހެކަރުން އެމީހުންގެ އަމަލުތަކަށް މާފަށް އެދި، މިހާރުވަނީ ބަންދުކޮށްފައިވާ ފައިލުތައް އަނބުރާ ގެނައުމަށް ބޭނުންވާ ޑިކްރިޕްޓާއެއް ކަމާބެހޭ ފަރާތްތަކާ ހަވާލުކޮށްފައެވެ.

"ބްރެއިން ސައިފާ" ގެ ނަމުގައި މަޝްހޫރު މި ގްރޫޕުން ބުނީ އެމީހުން އެކަން ކުރީ ސެކިއުރިޓީ ޓެސްޓުކުރުމުގެ ގޮތުންކަމަށެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ޖޫން 20ވަނަ ދުވަހު އިންޑޮނޭޝިއާގެ ނެޝަނަލް ޑޭޓާ ސެންޓާ (ޕީޑީއެން)އަށެވެ.

ފުރަތަމަ ހެކަރުން އަށް މިލިއަން ޑޮލަރުގެ ބަދަލެއް އެދުނު ނަމަވެސް، ސަރުކާރުން އެ ފައިސާ ދޭން އިންކާރުކުރިއެވެ.

މި ހަމަލާގައި އިމިގްރޭޝަން އޮފީސް ހިމެނޭ ގޮތަށް މަދުވެގެން ސަރުކާރުގެ 210 މުއައްސަސާއަކަށް އަސަރުކޮށް، ޕާސްޕޯޓާއި ވިސާގެ ޚިދުމަތްތަކަށް ދަތިތަކެއް ކުރިމަތިވިއެވެ.

ހެކަރުން ބުނީ މި ހަމަލާ ދިނުމަކީ ފަސޭހަ ކަމެއް ކަމަށާއި، "އެތައް ހާސް ޓެރަބައިޓެއްގެ" މަޢުލޫމާތު އެންކްރިޕްޓްކުރަން މާގިނަ ވަގުތެއް ނުނަގާކަމަށެވެ.

އެމީހުން ޑިކްރިޕްޝަން ކީއެއްގެ ގޮތުގައި 54 ކިލޯބައިޓްގެ އީއެސްއެކްސްއައި ފައިލެއް ދީފައިވާއިރު، އޭގެ ސައްހަކަން އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.

މި ހަމަލާ ރާވާހިންގާފައިވަނީ ލޮކްބިޓް 3.0 އެންކްރިޕްޓާ ބޭނުންކޮށްގެން ލޮކްބިޓްގެ އެފިލިއޭޓެއް ކަމަށް ކަމާބެހޭ މާހިރުން ލަފާކުރެއެވެ.

ހެކަރުން ބުނެފައިވަނީ މާފަށް އެދުމަށާއި ފައިލުތައް އަނބުރާ ދިނުމަށް އެއްވެސް ފަރާތަކުން މަޖުބޫރުކޮށްފައި ނުވާ ކަމަށެވެ.

comment ކޮމެންޓް