ނުވަ ލައްކަ ޑޮލަރަށް ޚިޔާނާތްވި އިންޑޮނޭޝިއާގެ ކުރީގެ ވަޒީރަކު 10 އަހަރަށް ޖަލަށް

ޚިޔާނާތުގެ މައްސަލަ ސާބިތުވެ، ޖަލު ހުކުމް އިއްވި އިންޑޮނޭޝިއާގެ ކުރީގެ ތިމާވެއްޓާބެހޭ ވަޒީރު ސިޔާހުރުލް ޔާސިން ލިމްޕޯ -- ފޮޓޯ/ޗެނަލް ނިއުސް އޭޝިއާ

އަމިއްލަ ބޭނުންތަކަށް ދައުލަތުގެ ފައިސާއިން 14.1 ބިލިއަން ރުޕިއާ (900،000 އެމެރިކާ ޑޮލަރު) ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލަ ސާބިތުވެ، އިންޑޮނޭޝިއާގެ ކުރީގެ ވަޒީރަކު 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ ކޯޓަކުން އެ މައްސަލައިގައި ޖަލު ހުކުމް އިއްވައިފައި ވަނީ އެގައުމުގެ ކުރީގެ ތިމާވެއްޓާބެހޭ ވަޒީރު ސިޔާހުރުލް ޔާސިން ލިމްޕޯ އަށެވެ.

އޭނާއަށް ދައުވާކުރީ ދައުލަތުގެ ފައިސާ ބޭނުންކޮށްގެން ޕްރައިވެޓް ޖެޓް ދަތުރުތައްކޮށް އަނބިމީހާއަށް އަގުބޮޑު ޖަވާހިރު ގަނެދޭނެ ޚަރަދުކުރި ކަމުގެ ތުހުމަތުގައެވެ. ޔާސިންގެ އިތުރުން އޭނާގެ ދަށުން މަސައްކަތްކުރި ދެ މީހަކަށްވެސް ވަނީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އިއްވައި، 200 މިލިއަން ރުޕީސްގެ ޖޫރިމަނާއެއް ދައްކަން ހުކުމްކޮށްފައެވެ.

ޔާސިން ވެސް ވަނީ 300 މިލިއަން ރުޕީސްއިން ޖޫރިމަނާކޮށްފައެވެ. އެ ފައިސާ ނުދައްކައިފިނަމަ އޭގެ ބަދަލުގައި ހަތަރު މަސް ދުވަހުގެ އިތުރު ޖަލު ހުކުމެއްގެ އިތުރުން ބަދަލުގައި 30،000 އެމެރިކާ ޑޮލަރު ދައުލަތަށް ދައްކަންޖެހޭނެ ކަމަށްވެސް އެ މައްސަލަ ބައްލަވާ ގާޒީ ރިއަންޓޯ އާދަމް ޕޮންޓޯ އާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.

އެ މައްސަލައިގެ އަޑުއެހުންތަކަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޔާސިން ވަނީ އަމިއްލަ ބޭނުމަށް ފައިސާ ބޭނުން ނުކުރައްވާ ކަމަށް ވިދާޅުވެ، މިނިސްޓަރެއްގެ މަގާމު އަދާކުރެވިފައިވާތީ ފަޚުރުވެރިވާ ކަމަށް ވިދާޅުވެފައެވެ.

ނަހަމަ ގޮތުގައި ބޭނުންކުރި ފައިސާއިން އޭނާ އާއި އޭނާގެ އާއިލާއަށް ލިބުނު ޖުމްލަ ފައިސާގެ އަދަދު 14.1 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ކަމަށާއި އިތުރު 30،000 އެމެރިކާ ޑޮލަރުވެސް އެ އާއިލާއަށް ލިބުނު ކަމަށް އިންޑޮނޭޝިއާގެ މީޑިއާތަކުގައިވެއެވެ.

ކުރީގެ ރައީސް ޖޯކޯ ވިޑޯޑޯގެ ކެބިނެޓުގައި ހިމެނިވަޑައިގެންނެވި ޔާސީންގެ އިތުރުން ފަސް ވަޒީރެއްގެ މައްޗަށް މީގެ ކުރިން ކޮރަޕްޝަނުގެ ދައުވާ ސާބިތުވެ ޖަލު ހުކުމް އިއްވައިފައިވެއެވެ.

comment ކޮމެންޓް