ކެންސަރު ބަލިން ދިފާއުވެވޭނެ ވެކްސިނެއް ރަޝިޔާގެ ސައިންސްވެރިން އުފައްދާ ކަމަށާއި އެ ވެކްސިން ވަރަށް އަވަހަށް އާންމުންނަށް ފޯރުކޮށްދެވޭނެ ކަމަށް އެ ގައުމުގެ ރައީސް ވުލަމީޑިއާ ޕުޓިން ވިދާޅުވެއްޖެއެވެ.
ޓެކްނޮލޮޖީއާ ގުޅޭ ގޮތުން ރަޝިއާގެ ވެރިރަށް މޮސްކޯގައި ބޭއްވި ފޯރަމެއްގައި ޕުޓިން ވިދާޅުވީ "އަޅުގަނޑުމެން މިވަނީ ކެންސަރު ވެކްސިން ކަމަށް ބުނާ ވެކްސިންތަކާއި އާ ޖީލެއްގެ އިމިއުނޯމޮޑިއުލޭޓަރީ ބޭސްތައް އުފެއްދުމާ ވަރަށް ގާތަށް އައިސްފައި" ކަމަށެވެ.
ނަމަވެސް އެއީ ކޮން ބާވަތެއްގެ ކެންސަރަކަށްދޭ ވެކްސިނެއް ކަމެއް ޕުޓިން ހާމަކުރައްވައިފައެއްނުވެއެވެ.
ގިނަ އަދަދެއްގެ ގައުމުތަކާއި ކުންފުނިތަކުން ދަނީ ކެންސަރަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިނގިރޭސިވިލާތުގެ ސަރުކާރުން ވަނީ ޖަރުމަނުވިލާތުގެ ބަޔޯއެންޓެކްއާ އެކު ކެންސަރަށް ފަރުވާ ފޯރުކޮށްދޭ ކްލިނިކަލް ޓްރައިލްތައް ފެށުމަށް އެއްބަސްވުމެއްގައި މިދިޔަ އަހަރު ސޮއިކޮށްފައެވެ.
ބޭސް އުފައްދާ ކުންފުނި މޮޑަނާއާއި މާކް އެންޑް ކޯއިން ވެސް އަންނަނީ ކެންސަރަށް ވެކްސިނެއް އުފައްދަމުންނެވެ. އެ ވެކްސިން މިހާރު ކޮންމެ ވެސް ވަރަކަށް ތަޖުރިބާ ކުރަމުން އަންނައިރު، އެ ވެކްސިން ޖެހުމުން ހަމަށް ޖެހޭ ކެންސަރުގެ ވައްތަރެއް ކަމަށްވާ މެލަނޯމާ ޖެހިގެން މަރުވުމުގެ ފުރުސަތު ދެބައިކުޅަ އެއްބައި ކުޑަވެގެންދާ ކަމަށް މިޑީޔާތަކުން ރިޕޯޓުކުރެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި ސާވިކަލް ކެންސަރު ހިމެނޭ ގޮތަށް ގިނަ ކެންސަރުތަކެއް ޖެހޭ ހިއުމަން ޕެޕިލޯމާ ވައިރަސް (އެޗްޕީވީ)އަށް ލައިސަންސް ދީފައިވާ ހަ ވެކްސިންގެ އިތުރުން ފުރަމޭގެ ކެންސަރަށް މަގުފަހިވާ ހެޕަޓައިޓިސް ބީ (އެޗްބީވީ)އަށް ވެކްސިން އަކަށް ވެސް ލައިސެންސް ވަނި ދީފައެވެ.