ހިޔާ ޓަވަރުތަކަށް ލިފްޓު އިތުރުކުރުގެ މަސައްކަތް ޗައިނާ ކުންފުންޏަކަށް

ހިޔާ ޓަވަރެއްގެ ލިފްޓަށް އަރަން މީހުން ކިޔޫގައި: ހިޔާ ޓަވަރުތަކަށް ލިފްޓު އިތުރު ކުރުމުގެ މަސައްކަތް ވަނީ ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ހިޔާ ޓަވަރުތަކަށް ލިފްޓު އިތުރު ކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނީ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާ ކަމަށެވެ. އެގޮތުން ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރާ ގޮތަށް، 16 ޓަވަރުގައި ޖުމްލަ 32 ލިފްޓު ހަރުކުރަން އެ ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އޭގެ ތެރޭގައި ހިމެނޭނީ އާންމުކޮށް ބޭނުންކުރާ ބާވަތުގެ ލިފްޓަކާއި ސްޓްރެޗާއެއް އެރުވޭ ވަރުގެ ލިފްޓެއް ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ލިފްޓުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އެ މަސައްކަތް އެއް އަހަރު ތެރޭ ނިމޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެ ލިފްޓުތައް ހަރުކުރުމުން، ހިޔާ ޓަވަރުތަކުގައި ލިފްޓަށް އެރުމަށް އޮންނަ ކިއޫ ކުޑަވެ، ލިފްޓްގެ އިންތިޒާރުގައި ހޭދަކުރަންޖެހޭ ވަގުތު ކުޑަވާނެކަން އެޗްޑީސީން ފާހަގަކުރިއެވެ.

ހިޔާ ޓަވަރުތަކަށް ލިފްޓު އިތުރު ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

comment ކޮމެންޓް