ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުން ފެން ނުލިބޭ މައްސަލަ ހައްލުކޮށް އެ ސަރަހައްދަށް ފެން ދޫކުރަން ފަށާފައިވާ ކަމަށާއި ފެން ކެނޑުނީ ހޮޅިއެއް ފަޅައިގެން ގޮސް ކަރަންޓު ކެނޑިގެން ކަމަށް އެމްޑަބްލިއުއެސްސީން މިއަދު ބުނެފިއެވެ.
މިއަދު މެންދުރުން ފެށިގެން ގިނަ ހިޔާ ޓަވަރުތަކަށް ފެން ނުލިބޭތީ އެ ޓަވަރުތަކުގައި އުޅޭ މީހުން ސޯޝަލް މިޑީއާގައި އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިކަމާ ގުޅިގެން އެމްޑަބްލިއުއެސްސީން ބުނީ، މި މައްސަލަ ދިމާވީ އެ ސަރަހައްދަށް ފެން ފޯރުކޮށްދޭ ހޮޅިއެއް ފަޅައިގެން ގޮސްގެން ކަރަންޓު ކެނޑުމުގެ ސަބަބުން ކަމަށެވެ.

ފެން ކެނޑުނު މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަނީ: ފެން ކެނޑުނީ ހޮޅިއެއް ފަޅައިގެން ގޮސް ކަރަންޓު ކެނޑިގެން ކަމަށް އެމްޑަބްލިއުއެސްސީން ބުނޭ ---- ފޮޓޯ/ ހުޅުމާލެ ދާއިރާ، ފޭސްބުކް
ނަމަވެސް، ފެން ކެނޑުނުތާ އެއް ގަޑިއިރު ތެރޭގައި 90 އިންސައްތަ އެޕާޓްމަންޓަށް ފެން ދޫކުރަން ފެށި ކަމަށް އެމްޑަބްލިއެސްސީން ބުނެއެވެ.
އަދި، ބާކީ 10 އިންސައްތަ އެޕާޓްމަންޓުތަކަށް ފެން ދޫކުރަން ފަށައި މިހާރު ހުރިހާ އެޕާޓްމަންޓުތަކަށް ފެން ލިބޭނެކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.
ހިޔާ ޓަވަރެއްގައި ދިރިއުޅޭ މީހަކު "ސަން"އަށް ބުނީ، މިއަދު ހަވީރު 5:30 ހާއިރު ފެން ލިބެން ފަށާފައިވާ ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ޓެކްނިކަލް މައްސަލަތައް ދިމާވުމުން ބައެއް ފަހަރަށް މާލެއިން ވެސް ފެން ކެނޑެއެވެ. މި ދޭތެރެއިން ވެސް މާލޭގައި އުސް އިމާރާތްތަކަށް ފެން ލިބުމުގައި ދަތިވުމުގެ މައްސަލަ ދިމާވިއެވެ.