ހިޔާގައި އިތުރު ލިފްޓް ހަރުކުރުން: އަދި ނިމުނީ 23 އިންސައްތަ، ބޭނުންކުރަން ފެށޭނީ އަންނަ އަހަރު

ހިޔާ ފްލެޓުތައް -- ސަން ފޮޓޯ/ ޢަބްދުﷲ ޙުސައިން

ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތުގެ 23 އިންސައްތަ ނިމިފައިވާ ކަމަށާއި، އަންނަ އަހަރުގެ ތެރޭގައި އެ މަސައްކަތް ނިމި، އަލަށް ހަރުކުރާ ލިފްޓުތައް ބޭނުންކުރެވެން ފަށާނެ ކަމަށް ހައުސިން ޑިވަލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނެފިއެވެ.

ހިޔާ ޓަވަރުތަކުގައި އިތުރު ދެ ލިފްޓު ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.

https://sun.mv/191019

އެޗްޑީސީން ބުނީ، 15 މީހުންގެ ޖާގައިގެ މި ލިފްޓުތަކުގެ ޖާގަ ތަނަވަސްވާނެ ކަމަށެވެ. އެ ގޮތުން، މި ލިފްޓުތަކުގައި ބަލި މީހުންގެ ސްޓްރެޗާ އެރުވޭނެ ޖާގަ ވެސް ލިބޭނެ ކަމަށް ބުނެފައިވެއެވެ.

އަލަށް ބަހައްޓާ ލިފްޓުތަކުގެ ފްލޯ ނަންބަރުތައް ބްރޭލްއިން އެންގްރޭވް ކުރެވިފައިވާއިރު، އެއީ ލޮލަށް ފެނުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް ވެސް އިތުރު ފަރާތެއްގެ އެހީތެރިކަމާ ނުލައި، ފަސޭހަ ކަމާ އެކު ބޭނުން ކުރެވޭނެ ލިފްޓުތަކެއް ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން މައުލޫމާތު ދީފައިވާ ގޮތުގައި، މި މަޝްރޫއުގެ ތެރެއިން ހިޔާގެ 16 ޓަވަރުގެ ތެރެއިން 13 ޓަވަރެއްގައި ލިފްޓު ހަރުކުރުމުގެ އަމަލީ މަސައްކަތް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ. އަދި، ބާކީ ތިން ޓަވަރުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ފަށާނެ ކަމަށް އެ ކުންފުނިންވަނީ ބުނެފައެވެ.

ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.

ހިޔާ ފުލެޓުތަކަށް އިތުރު ލިފްޓު ހަރުކުރަން މިދިޔަ ފެބްރުއަރީގައި ހަވާލުކުރޯ ޗަައިނާގެ ޝަންޔަންގް ޔުއާންޑާ އިންޓެލެކްޗުއަލް ގުރޫޕާއެވެ.

ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރާ ގޮތަށް، 16 ޓަވަރުގައި ޖުމްލަ 32 ލިފްޓު ހަރުކުރަން ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ން ވަނީ އެ ކުންފުންޏާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

comment ކޮމެންޓް