ވާހަކަދެއްކުމުގެ ގައުމީ މުބާރާތް ފޯރިއާއެކު ކުރިއަށް

އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 37ވަނަ ގައުމީ މުބާރާތުގެ ތެރެއިން -- ސަން ފޮޓޯ

މިދިޔަ ހޮނިހިރު ދުވަހު މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީގައި ފެށި، އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތައްޓަށް ބާއްވާ ވާހަކަދެއްކުމުގެ 37ވަނަ ގައުމީ މުބާރާތް ފޯރިއާއެކު ކުރިއަށް ގެންގޮސް، މުބާރާތުގެ ބަހުސް ބައި މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ.

މުބާރާތުގެ ބަހުސްގެ ބައި ފަށާނީ މާދަމާ މެންދުރެވެ. ބަހުސް ނިމުމުން މާދަމާ ހަވީރު ކުރިއަށް ގެންދާނީ ދަށު ސާނަވީ ގިންތީގެ ވާހަކަދެއްކުމެވެ. އެއަށްފަހު ކުރިއަށް ދާނީ މަތީ ސާނަވީ ގިންތީގެ ވާހަކަ ދެއްކުމެވެ.

ވާހަކަ ދެއްކުމުގެ މުބާރާތާ ގުޅިގެން މުހުޔިއްދީން ސްކޫލުގެ ފަރާތުން "ސަން"އާ ވާހަކަ ދެއްކި އަހްމަދު ޒައިން މުއުތަސިމް ބުނީ، މުބާރާތުގެ ކަންކަން ކުރިއަށް ދާގޮތާމެދު ހިތްހަމަ ޖެހޭކަމަށެވެ. އަދި ކިޔަވާ ކުދިންގެ ހިތްތަކުގައި ދިވެހި ބަހަށް އޮންނަ ޝައުގު އިތުރު ކުރުވަން މިއީ ވަރަށް މުހިންމު މުބާރާތެއް ކަމަށް ޒައިން ބުންޏެވެ.

ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގައި ބައިވެރިވާ އަހްމަދު ޒައިން މުއުތަސިމް: ކުދިންގެ ހިތްތަކުގައި ދިވެހި ބަހަށް އޮންނަ ޝައުގު އިތުރު ކުރުވަން މިއީ ވަރަށް މުހިންމު މުބާރާތެއް ކަމަށް ޒައިން ބުނި -- ފޮޓޯ/

"މި މުބާރާތުގައި ބައިވެރިވެގެން ތާރީޚާއި މިކަންކަން ދިރާސާކޮށް، ފޮތްތައް ކީމަ ވަރަށް މައުލޫމާތު ލިބިއްޖެ. އަދި ބަހަށް އޮންނަ ޝައުގުވެރިކަން އިތުރު ވެއްޖެ،" ޒައިން ބުންޏެވެ.

މުބާރާތާ ގުޅޭގޮތުން ވާހަކަ ދައްކަމުން އަހްމަދިއްޔާ ސްކޫލުގެ ދަރިވަރު އައިޝަތު އިންޝާ އިމްރާން ބުނީ، މިއީ ގައުމީ ވާހަކަ ދެއްކުމުގެ މުބާރާތުގައި އޭނާ ބައިވެރިވި ހަތަރުވަނަ އަހަރު ކަމަށެވެ. އަދި ކޮންމެ އަހަރަކު ވެސް މުބާރާތް ކުރިއަށް ދަނީ ވަރަށް ފުރިހަމަކޮށް ކަމަށް އޭނާ ބުންޏެވެ.

މިފަދަ މުބާރާތެއް ކުޑަ ކުދިންނަށް ޚާއްޞަކޮށް ބޭއްވުމުގެ މުހިންމުކަން ފާހަގަކޮށް އިންޝާ ބުނީ، މިފަދަ މުބާރާތްތަކުން ކުޑަކުދިންގެ މެދުގައި ގައުމީ ލޯބި އިތުރު ވާނެކަމަށެވެ.

ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގައި ބައިވެރިވާ އައިޝަތު އިންޝާ އިމްރާން: މިފަދަ މުބާރާތެއް ބޭއްވުމުން ކުޑަކުދިންގެ މެދުގައި ގައުމީ ލޯބި އިތުރުވާނެ ކަމަށް އިންޝާ ބުނި -- ސަން ފޮޓޯ

ދެ ދަރިވަރުން ވެސް ފާހަގަ ކުރި އެއް ކަމަކީ މުބާރާތުގައި ފަރިތަކުރަން ލިބޭ މުއްދަތު ކުޑަކަމެވެ. އެގޮތުން މިއަހަރުގެ މުބާރާތް މޮކް އިމްތިހާނާ ގާތްވުމުން ވެސް ގޮންޖެހުން ކުރިމަތިވި ކަމަށް ދަރިވަރުން ފާހަގަކުރިއެވެ.

"އެކަމަކު ފަރިތަކުރުން ރަނގަޅަށް ކުރިއަށް ގެންދެވުނު. އަޅުގަނޑުމެންނަށް ފަރިތަކުރަން ސްކޫލުން ވަގުތު ދިން،" އިންޝާ ބުންޏެވެ.

comment ކޮމެންޓް