ޕެޓް ކެއާ ފެސިލިޓީ އަޅަން، އިމާރާތް ކުރަހައިދޭނެ ފަރާތެއް ހޯދަނީ

މާލޭގެ މަގުމަތީގައި ބުޅާތަކެއް: ޕެޓް ކެއާ ފެސިލިޓީ އެޅުމުން، މާލެއަށް ދިމާވެފައިވާ، ބުޅާ އިތުރުވުމުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ސަރުކާރުން ބުނޭ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅާތައް ގެންގުޅޭނެ 'ޕެޓް ކެއާ ފެސިލިޓީ'އެއް އިމާރާތްކުރުމަށް، އެ ފެސިލިޓީ އިމާރާތް ކުރެވިދާނެ ގޮތެއް ކުރަހައިދޭނެ ފަރާތެއް ހޯދުމަށް އެނިމަލް ވެލްފެއާ މިނިސްޓްރީން ކުރި އިއުލާނުގެ މުއްދަތު މިއަދު އިތުރުކޮށްފިއެވެ.

އެ ފެސިލިޓީގެ އާކިޓެކްޗަރަލް ކުރެހުމާއި ޓެކްނިކަލް ސްޕެސިފިކޭޝަންއާއި މަސައްކަތުގެ އަގުތަކުގެ ލިސްޓު (ބީއޯކިއު) ހަދައިދޭނޭ ފަރާތެއް ހޯދުމަށް ފުރަތަމަ އިއުލާންކުރީ މިމަހުގެ ހަޔެއްގައެވެ. އެ އިއުލާނުގައި ބަޔާންކޮށްފައިވާ މަސައްކަތްތަކަކީ:

  • މިނިސްޓްރީން ދޭ ޑްރާފްޓް ފްލޯޕްލޭނާއި މައުލޫމާތު ކަރުދާހާ އެއްގޮތަށް ފެސިލިޓީގެ އިމާރާތުގެ އާކިޓެކްޗަރަލް، ސްޓްރަކްޗަރަލް ކުރެހުންތައް ތައްޔާރުކުރުން.
  • ޔޫޓިލިޓީއާ ގުޅޭ ސާވިސް ކުރެހުންތައް ތައްޔާރު ކުރުން.
  • އިމާރާތްތަކުގެ ކުރެހުންތަކާއި، އަދި ޔޫޓިލިޓީއާ ގުޅޭ ސާވިސް ކުރެހުންތަކުގެ މައްޗަށް ބިނާކޮށް އިމާރާތުގެ އެސްޓިމޭޓެޑް ޕްރައިޒްޑް ބީއޯކިއު ތައްޔާރުކުރުން.
  • މަސައްކަތްތަކުގެ ޓެކްނިކަލް ސްޕެސިފިކޭޝަން ތައްޔާރުކުރުން.

މިނިސްޓްރީއިން ނެރުނު އިއުލާނުގައި ވަނީ މިކުރެހުންތަކާއި ސްޕެސިފިކޭޝަންތަކަކީ ސަރުކާރުގެ އިމާރާތް ކުރުމާ ބެހޭ އިދާރާތަކުން ގަބޫލުކުރާ ފެންވަރުގެ ލިޔެކިޔުންތަކަކަށް ވާންޖެހޭނެ ކަމަށާއި ލައިސަންސް ލިބިފައިވާ ސްޓްރަކްޗަރަލް އިންޖިނިއަރަކާއި އާކިޓެކްޗަރެއް ކުރެހުންތައް ޗެކުކޮށް، އެފަރާތުގެ ތައްގަނޑު ކުރެހުންތަކުގައި ޖަހަންވާނެކަމަށެވެ.

މިކަމާ ގުޅޭ މަޢުލޫމާތު ސާފުކުރެއްވުމަށް މާދަމާ 10:00 އަށް، ވެލާނާގެ ހަތް ވަނަ ފަންގިފިލާގައި ހުންނަ އެނިމަލް ވެލްފެއާ މިނިސްޓްރީއަށް ދިޔުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް އަންނަ އަންގާރަ ދުވަހު 11:00އަށް މިނިސްޓްރީއަށް ދިޔުމަށް އިއުލާނުގައިވެއެވެ.

ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން ހަތް ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 ގައި ކަމަށް އެ މިނިސްޓްރީއިން ވަނީ ބުނެފައެވެ.

އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރުތަކަށް ރައްކާތެރި މާޙައުލެއް ފޯރުކޮށްދިނުމަށް ހަދާ، ޕެޓް ކެއާ ފެސިލިޓީ އަޅަން ސަރުކާރުން ނިންމާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ފަރުކޮޅުފުށީގައެވެ. އެ ފެސިލިޓީ އެޅުމުން، މާލެއަށް ދިމާވެފައިވާ، ބުޅާ އިތުރުވުމުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

އެ ފެސިލިޓީ ގާއިމުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާ ތެރޭގައި ކުރައްވަން ނިންމަވާފައިވާ ކަމެކެވެ.

comment ކޮމެންޓް