އެމްއާރްއެމް އުވައިލީ ގޯސްކޮށް ކަމަށް ކުރި ހުކުމް އީސީން އިސްތިއުނާފުކުރަނީ

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ އުފެއްދެވި މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އުވައިލަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމި ނިންމުން ގޯސްކަމަށް ސިވިލް ކޯޓުން ހޯމަ ދުވަހު ކުރި ހުކުމް އިސްތިއުނާފުކުރަން އެ ކޮމިޝަނުން ނިންމައިފިއެވެ.

އީސީގެ ސެކެޓްރީ ޖެނެރަލް ހަސަން ޒަކަރިއްޔާ މިއަދު 'ސަން'އަށް ވިދާޅުވީ، އެމްއާރުއެމް އުވައިލީ ގޯސްކޮށް ކަމަށް ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފުކުރަން އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އީސީން އެމްއާރުއެމް އުވާލަން ނިންމީ، ސިޔާސީ ޕާޓީއެއްގައި ތިބުން ލާޒިމުކުރާ 3،000 މެންބަރުން ހަމަނުވާ ކަމަށް ބުނެ، އެ އަދަދަށް މީހުން ހަމަކުރުމަށް އެ ޕާޓީއަށް މިދިޔަ އަހަރުގެ ފެބްރުއަރީ 22ގައި ތިން މަހުގެ ނޯޓިސްއެއް ދިނުމަށް ފަހުގައެވެ.

އީސީން ނިންމި މި ނިންމުމަކީ ޤަވާއިދާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ސިވިލް ކޯޓުން ވަނީ މިދިޔަ ހޯމަ ދުވަހު ވަނީ ހުކުމްކޮށްފައެވެ.

އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ، އެމްއާރުއެމަށް ދީފައިވާ ނޯޓިސް ދިނީ އެ ނޯޓިހުގެ މުއްދަތުގައި ކަންކުރާނެ ގޮތެއް އެނގެން ނެތް ގޮތެއްގައި ކަމަށެވެ. އެގޮތުން 22 ފެބްރުއަރީގައި ނޯޓިސް ދިންއިރު ޕާޓީގައި ތިބީ 2،981 މެންބަރުން ކަމަށް އީސީން ބުނިއިރު، ޕްރޮސެސް ނުކުރެވޭ ފޯމްތަކެއް ހުރިކަން އެ ނޯޓިހުން އެނގެން ނެތް ކަމަށް ހުކުމުގައިވެއެވެ.

އެމްއާރުއެމް އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ހާއްސަ ޖަލްސާއެއްގެ ތެރެއިން: އެމްއާރްއެމްއަށް މެންބަރުން ހަމަނުވެގެން އުވައިލި މައްސަލަ ކޯޓުން ވަނީ ކާމިޔާބުވެފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަމައެއާއެކު ބައެއް ފޯމްތައް ޕްރޮސެސްކުރުމުގައި ނޭކަށޭނަ ލަސްވުން ހިމެނޭކަން، މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭ ކަމަށް ވެސް އެ ހުކުމުގައިވެއެވެ.

ސިވިލް ކޯޓުން ވަނީ އީސީގެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށާއި އެމްއާރުއެމް އުވާލައި، ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އަންގައި މިދިޔަ އަހަރުގެ މެއި މަހުގެ 25ގައި އެ ޕާޓީއަށް އެންގި އެންގުމަކީ އަމަލު ނުކުރެވޭނެ އެންގުމެއް ކަމަށް ހުކުމްކޮށްފައެވެ.

މީގެ އިތުރުން، ޝަރީއަތުގެ ޚަރަދުގެ ގޮތުގައި 50،000 ރުފިޔާ އީސީގެ ފަރާތުން އެމްއާރުއެމަށް ދެއްކުމުގެ ގޮތުން، އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް ވެސް އެ ކޯޓުން އީސީގެ މައްޗަށް އަމުރުކުރިއެވެ.

އެމްއާރުއެމްގެ ރައީސް އަދި މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ވާދަކުރައްވަން މަސައްކަތް ކުރެއްވި ނަމަވެސް އެ ޕާޓީ އުވާލި މައްސަލަ ކޯޓުގައި އޮތުމުން އިންތިޚާބުގައި ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ.

އެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ފާރިސަށް ލިބިވަޑައިގަތީ 2،979 ވޯޓެވެ. ދެވަނަ ބުރުގައި އޭނާ އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވައެވެ.

comment ކޮމެންޓް