ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް ހާއްސަ ހައުސިން ސްކީމް މި އަހަރު ފެށޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދުކުރައްވާ ކަމަށާއި އެންމެ އަވަހަށް ހުޅުވާލައި ހައުސިން ސްކީމަކުން އެ ސިނާއަތުގެ މުވައްޒަފުންނަށް ފުލެޓު ހާއްސަކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އާންމުންނަށް ރައީސް މުއިއްޒާ ސުވާލު ކުރެވޭ ގޮތަށް ކުރިއަށް ގެންދާ 'ރައީސްގެ ޖަވާބު'ގެ މިއަދުގެ ޕްރޮގްރާމްގައި ރ. މީދޫ، ނަރުގިސް، ޠާހާ ޙުސައިން، ފަތުރުވެރިކަމުގެ ދާއިރާގެ މަސައްކަތްތެރީންގެ ހިޔާވަހިކަމާ ގުޅޭގޮތުން ޒުވާނުންގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ.
"ރިޔާސީ ކެމްޕޭނުގައި ރައީސް ވިދާޅުވެފަވަނީ އަޅުގަނޑުމެން ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އެ މަނިކުފާނުގެ މެނިފެސްޓޯގައި ބޯހިޔާވަހިކަމުގެ ކަންތައްތައް ފުރިހަމަ ކޮށްދެއްވާނެކަމަށް. ކޮން ދުވަހަކުން ދުވަހަކުންތޯ އެކަން ފެށިގެން ދާނީ،" ޠާހާ އެހިއެވެ.
މި ކަންބޮޑުވުމަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެ މަނިކުފާނު ވައުދުވެވަޑައިގަތް ގޮތަށް ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ޒުވާނުންނަކީ އެ މަނިކުފާނުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ބައެއް ކަމަށެވެ.
ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ދިވެހީންނަށް ހާއްސަ ހައުސިން ސްކީމެއް ކުރިއަށްގެންދަން ކެބިނެޓުން މިހާރު ފާސްކޮށްފައިވާ ކަމަށެވެ.
"މިކަމާ ގުޅޭ ބައިވަރު މަސައްކަތްތަކެއް ފަށައިގެން މި އުޅެނީ މިހާރު. އެންމެ އަވަހަށް ފެށޭ ހައުސިން ޔުނިޓްގެ މަސައްކަތްތަކުގެ ތެރޭގައި މިކަން ފެށިގެން ދާނެ. ވަރަށް އުންމީދު ކުރަން މި އަހަރުގެ ތެރޭގައި މިކަން ފެށޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވަނީ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއަރުވަން ޒުވާނުންގެ ހިޔާލާއި މަޝްވަރާ ބޭނުންކުރައްވާނެކަމުގެ ޔަގީންކަން އަރުއްވައިފައެވެ.
ދައުރުގެ ކުރީކޮޅު ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހާއްސަކޮށްގެން ހައުސިން މަޝްރޫއެއް ކުރިއަށް ގެންދިއުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި، އެ ސިނާއަތުގެ މަސައްކަތްތެރިންނަށް ރިޓާޔަމަންޓު ޕެންޝަން ފަންޑެއް ގާއިމުކޮށްދެއްވަން ވެސް ވައުދުވެވަޑައިގަތެވެ.