އާބަންކޯއިން އަލުން އެޗްޑީސީއަށް ނަން ބަދަލުކުރަން 776،000 ރުފިޔާ

އެޗްޑީސީ އޮފީސް: އާބަންކޯއިން އެޗްޑީސީއަށް ބަދަލުކުރަން 7 ލައްކައަށް ވުރެ ގިނަ ރުފިޔާ ޚަރަދުވި--- ފޮޓޯ: އެޗްޑީސީ

ހައުސިން ޑިވޮލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަން މިދިޔަ ސަރުކާރުން އާބަންކޯއަށް ބަދަލުކޮށްފައި އޮއްވައި، އެ ކުންފުނީގެ ނަން އަލުން އެޗްޑީސީއަށް ބަދަލުކުރަން 776،547.93 ރުފިޔާ ޚަރަދުވީ ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

އެޗްޑީސީގެ ނަމުގައި ހިންގަމުން އައި ކުންފުނި، އާބަންކޯއަށް ބަދަލުކުރީ މިދިޔަ އެމްޑީޕީގެ ސަރުކާރުގައި އާބަންކޯ 2021 ވަނަ އަހަރުގައި ކަމަށް އެ ކުންފުނިން ކުރިން ބުނި ނަމަވެސް، ރަސްމީކޮށް ކުންފުނި ރީބްރޭންޑް ކުރިކަން އިއުލާނުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އެޕްރީލް މަހުއެވެ.

އެކަމަކު، އެމްޑީޕީގެ ސަރުކާރު ބަދަލުވުމުން މިދިޔަ މަހު 18ގައި އަނެއްކާ ވެސް އާބަންކޯގެ ނަން އެޗްޑީސީއަށް ވަނީ ބަދަލުކޮށްފައެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ސަން"އިން ވަނީ އެޗްޑީސީގެ ނަން އާބަންކޯއަށް ބަދަލުކޮށްފައި އޮއްވައި، އަލުން އެޗްޑީސީއަށް ބަދަލުކުރަން ކުރި ޚަރަދުގެ ތަފުސީލުތައް ހޯދަން އެދިފައެވެ. އެ ކުންފުނިން މިއަދު ދިން ޖަވާބުގައި ވާގޮތުން، އެ ކަމަށް ޖުމުލަ 776،547.93 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އާބަންކޯގެ ނަން އަލުން އެޗްޑީސީއަށް ބަދަލުކުރަން މިދިޔަ މަހު އެ ކުންފުނީގައި ބޭއްވި ރަސްމިއްޔާތަށް ވެސް 186،300 ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.

އާބަންކޯއިން އެޗްޑީސީއަށް ރީބްރޭންޑުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

އެ ޚަރަދުތަކުގެ ތަފުސީލާއި މަސައްކަތް ކުރި ކުންފުނި:

  • މައި އޮފީހުގެ ލޯގޯ ބަދަލުކުރުން - 293،846.40 ރުފިޔާ - ޕްރިންޓް ލައިން
  • ޑިޕާޓްމަންޓުތަކާއި ސައިޓް އޮފީސްތަކުގެ ލޯގޯ ބަދަލުކުރުން - 60،594.85 ރުފިޔާ - އެންކޯ ހޯލްޑިންގްސް
  • މައި އޮފީހުގެ ލިސްޓް ސްޓިކާ ބަދަލުކުރަން - 8،933.76 ރުފިޔާ - އެންކޯ ހޯލްޑިންގްސް
  • ރަސްމީ ދިދައާއި ލެޓާހެޑް ހިމެނޭހެން ޕްރިންޓިން - 226،872.92 ރުފިޔާ - ޕްރިންޓް ހައުސް
  • ނަން ބަދަލުކުރަން ބޭއްވި ރަސްމިއްޔާތަށް ނާސްތާއާ އެކު - 186،300.00 ރުފިޔާ - ޗޮޕް އާޓު

އެޗްޑީސީން ބުނީ، އެ ބްރޭންޑަކީ ކުރިން ވެސް ބޭނުންކުރި ބްރޭންޑަކަށްވުމުން، ލޯގޯއަށް ގެންނަން ޖެހޭ ކުދިކުދި ބަދަލުތައް ގެނެސްފައިވަނީ އެ ކުންފުނީގެ މުވައްޒަފުން ކަމަށެވެ. އެހެންވެ، އެ ކަމަށް އެއްވެސް ހޭދައެއް ކުރަންޖެހިފައެއް ނުވެއެވެ.

https://sun.mv/187539

ކުރީ ސަރުކާރުގައި އާބަންކޯގެ ބްރޭންޑިން ތަންފީޒުކުރަން އެ ކުންފުނިން 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.

އޭރުގެ ތަފުސީލުތަކަށް ބަލާއިރު، އާބަންކޯއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ އެ ކުންފުނީގެ ދިދަ، ޓެންޓް އަދި ޑިސްޕްލޭ ބެނާ ސްޓޭންޑް ހެދުމަށެވެ. އެ ކަމަށް 353،008 ރުފިޔާ ޚަރަދު ކޮށްފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ގަލަމާއި، ނޯޓް ފޮތް އަދި ފެންބޯ މަގަށެވެ. އެކަމަށް ޚަރަދު ކޮށްފައިވަނީ 279،000 ރުފިޔާއެެވެ.

ކުރީ ސަރުކާރުން، އެޗްޑީސީގެ ނަން "އާބަންކޯ"އަށް ބަދަލުކުރީ ޤާނޫނީ ގޮތުން އެއްވެސް ބަދަލެއް ނުގެނެސް، ބަޔަކަށް ފައިސާދޭ އުސޫލުން ކަމަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ މީގެ ކުރިން ތުހުމަތުކުރައްވައިފިއެވެ.

comment ކޮމެންޓް