އާބަންކޯ އަނެއްކާ ވެސް އެޗްޑީސީގެ ނަމަށް ބަދަލުކޮށްފި

"އާބަންކޯ"އަށް ނަން ބަދަލުކޮށް، ރީބްރޭންޑް ކުރި އެޗްޑީސީގެ ނަން އަނެއްކާވެސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ބަދަލުކޮށްފި --- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ މުހައްމަދު މާވީ

ނިމުނު އަހަރު "އާބަންކޯ"އަށް ނަން ބަދަލުކޮށް، ރީބްރޭންޑް ކުރި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަން އަނެއްކާ ވެސް އެޗްޑީސީއަށް މިއަދު ބަދަލުކޮށްފިއެވެ.

އެޗްޑީސީން ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، ޤާނޫނީ ގޮތުން އެ ކުންފުންޏަށް އަދިވެސް ބޭނުންކުރާ ނަން، "ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)" އަލުން ބޭނުންކުރަން ނިންމައި، ނަން އިއުލާނުކޮށްދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދާއި ކުންފުނީގެ އިސްވެރިންނެވެ.

އެޗްޑީސީ ރީބްރޭންޑްކޮށް، ކުންފުނީގެ ނަން މޯލްޑިވްސް އާބަން ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް ބަދަލުކޮށް، ބްރޭންޑް ނަމަކަށް އާބަންކޯ ކިޔަން ނިންމާފައިވަނީ 2021 ވަނަ އަހަރުގައި ކަމަށް އެ ކުންފުނިން ކުރިން ބުނި ނަމަވެސް، ރަސްމީކޮށް ކުންފުނި ރީބްރޭންޑް ކުރިކަން އިއުލާނުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އެޕްރީލް މަހުއެވެ.

އާބަންކޯގެ ބްރޭންޑިން ތަންފީޒުކުރަން އެ ކުންފުނިން 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.

އޭރުގެ ތަފުސީލުތަކަށް ބަލާއިރު، އާބަންކޯއިން އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ އެ ކުންފުނީގެ ދިދަ، ޓެންޓް އަދި ޑިސްޕްލޭ ބެނާ ސްޓޭންޑް ހެދުމަށެވެ. އެ ކަމަށް 353،008 ރުފިޔާ ޚަރަދު ކޮށްފައިވެއެވެ. ދެވަނައަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ ގަލަމާއި، ނޯޓް ފޮތް އަދި ފެންބޯ މަގަށެވެ. އެކަމަށް ޚަރަދު ކޮށްފައިވަނީ 279،000 ރުފިޔާއެެވެ.

ކުރީ ސަރުކާރުން، އެޗްޑީސީގެ ނަން "އާބަންކޯ"އަށް ބަދަލުކުރީ ޤާނޫނީ ގޮތުން އެއްވެސް ބަދަލެއް ނުގެނެސް، ބަޔަކަށް ފައިސާދޭ އުސޫލުން ކަމަށް، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެސް ވަނީ މީގެ ކުރިން ތުހުމަތުކުރައްވައިފިއެވެ.

ކުންފުންޏަށް މިވީ 23 އަހަރުގެ ތެރޭގައި، ޤާނޫނީ ގޮތުން އެ ކުންފުންޏަށް އަބަދު ވެސް ކިޔަނީ އެޗްޑީސީ ކަމަށް މިއަދު ވެސް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް