ޕާކިސްތާނުގެ ބޮޑު ވަޒީރު ކަމަށް ނަވާޒުގެ ކޮއްކޮ ނެރެނީ

ނަވާޒް ޝަރީފްގެ ކޮއްކޮ އަދި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ޝެހެބާޒް ޝަރީފް -- ފޮޓޯ/ސީއެންއެން

މިދިޔަ ހަފުތާ ބޭއްވި ޕާކިސްތާނުގެ އާންމު އިންތިޚާބަށްފަހު ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފްގެ ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން)އާއި ބިލަވާލް ބުއްޓޫގެ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)އާ އެކު ކޯލިޝަން ހެދުމަށް އެތައް މަޝްވަރާތަކެއް ކުރުމަށް ފަހު ދެ ޕާޓީ ގުޅިގެން އާ ސަރުކާރު އެކުލަވައިލުމަށް އެއްބަސްވެއްޖެއެވެ.

ކޯލިޝަން ސަރުކާރުން ބޮޑު ވަޒީރު ކަމަށް ނެރެން މި ވަގުތު ވިސްނުން ހުރީ ނަވާޒްގެ ކޮއްކޮ ޝެހްބާޒް ޝަރީފެވެ. ޝެހެބާޒަކީ ވެސް ކުރީގައި ބޮޑު ވަޒީރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އަދި، ނިސްބަތްވެވަޑައިގަންނަވަނީ ބޭބޭފުޅު ނަވާޒްގެ ޕާޓީ ޕީއެމްއެންއެންއަށެވެ.

މި މަހުގެ އަށްވަނަ ދުވަހު ބޭއްވި އިންތިޚާބު ނިމިގެންދިޔައީ، ސަރުކާރެއް އުފައްދަން ބޭނުންވާ މިންވަރަށް އެއްވެސް ޕާޓީއަކަށް އަގުލަބިއްޔަތެއް ނުލިބިއެވެ. ސަރުކާރެއް އެކުލަވާލުމަށްޓަކައި 266 މެންބަރުން ހިމެނޭ ގާނޫނު ހަދާ މަޖިލީހުގެ 133 ގޮނޑި ޕާޓީއަކަށް ލިބެންޖެހެއެވެ.

އިންތިޚާބުގައި ޕީއެމްއެލްއެންއިން 80 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، ޕީޕީޕީއިން ވަނީ 54 ގޮނޑި ކާމިޔާބުކޮށްފައެވެ. އެހެންކަމުން ދެ ޕާޓީ ގުޅިގެން ާއ ސަރުކާރު އެކުލަވައިލުމުގެ ސާފު އަގުލަބިއްޔަތެއް ލިބެއެވެ.

އާ ސަރުކާރު އެކުލައިވައިލުމަށް ޕީއެމްއެލްއެންއާއެކު ކޯލިޝަން ހެދީ ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމުގެ މަގްސަދުގައި ކަމަށް ޕީޕީޕީގެ ކޯ ޗެއާމަން އަދި ޕާކިސްތާނުގެ ކުރީގެ ރައީސް އާސިފް އަލީ ޒަރުދާރީ ވިދާޅުވިއެވެ.

މި ފަހަރުގެ އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ކުރީގެ ބޮޑު ވަޒީރު އިމްރާނު ޚާން ތާއިދު ކުރެއްވި އަމިއްލަ ކެންޑިޑޭޓުންނެވެ. އެ ކެންޑިޑޭޓުންނަށް 93 ގޮނޑި ލިބިފައިވެއެވެ. ނަމަވެސް ޕާކިސްތާނުގެ ސިޔާސަތު އޮންނަ ގޮތުން އަމިއްލަ ކެންޑިޑޭޓުން ޕާޓީއަކަށް ނިސްބަތްނުވެ ސަރުކާރު އެކުލަވައެއްނުލެވޭނެއެވެ. އެކަމާގުޅިގެން ޕީއެމްއެލްއެންގެ ލީޑަރު ޝެހްބާޒް ވަނީ އިމްރާން ތާއީދުކުރައްވާ މިނިވަން މެމްބަރުންނަށް އާ ސަރުކާރު އުފައްދަން ނާކާމިޔާބުވާނެ ކަމަށް ބުނެ ގޮންޖައްސަވައިފައެވެ.

ޚާންގެ މީޑިއާ ޓީމުން ބުނާގޮތުގައި ހާންގެ ތާއީދު އޮންނަ މެންބަރުން، ޕާކިސްތާނުގެ މައިގަނޑު ތިން ޕާޓީ ކަމަށްވާ ޕީއެމްއެލްއެން، ޕީޕީޕީ އަދި މުއްތަހިދާ ނޭޝަނަލް މޫވްމެންޓް (އެމްކިޔުއެމް)އާ ވެސް ގުޅިގެން މަސައްކަތް ނުކުރާނެ ކަމަށް ވަރަށް ސާފުކޮށް ބުނެފައިވާނެ ކަމަށެވެ. އަދި މިނިވަން އެއްވެސް މެންބަރަކު ކޯލިޝަން ހަދާ ސަރުކާރަކާ ނުގުޅޭނެ ކަމަށް އެ ޕާޓީން ބުނެއެވެ.

މި ފަހަރު އާ ސަރުކާރެއް އެކުލަވާލުމަށް ޕީއެމްއެލް-އެން އާއި ޕީޕީޕީ ކޯލިޝަން ހަދާއިރު، އިމްރާން ވެރިކަމުން ދުރުކުރުމަށްޓަކައި 2022 ވަނަ އަހަރު ވެސް އެ ދެ ޕާޓީން ކޯލިޝަން ހެދިއެވެ.

ސިޔާސީ ހަމަނުޖެހުތަކުގެ އިތުރުން އިގުތިސާދީ ގޮތުން ވެސް ހީނަރުވެފައި އޮތް ޕާކިސްތާނަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ވަނީ ތިން ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދީފައެވެ. ނަމަވެސް އެ އެހީގެ މުއްދަތު އަންނަ މާޗު މަހު ނިމުމަކަށް އަންނާނެއެވެ. އިގުތިސާދީ އަޑިގަޑުން އަރައިގަނެވިފައިނުވާ ޕާކިސްތާނަށް އަދި އިތުރު މާލީ އެހީ ބޭނުންވާނެ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އާ މާލީ ޕްރޮގްރާމެއް ފަށަން އަވަސް އަދި ހަރުދަނާ މަޝްވަރާތަކުރުމަކީ ާއ ސަރުކާރަށް ބޮޑު ގޮންޖެހުމަކަށްވާނެ ކަމެއް ކަމަށް ވެސް އެ ފަރާތްތަކުން ދެކެއެވެ.

comment ކޮމެންޓް