ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ގާއިމުކޮށްފި

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާން: ތުރުކީގައި ދިވެހި އެމްބަސީއެއް ވަނީ ގާއިމުކޮށްފައި -- ފޮޓޯ/ ރައީސް އޮފީސް

ތުރުކީގައި ރާއްޖޭ ތަމްސީލުކުރާ އެމްބަސީއެއް މިއަދު ގާއިމުކޮށްފިއެވެ.

ރައީސް އޮފީހުން ބުނީ، "ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ"ގެ ނަމުގައި އިދާރާއެއް މިއަދު އުފެއްދީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ)އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން ކަމަށެވެ.

އެ އެމްބަސީ ހިންގާނީ ފޮރިން މިނިސްޓްރީން ކަމަށާއި، އެމްބަސީ ހުޅުވުމުގެ މަގުސަދަކީ ރާއްޖެއާއި ތުރުކީއާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ ފުޅާކޮށް، ދެ ގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، އިގުތިސާދީ އަދި ސަގާފީ ގުޅުންތައް އިތުރަށް ކުރިއެރުވުމަށް ކަމަށް އެ އޮފީހުން ބުންޏެވެ.

ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ހަމަޖެއްސި މަސައްކަތްތަކަކީ:

1. ތުރުކީގައި ދިވެހިރާއްޖެ ތަމްސީލުކޮށް، އެ ގައުމުގައި ދިވެހިރާއްޖޭގެ ގައުމީ މަސްލަހަތު ކުރިއަރުވައި، ދިވެހިރާއްޖެއަށް ފައިދާ އާއި މަންފާ ލިބޭނެ ފުރުސަތުތައް ހޯދައި ފުޅާކުރުމަށް މަސައްކަތްކުރުން.

2. ތުރުކީއަށް ޒިޔާރަތް ކުރާ ދިވެހިންނާއި ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް، ލުއިފަސޭހަ ގޮތްތައް ހޯދައި ދިނުމަށް މަސައްކަތްކުރުން.

3. ތުރުކީ ސަރުކާރުގެ އިސް ފަރާތްތަކާއި، ޕާލަމަންޓް މެންބަރުންނާއި، މީޑިއާގެ ފަރާތްތަކާއި، ތުރުކީގައި ހަރަކާތްތެރިވާ ޑިޕްލޮމެޓިކް ކޮމިއުނިޓީއާ ގުޅުން އުފައްދައި، އެފަރާތްތަކަށް ރާއްޖެ ތައާރުފުކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް އެ ގުޅުން ދެމެހެއްޓުން.

4. ތުރުކީގައި ހިންގާ މުހިންމު ސިޔާސީ، އިގުތިސާދީ ކަންކަމާއި އެނޫންވެސް މުހިންމުވާނެ ކަމަށް އެމްބަސީއަށް ފެންނަ ކަންކަމާބެހޭ ރިޕޯޓު ފޮނުވަންޖެހޭ ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް، ލަސްނުކޮށް ފޮނުވުން.

5. ތުރުކީގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާބެހޭ މައުލޫމާތު ދީ އިންވެސްޓަރުން ރާއްޖެ ގެނައުމަށް މަގުފަހިކުރުމަށް، ސަރުކާރާއި އަމިއްލަ ފަރާތްތަކާއެކު ކުރަންޖެހޭ ކަންތައްތައްކުރުން. އަދި، ރާއްޖޭގެ އިންވެސްޓަރުންނަށް ތުރުކީގައި ހުރި ފުރުސަތުތަކާބެހޭ މައުލޫމާތުދީ އެފަދަ އިންވެސްޓަރުންނަށް ތުރުކީގައި ހުރި ފުރުސަތުތައް ތަނަވަސްކޮށް ދިނުމަށް ދެ ގައުމުގެ ސަރުކާރާއި، އަމިއްލަ ފަރާތްތަކާއެކު ކުރެވެންހުރި ކަންތައްތަކަށް މަގުފަހިކޮށްދިނުން.

6. ތުރުކީގައި ދިވެހިރާއްޖެ ތަމްސީލުކުރާ ފަރާތުގެ ހައިސިއްޔަތުން އެކިއެކި އިޖުތިމާއީ ހަފުލާތަކުގައި ބައިވެރިވެ، ރާއްޖެ ތަމްސީލުކޮށް، ރާއްޖޭގެ މަސްލަހަތުތައް ކުރިއެރުވުމަށް އެފަދަ ފުރުޞަތުތައް ބޭނުންކުރުން.

7. ރާއްޖޭގެ މިނިވަން ދުވަހާއި، ގައުމީ އެހެނިހެން ދުވަސްތައް ތުރުކީގައި ފާހަގަކުރުން.

8. ތުރުކީ ސަރުކާރުންނާއި އެކިއެކި ބައިނަލްއަގުވާމީ ޖަމާޢަތްތަކާއި އަމިއްލަ އެކިއެކި ޖަމާޢަތްތަކުން ބާއްވާ ޖަލްސާ، ސެމިނަރ އަދި ވޯކްޝޮޕް ފަދަ ކަންކަމުގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން އަންގަވާ ގޮތެއްގެ މަތިން ރާއްޖެ ތަމްސީލުކުރުން.

9. ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެހީ ހޯދުމަށް ދިވެހި ސަރުކާރުން ތުރުކީ ސަރުކާރަށް ހުށަހަޅުއްވާ މަޝްރޫއުތައް ވިލަރެސްކުރުން.

10. މީހުން ބިނާކުރުމަށް ތުރުކީން އިތުރު ފުރުސަތުތައް ހޯދުމުގައި ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

11. އެމްބަސީގެ މަސައްކަތަށް އެހީ ލިބޭފަދަ ފޮތާއި އެނޫންވެސް، މައުލޫމާތު ހުރި ލިޔެކިޔުން، އެމްބަސީގެ ލައިބްރަރީއަށް ޖަމާކޮށް، ބެލެހެއްޓުން.

12. ތާރީޚަށްޓަކައި އަދި އެނޫންވެސް ކަމަކަށް ބޭނުންވެދާނެކަމަށް ފެންނަ ލިޔެކިޔުންތަކާއި، އެނޫންވެސް އެފަދަ ތަކެތި އާކައިވްކޮށް ބެލެހެއްޓުން.

13. ސަރުކާރުގެ ފަރާތްތަކުން ތުރުކީ ސަރުކާރަށާއި، ތުރުކީގައި ހުންނަ އެހެން ގައުމުތަކުގެ މިޝަންތަކަށާއި ބައިނަލްއަގުވާމީ ޖަމުއިއްޔާތަކަށް ފޮނުއްވާ ލިޔުންތަކާއި ތަކެތި، ކަމާބެހޭ ފަރާތްތަކަށް ރައްދުކުރުން.

14. ރަސްމީ ދަތުރުފުޅުތަކުގައި ތުރުކީއަށް ވަޑައިގަންނަވާ ސަރުކާރުގެ އިއްޒަތްތެރިންނަށް (މިނިސްޓަރުންނާއި އެފެންވަރުގެ ބޭފުޅުންނަށް) ހަމަޖެހިފައިވާ އުސޫލުތަކުގެމަތިން ޕްރޮޓޮކޯލް ޚިދުމަތް ފޯރުކޮށް ދިނުން.

15. މިނިސްޓްރީން އަންގަވައިފި ހިނދެއްގައި، ދިވެހިރާއްޖޭގެ ޝަރުއީ ކޯޓަކުން ހޯދުމަށް ބޭނުންވާ މީހަކު، ތުރުކީއަށް އެތެރެވިތޯ ނުވަތަ ނޫންތޯ، ތުރުކީގެ ފޮރިން މިނިސްޓްރީއާ ގުޅައިގެން ބެލުމަށް މަސައްކަތްކުރުން.

16. ތުރުކީގައި އުފަންވާ ދިވެހި ކުދިން ރާއްޖެ ގެނައުމަށް ބޭނުންވާ ވަގުތީ ޓްރެވަލް ޑޮކިއުމަންޓް ދޫކުރުމާއި، ސަރުކާރުން އަންގަވައިފި ހިނދެއްގައި އެންގެވި ފަރާތްތަކަށް ޓްރެވަލް ޑޮކިއުމަންޓް ދޫކުރުން.

17. ހާލުގައިޖެހިގެން އެކިއެކި އެހީއަށްއެދޭ ދިވެހިންގެ މައްސަލަ، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ ގުޅައިގެން ހަމަޖެހޭތޯ ބެލުމާއި، ހާލުގައިޖެހޭ ފަރާތްތަކަށް އެހީތެރިވެދިނުން.

18. ތުރުކީ ސަރުކާރުގެ އެކިއެކި ޕުރޮގުރާމުގެ ދަށުން ތުރުކީގައި ކިޔަވާ ކުދިންނާއި، ދިވެހި ސަރުކާރުގެ ޚަރަދުގައި ކިޔަވާ ކުދިންނާއި، އަމިއްލަ ޚަރަދުގައި ކިޔަވާ ކުދިންނަށް ދިމާވާ އެކިއެކި މައްސަލަތައް ހައްލުކޮށް ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން.

19. ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން، އެމްބަސީގެ ދަށުން މޯލްޑިވްސް ސެންޓަރުތައް ގާއިމުކޮށް ހިންގުމާއި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ވިލަރެސްކުރުން.

20. ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ފަތުރުވެރިކަމުގެ ސިނާއަތާ ގުޅޭގޮތުން، ތުރުކީގެ ފަތުރުވެރިންނަށާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް މައުލޫމާތު ފޯރުކޮށްދިނުމާއި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް އިސްތިހާރު ކުރެވެން ހުރި ފުރުސަތުތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުން.

21. ދިވެހިރާއްޖޭގެ ވިޔަފާރިއާއި އިގުތިސާދީ އަދި ތަރައްގީގެ މަސައްކަތްތައް ކުރިއަށްދާ މިންވަރުގެ މައުލޫމާތު، ތުރުކީގެ އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން.

22. ދިވެހި ސަރުކާރުން އަންގާ އިތުރު ކަންތައްތައް ކުރުން.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރެއްވި ފުރަތަަމަ ރަސްމީ ދަތުރުފުޅުގައި ވަޑައިގަތީ ތުރުކީއަށެވެ. އެ ދަތުރުފުޅުގައި އެ މަނިކުފާނު، ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނާ ބައްދަލުކުރެއްވިއެވެ.

https://sun.mv/185329

އެ ދަތުރުފުޅުގައި ދިވެހިންނާ ބައްދަލުކުރައްވައި ރައީސް، އެގައުމުގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރައްވާނެކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް