އިންޑިއާއިން ޒަރޫރީ ކާތަކެއްޗާއި ހިލަވެލީގެ ކޯޓާ، ކުރިން ނުކުރާ މިންވަރަކަށް އިތުރުކޮށްދީފި

މާލޭ ބާޒާރުގައި ވިއްކަން ބަހައްޓައިފައި ހުރި ފިޔާ ބަސްތާތަކެއް: އިންޑިއާއިން ވަނީ ޒަރޫރީ ކާތަކެތީގެ ކޯޓާ އިތުރުކޮށްދީފައި -- ސަން ފޮޓޯ/ މުޙައްމަދު ނާއިލް ޙަފީޒް

އިންޑިއާއިން ޒަރޫރީ ކާތަކެއްޗާއި ހިލަވެލީގެ ކޯޓާ، ކުރިން ނުކުރާ މިންވަރަކަށް އިތުރުކޮށްދީފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނީ، މިއަހަރަށް ކޯޓާ އިތުރުކޮށްދީފައި ވަނީ ދިވެހި ސަރުކާރުގެ އެދުމަށް ކަމަށެވެ. އެ ކޮމިޝަނުން ބުނީ، ރާއްޖެއާއި އިންޑިއާއާ ދެމެދު 1981ގައި ހަދާފައިވާ 'އެގްރިމެންޓް އޮން ޓްރޭޑް ކޯޕަރޭޝަން'ގެ ދަށުން މިއީ މިހާތަނަށް ކޯޓާ އެންމެ ބޮޑަށް އިތުރުކުރި ފަހަރު ކަމަށެވެ.

އެ ކޮމިޝަނުން ބުނީ، އިންޑިއާއިން ނިންމާފައިވަނީ އިމާރާތް ކުރުމަށް ބޭނުންވާ ހިލައާއި ހިލަވެލީގެ ކޯޓާ އެއް މިލިއަން މެޓްރިކް ޓަނަށް އިތުރު ކުރުމަށް ކަމަށާއި އެއީ 25 ޕަސެންޓުގެ އިތުރުވުމެއް ކަމަށެވެ.

މީގެ އިތުރުން ބިސް، އަލުވި، ފިޔާ، ހަކުރު، ހަނޑޫ، ގޮދަން ފުށް އަދި މުގުގެ ކޯޓާ ފަސް ޕަސެންޓް އިތުރުކޮށްދީފައިވާ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.

އިންޑިއާގެ ކޮމާސް އެންޑް އިންޑަސްޓްރީ މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖެއަށް ހަމަޖައްސާފައިވާ ކޯޓާއަކީ:

ބިސް: 427 މިލިއަން

އަލުވި: 21،513.08 މެޓްރިކް ޓަނު

ފިޔާ: 35،749.13 މެޓްރިކް ޓަން

ހަނޑޫ: 124،218.36 މެޓްރިކް ޓަން

ގޮދަން ފުށް: 109،162.96 މެޓްރިކް ޓަން

ހަކުރު: 64،494.33 މެޓްރިކް ޓަން

މުގު: 224.48 މެޓްރިކް ޓަން

އެ މިނިސްޓްރީން ވަނީ، އިންޑިއާއިން އެ ބާވަތްތަކުގެ އެކްސްޕޯޓަށް މިއަހަރު ގެންނަ ކޮންމެ ބަދަލަކުން ވެސް މި ކޯޓާ އިސްތިސްނާ ވާނެކަން ފާހަގަކޮށްފައެވެ.

comment ކޮމެންޓް