ތުރުކީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވަން މަޝްވަރާކުރަނީ

ރައީސް ޑރ. މުޙައްމަދު މުއިއްޒު ތުރުކީގައި ދިރިއުޅޭ ދިވެހީންނާ ބައްދަލުކުރެއްވުން-- ފޮޓޯ/ ރައީސް އޮފީސް

ތުރުކީވިލާތުގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މަޝްވަރާ ކުރައްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، ރައީސްގެ ދެކަނބަލުން ތުރުކީއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ ތުރުކީގެ ނޭޝަންސް ލައިބްރަރީގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ތުރުކީގައި ދިރިއުޅޭ ދިވެހިންނަށް ދެވެން އޮތް ހުރިހާ ލުއި ފަސޭހައެއް ހޯދައިދެއްވަން މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފިއެވެ. ރައީސް ވަނީ ތުރުކީގައި ދިރިއުޅެމުންދާ ދިވެހިން ބޭނުންވާ ކަންތައްތަކާއި އެ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ބައްލަވާ އެކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.

އެގޮތުން ތުރުކީގައި ދިރިއުޅެމުންދާ ދިވެހިން ވަނީ އެ މީހުންނަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާ ކަންކަމާއި، އެ ގައުމުގައި ކުރިމަތިވާ ގޮންޖެހުންތައް ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި:

  • ތުރުކީވިލާތުގައި ރާއްޖޭގެ އެމްބަސީއެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތައް.
  • ރާއްޖެއިން ބޭރުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ނެގޭ އަދަދު މިހާރު ކަނޑައަޅާފައިވާ މިންގަނޑުގެ ސަބަބުން ދިމާވާ އުނދަގޫތައް.
  • އެކިއެކި ތަމްރީނުތައް ފުރިހަމަ ކުރުމަށްޓަކައި އެ ގައުމުގައި ތިބި ފަރާތްތައް، ޗުއްޓީގައި ރާއްޖެއަށް އަނބުރާ ދިއުމަށް ކުރިމަތިވާ ގޮންޖެހުންތައް.

މީގެ އިތުރުން ތަމްރީނުގެ ފުރުސަތުތަކާއި، ސްކޮލަޝިޕް ފުރުސަތުތައް ދިވެހިންނަށް އިތުރަށް ފަހިކޮށްދެއްވުމަށް ތުރުކީގައި ދިރިއުޅެމުންދާ ދިވެހިން ވަނީ ރައީސްގެ އަރިހުން އެދިފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ކަނޑައަޅާފައިވާ މިންގަނޑަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ވެސް ވިދާޅުވެފައެވެ.

ހަމައެއާ އެކު ތުރުކީގެ އިސް ބޭފުޅުންނާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައި އެ ބޭފުޅުން ވަނީ އަންނަ އަހަރުން ފެށިގެން ރާއްޖެއަށް ޚާއްސަކޮށް 30 ސްކޮލަޝިޕް ފުރުސަތެއް ދޭނެ ކަމަށް ވިދާޅުވެފައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި، އެ ފުރުސަތުތަކަށް އަންނަ ޖެނުއަރީ މަހު ހުޅުވާލައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ރާއްޖޭން ބޭރުގައި ކިޔަވާ ހުރިހާ ކުދިންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކޮށްދޭން މަސައްކަތް ކުރާނެ ކަމަށާއި، ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކޮށްގެން އެކަންކަން ފަސޭހަކޮށްދެއްވުމަށް މަސައްކަތް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު އާއި ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރުދުޣާން ބައްދަލުކުރެއްވުން-- ފޮޓޯ/ ތުރުކީގެ ރައީސް އޮފީސް

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް ވަނީ، ތުރުކީއަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށާއި، ރާއްޖެއަށް ފައިދާހުރި އެކި ދާއިރާތަކުން އެހީތެރިވެދޭ ގައުމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ. އަދި، މުސްތަގުބަލުގައި ތުރުކީވިލާތާ އެކު މިހާރަށްވުރެ ގާތްގުޅުމެއް އުފެއްދޭނެކަމުގެ ޔަގީންކަން އޮތްކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ތުރުކީއަށް ކުރައްވާ މި ދަތުރުފުޅަކީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރެއްވި ފުރަތަަމަ ރަސްމީ ދަތުރުފުޅެވެ.

އެގޮތުން ރައީސް މުއިއްޒު ވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާ ވެސް ބައްދަލުކުރައްވާފައެވެ. އަދި، އެ މަނިކުފާނު ވަނީ އެ ގައުމުގެ ޔޫނިއަން އޮފް ޗޭމްބާސް އެންޑް ކޮމޯޑިޓީ އެކްސްޗޭންޖެސްގެ ރައީސާ ވެސް ބައްދަލުކުރައްވައި، ދެ ގައުމުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.

ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި، އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ވިޔަފާރިއާއި އިމާރާތްކުރުމާއި ފަތުރުވެރިކަމުގެ ސިނާއަތްތަކުގައި ކުރެވެން ހުރި އިންވެސްޓްމެންޓްތަކާއި ފުރުސަތުތަކަށެވެ. އަދި، އުފެއްދުންތެރިކަމުގައި ބޭނުންކުރެވޭނެ މުދާ ތުރުކީން ރާއްޖެއަށް އެތެރެކުރުމާ ބެހޭ ގޮތުން ވެސް ދެ ބޭފުޅުން މަޝްވަރާކޮށްފައިވާ ކަމަށް އެ އޮފީހުން ބުންޏެވެ.

ތުރުކީއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފައިވަނީ މެއި 28، 1979ގައެވެ.

comment ކޮމެންޓް