ޝަރުތު ހަމަވި މީހުންނަށް އަންނަ ހަފުތާގައި ފުލެޓު ދޫކުރަން ފަށަނީ

އެފްޑީސީން އަޅަމުންދާ ފްލެޓުތަކުގެ ތެރެއިން ފިނިޝިން މަސައްކަތް ނިމިފައިވާ ފްލެޓެއް -- ސަން ފޮޓޯ

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ 4،000 ފުލެޓަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތުހަމަވީ ކަމަށް ކަނޑައެޅި މީހުންގެ ތެރެއިން ފޯމުތަކުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމި 20 އިންސައްތަ މީހުންގެ ފުލެޓުތައް އަންނަ ހަފުތާގައި ދޫކުރަން ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ސަރުކާރުން އާންމުކުރި ފުލެޓު ލިސްޓާ ގުޅިގެން ކަންބޮޑުވުން ބޮޑުވެފައި އޮއްވައި އޭސީސީން ވަނީ އެ ލިސްޓުގައި ނަން އޮތް 60 އިންސައްތައެއްހާ މީހުންގެ ޝަރުތު ފުރިހަމަނުވާ ކަމަށް ބުނެފައެވެ. އެ ކޮމިޝަނުން ބުނީ، ޝަރުތު ފުރިހަމަވެ، ފޯމުގައި އެއްވެސް މައްސަލައެއް ނެތީ މިދިޔަ ސަރުކާރުން އާންމުކުރި ލިސްޓުގައި ހިމެނޭ އެންމެ 20 އިންސައްތަ މީހުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައާ ބެހޭ ކޮމިޓީއަށް މިއަދު ވަނީ މިނިސްޓަރު ހައިދަރު ހާޒިރުކޮށްފައެވެ. ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ޝަރުތު ހަމަވިކަމަށް އޭސީސީން އެންގި މީހުންނަށް ފުލެޓު ދިނުން ލަސްވަނީ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް މިނިސްޓްރީއަށް ނުލިބޭތީ ކަމަށެވެ.

އެގޮތުން، އޭސީސީން ބެކަޕެއް ހެދުމަށް ފަހު، "ދެތިން ދުވަހެއްގެ" ތެރޭގައި ޕޯޓަލްގެ އެކްސެސް މިނިސްޓްރީއަށް ދޭނެ ކަމަށް މި ހަފުތާގެ ކުރީކޮޅު ބުނެފައިވާ ކަމަށް ހައިދަރު ވިދާޅުވިއެވެ.

"މި މަސައްކަތް ކުރަނީ ވީހާ ވެސް އަވަހަކަށް ޝަރުތު ހަމަވި މީހުންނަށް ފުލެޓުތައް ހަވާލުކުރުމުގެ މަސައްކަތް ކުރެވޭތޯ،" މިނިސްޓަރު ވިދާޅުވިއެވެ.

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މަޖިލީހުގެ ކޮމިޓީގައި -- ފޮޓޯ: މަޖިލިސް

ބޯހިޔާވަހިކަމުގެ ކަންބޮޑުވުންތަކާ ގުޅިގެން މަޖިލީހުން ރުހުން ވެސް ނުދިން މިނިސްޓަރު ހައިދަރު މިއަދު ވިދާޅުވީ، ޕޯޓަލްގެ އެކްސެސްގެ ލިބުމުން، ޝަރުތު ހަމަވި މީހުންނަކީ ކޮން ބައެއްކަން ދެނެގަނެ، އެ މީހުންގެ ޝަރުތުހަމަވާކަން ޔަގީންކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

އަންނަ ހަފުތާގެ ކުރީކޮޅު ޕޯޓަލްއަށް އެކްސެސް ލިބުމުން، މިނިވަން ކޮމިޓީއެއް އެކުލަވައިލާ ޝަރުތުހަމަވާ މީހުން ޔަގީންކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި، އަންނަ ހަފުތާގައި މަސައްކަތް ފެށި، ދެ ހަފުތާއެއްހައި ދުވަހުގެ ތެރޭގައި ޝަރުތުހަމަވި 824 މީހުންނަށް ފުލެޓު ދޫކޮށް ނިންމައިލެވޭނެ ކަމަށް ހައިދަރު ވިދާޅުވިއެވެ.

މީގެ އިތުރުން، މިނިސްޓަރު ވިދާޅުވީ މިހާރު އާންމުކޮށްފައިވާ ލިސްޓުގައި އޮތް ނަމަވެސް ޝަރުތުހަމަނުވާ މީހުންނަށް ފުލެޓު ދޫނުކުރާނެ ކަމަށެވެ.

"ޝަރުތުހަމަނުވާކަން ކަނޑައެޅިގެން އެނގޭ ބަޔަކަށް ދޫކުރުމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށް ތި ބޭފުޅުންނަށް ވެސް ގަބޫލުކުރެއްވޭނެ ކަމަށް ދެކެނީ،" ޝަރުތުހަމަނުވާ ކަމަށް ކަނޑައެޅި މީހުންގެ އެއްބަސްވުން ބާތިލުކުރުމުގެ ފުރުސަތު މިނިސްޓްރީއަށް އޮތްކަން ފާހަގަކޮށް ހައިދަރު ވިދާޅުވިއެވެ.

https://sun.mv/188555

ފުލެޓަށް ކުރިމަތިލާއިރު ޕޯޓަލްއަށް ދޭ މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތެއް ނަމަ، އެއްބަސްވުން ބާތިލުވާނެ ކަމަށް ބަޔާންކޮށްފައިވާކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ، އެހެންވެ ޝަރުތުހަމަނުވާ މީހުންނަށް ފުލެޓު ދޫނުކުރާނެ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފުލެޓް ދިނުމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު އާންމު ކުރުމުން، ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އޭސީސީން ޖިނާއީ ތަހުގީގެއް ފެށިއެވެ.

އެ ތަހުގީގާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުލެޓު ދޫކުރުން މަޑު ޖެހިފައި އޮތުމަށް ފަހު މި މަހުގެ އެކެއްގައި އޭސީސީން ވަނީ ބައެއް ކަންތަކަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފައެވެ.

ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން އޭސީސީން ހުއްދަ ދިން ނަމަވެސް، އެ ކޮމިޝަނުން ވަނީ، 4،000 ފުލެޓު ލިބުނު މީހުންގެ ތެރެއިން 59.6 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް މީގެ ކުރިން ބުނެފައެވެ.

comment ކޮމެންޓް