ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއް ކަމަށްވާ ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން، ހައުސިން މިނިސްޓްރީން ދީފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން މިއަދު ބުނެފިއެވެ.
އެޗްއާރްސީއެމްއިން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، ގެދޮރުވެރިޔާ މަޝްރޫއާ ގުޅިގެން މީހުންގެ ހައްގުތަކެއް ގެއްލޭ ކަމަށް ބުނެ އެ ކޮމިޝަނަށް މައްސަލަތަކެއް ހުށަހަޅާފައިވެއެވެ. އެ މައްސަލައިގައި އެޗްއާރްސީއެމުން ބަލަމުން އަންނަނީ އިންސާނީ ހައްގުތަކުގެ ނަޒަރުން މި މަޝްރޫއުގެ ދަށުން ކަން ހިނގާފައިވާ ގޮތުގެ ތަފްސީލަށް ކަމަށް އެ ބަޔާނުގައިވެއެވެ.
އެ ތަހުގީގު ތެރެއިން އެޗްއާރުސީއެމުން ވަނީ މައްސަލަ ހުށަހެޅި ފަރާތްތަކުގެ އިތުރުން ހައުސިން މިނިސްޓްރީއާއި، ފްލެޓް ލިސްޓުގައި ހުރި މައްސަލަތައް ބަލަމުން އަންނަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ވެސް ބައްދަލުކޮށްފައި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އޭގެ ތެރެއިން ހައުސިން މިނިސްޓްރީއާއެކު ބޭއްވި ހުރިހާ ބައްދަލުވުމެއްގައި ވެސް އެ މިނިސްޓްރީން ވަނީ ލިސްޓު ބާތީލުކޮށް، އަލުން އިއުލާން ނުކުރާނެ ކަމުގެ ޔަގީންކަން ދީފައި ކަމަށް އެޗްއާރުސީއެމުން ބުންޏެވެ. އަދި މިހާރު އޭސީސީން އެ މައްސަލައާމެދު ގޮތްތަކެއް ކަނޑައަޅާފައިވާތީ، އެ މަޝްރޫއާ މެދު އަމަލުކުރަންވީ ގޮތުގެ ލަފަޔަކަށް މިނިސްޓްރީން ބަންޑާރަ ނައިބުގެ އޮފީހުގައި އެދިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މީގެ އިތުރުން، އެ މައްސަލައާ ގުޅިގެން އެޗްއާރުސީއެމުން އިތުރަށް ސާފުކުރަން ޖެހޭ މައުލޫމާތުތައް ލިޔެކިޔުމުން ހޯދުމަށް އެދިފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން އިތުރު ބައްދަލުވުންތައް ބާއްވަން ރާވާފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
އެޗްއާރުސީއެމުން ބުނީ، މި މައްސަލައަކީ މީހުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި މައްސަލައެއް ކަމުގައިވުމުން މި މައްސަލަ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް އެ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި، އެ މައްސަލަ ތަހުގީގުކޮށް ނިމުމުން މައްސަލައާ މެދު ނިންމާ ގޮތުގެ ތަފްސީލް މައްސަލަ ހުށަހެޅި ފަރާތްތަކަށް ހިއްސާކުރާނެ ކަމަށް އެޗްއާރުސީއެމުން ބުންޏެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފުލެޓް ދިނުމަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު އާންމު ކުރުމުން، ފުލެޓުތައް ދޫކުރުމުގައި މައްސަލަ އުޅޭ ކަމަށް ބުނެ، އޭސީސީން ޖިނާއީ ތަހުގީގެއް ފެށިއެވެ.
އެ ތަހުގީގާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ފުލެޓު ދޫކުރުން މަޑު ޖެހިފައި އޮތުމަށް ފަހު މިމަހުގެ އެކެއްގައި އޭސީސީން ވަނީ ބައެއް ކަންތަކަކަށް ރިއާޔަތްކުރުމަށް ފަހު ފުލެޓު ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހުއްދަ ދީފައެވެ.
އިއްޔެ ހައުސިން މިނިސްޓްރީން ނެރުނު ބަޔާނެއްގައިވަނީ، އޭސީސީން ކުރިއަށް ގެންދިޔަ ތަހުގީގުން ޝަރުތުހަމަވެ، އިތުރު މައްސަލައެއް ހުރިކަން ފާހަގަވެފައިނުވާ ފޯމްތަކުގެ ލިސްޓެއް އެ ކޮމިޝަނުން ބުރާސްފަތި ދުވަހުގެ ރޭ އެ މިނިސްޓްރީއަށް ފޮނުވައިފައިވާ ކަމަށް ބުނެފައެވެ.
އެ ބަޔާނުގައިވާ ގޮތުން، އޭސީސީން ފޮނުވާފައިވާ ލިސްޓުގައި ހިމެނޭ ފޯމްތަކަކީ ހަމައެކަނި ތަހުގީގުގެ ބޭނުމަށް ހޯދާފައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ ލިސްޓެކެވެ. އެހެންވެ، ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ އިންތިޒާމުތައް އެ މިނިސްޓްރީން ކުރަމުންދާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އޭގެ ސަބަބުން، ބައެއް ފަރާތްތަކުން ވަނީ ސަރުކާރުން ފްލެޓް ލިސްޓު ބާތިލުކުރަނީ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ރަނގަޅަށް ޕޮއިންޓު ދީފައިވާ މީހުންނަށް ފްލެޓު ދޭން ފަށަން އޭސީސީން ހުއްދަ ދިން ނަމަވެސް، އެ ކޮމިޝަނުން ވަނީ، 4،000 ފުލެޓު ލިބުނު މީހުންގެ ތެރެއިން 59.6 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް މީގެ ކުރިން ބުނެފައެވެ.