ޣައްޒާގައި ޝަހީދުކޮށްލި މީހެއްގެ ބަނޑުގައި އޮތް ދަރިފުޅު ސަލާމަތްކޮށްފި

ޝަހީދުވި މާބަނޑު އަންހެމީހާގެ ބަނޑުން ނެގި ފިރިހެން ކުއްޖާ، މާލިކް ޔާސިން. ފޮޓޯ/އިންގްލިޝް އަރަބިއާ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގައި ޝަހީދުކޮށްލި މާބަނޑު އަންހެނެއްގެ ބަނޑުގައި އޮތް ދަރިފުޅު އޭނާ ޝަހީދުވި ފަހުން ސަލާމަތްކޮށްފިއެވެ.

ޑޮކްޓަރުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބަނޑަށް ނުވަ މަހުގައި އާލާ އަދުނާން ހަރްބް އަލް ކުރުދް ޝަހީދުވީ ޣައްޒާގެ ނުސައިރަތު ކޭމްޕަށް އިސްރާއީލުން ދިން ހަމަލާއެއްގައެވެ. އެ ހަމަލާތަކުގައި އާލާގެ އާއިލާގެ ހަ މީހުން ހިމެނޭ ގޮތަށް 24 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައިވާ ކަމަށް އެ ސަރަހައްދުގެ ސަލާމަތީ ޚިދުމަތްތަކުން ބުނެއެވެ. އެ ހަމަލާތަކުގައި އާލާގެ ފިރިމީހާ ވެސް ވަނީ ޒަޚަމުވެ ފަރުވާ ދޭންޖެހިފައެވެ.

ސާޖަންއެއް ކަމަށްވާ އަކްރަމް ހުސައިން ވިދާޅުވި ގޮތުގައި އާލާ ހޮސްޕިޓަލަށް ގެނައިރު ވެސް އޭނާގެ ފުރާނައެއް ނެތެވެ. ނަމަވެސް, އަލްޓްރާސައުންޑް ހެދިއިރު ދަރިފުޅުގެ ވިންދު ލިބޭތީ، އޮޕަރޭޝަންކޮށް ދަރިފުޅު ނެގީ ކަމަށް އަކްރަމާ ހަވާލާދީ އޭއެފްޕީން ރިޕޯޓުކޮށްފައިވެއެވެ.

އާލާގެ ބަނޑުން ނަގާފައިވަނީ ފިރިހެން ކުއްޖެކެވެ. އެ ކުއްޖާއަށް ވަނީ މާލިކް ޔާސިންގެ ނަންދީފައެވެ.

ދަރިފުޅުގެ ހާލު ފުރަތަމަ ވަރަށް ގޯސްވި ކަމަށާއި ނަމަވެސް ފަހުން އޮކްސިޖަން ދީ އެހެން ފަރުވާތަކާ އެކު ހަމަޔަކަށް އެޅިފައިވާ ކަމަށް ހޮސްޕިޓަލްގެ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ ޑިޕާޓްމަންޓުގެ ވެރިޔާ ރާއިދު އަލް ސައުދީ ވިދާޅުވިއެވެ.

އެ ކުއްޖާ މިހާރު ވަނީ ދީރް އަލް ބަލާހުގައި ހުންނަ އަލް އަޤްޞާ ހޮސްޕިޓަލަށް ބަދަލުކޮށްފައެވެ.

އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހު ޣައްޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން އިސްރާއީލުގެ ދެކުނަށް ދިން ހަމަލާތަކާ ގުޅިގެން ހަމާސްއަށް ޕްރެޝަރު އިތުރު ކުރުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަމުރާ އެއްގޮތަށް އިސްރާއީލުން ވަނީ އެ ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އެކި ހިސާބުތަކުގައި ހަމަލާތައް ވަރުގަދަކޮށްފައެވެ.

ޣައްޒާގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ޣައްޒާގެ މާބަނޑު އަންހެނުން ވިހެއުމުގެ ނުރައްކާތެރިކަން އިތުރުވެފައިވާއިރު، މާބަނޑު އަންހެނުންނަށް ސިއްހީ ހިދުމަތްދޭ ތަންތަނަށް ގޮސް ފަރުވާ ހޯދުމަށް ވަނީ ވަރަށް ބޮޑަށް ހުރަސް އެޅިފައެވެ. ހަމަލާތަކުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން ނެތުމާއި ސާފުތާހިރުކަމުގެ ހާލަތު ދަށްވުމާއި ފެނުގެ ދަތިކަން ވެސް ވަނީ ކުރިމަތިވެފައެވެ.

ޣައްޒާގެ ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް މިހާރު ހޮސްޕިޓަލްތަކުން ލިބެން އޮތީ އެންމެ 1،500 އެނދު ކަމަށާއި ހަނގުރާމައިގެ ކުރިން 3،500 އެނދު ހުރި ކަމަށް އދ. އިން ބުނެފައިވެއެވެ.

comment ކޮމެންޓް