އެމްއާރުއެމް އުވާލީ ގާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި

އެމްއާރުއެމްގެ ރައީސް ފާރިސް މައުމޫން (ވ) އަދި ބައްޕާފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް (ކ): އީސީން އެމްއާރުއެމް އުވާލީ ގާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައި --

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ނިންމީ ގާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން އިއްޔެ ނިންމައިފިއެވެ.

އީސީން އެމްއާރުއެމް އުވާލަން ނިންމީ، ސިޔާސީ ޕާޓީއެއްގައި ތިބުން ލާޒިމުކުރާ 3،000 މެންބަރުން ހަމަނުވާ ކަމަށް ބުނެ، އެ އަދަދަށް މީހުން ހަމަކުރުމަށް އެ ޕާޓީއަށް މިދިޔަ އަހަރުގެ ފެބްރުއަރީ 22ގައި ތިން މަހުގެ ނޯޓިސްއެއް ދިނުމަށް ފަހުގައެވެ.

އެ ނިންމުމާ ގުޅިގެން އެމްއާރުއެމުން ހުށަހެޅި މައްސަލައިގައި ސިވިލް ކޯޓުން ފުރަތަމަ ނެރުނީ ވަގުތީ އަމުރެކެވެ. މިދިޔަ އަހަރުގެ މެއި މަހުގެ 28ގައި ނެރުނު އެ އަމުރުގައި ވަނީ ޕާޓީ އުވާލަން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލުމަށް އަންގައިފައެވެ.

އެ މައްސަލައިގައި އިއްޔެ ސިވިލް ކޯޓުން ކުރި ހުކުމުގައިވަނީ، އެމްއާރުއެމަށް ދީފައިވާ ނޯޓިސް ދިނީ އެ ނޯޓިހުގެ މުއްދަތުގައި ކަންކުރާނެ ގޮތެއް އެނގެން ނެތް ގޮތެއްގައި ކަމަށެވެ. އެގޮތުން 22 ފެބްރުއަރީގައި ނޯޓިސް ދިން އިރު ޕާޓީގައި ތިބީ 2،981 މެންބަރުން ކަމަށް އީސީން ބުނިއިރު، ޕްރޮސެސް ނުކުރެވޭ ފޯމްތަކެއް ހުރިކަން އެ ނޯޓިހުން އެނގެން ނެތް ކަމަށް ހުކުމުގައިވެއެވެ.

ހަމައެއާއެކު ބައެއް ފޯމްތައް ޕްރޮސެސްކުރުމުގައި ނޭކަށޭނަ ލަސްވުން ހިމެނޭކަން، މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ލިޔެކިޔުންތަކުން އެނގޭ ކަމަށާއި

މިދިހަ އަހަރުގެ ފެބްރުއަރީ މަހުގެ 22ގައި އީސީން އެމްއާރުއެމްއަށް ދިން ނޯޓިސްގެ މައްޗަށް ބިނާކޮށް އެހާތަނަށް އެ ޕާޓީގައި ތިބި މެންބަރުންގެ އަދަދަކީ 2981 ކަމަށް ބަލަން ޖެހޭ ކަމަށެވެ. އަދި އެ އަދަދަށް ބަދަލު އަތުވެދާނެ ފަދަ އެއްވެސް އިޝާރާތެއް ވެސް އެ ނޯޓިސްއިން ލިބެން ނެތްއިރު، އެމްއާރުއެމްގެ ގާނޫނީ ޒިންމާއަކަށް ވާނީ އެ އަދަދުގެ މައްޗަށް ބިނާކޮށް 3،000 މެންބަރުން ހަމަކުރުން ކަމަށްވާތީ، އެއީ ގާނޫނު އަސާސީގެ 43 ވަނަ މާއްދާގެ (ހ) އާއި (ށ)އާ ޚިލާފަށް އަމަލުކުރުން ކަމަށް އެ ހުކުމުގައިވެއެވެ.

ގާނޫނު އަސާސީގެ (ހ) އާއި (ށ)ގައި ބަޔާންކޮށްފައިވަނީ، އަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް އެކަށީގެންވާ އަވަސް މިނެއްގައި ކަން ކުރެވުމަކީ އެމީހަކަށް ލިބިގެންވާ ދުސްތޫރީ ހައްގެއް ކަމަށެވެ.

އެމްއާރުއެމް އުފެއްދުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގެ ތެރެއިން: އެ ޕާޓީއަށް މެންބަރުން ހަމަނުވާ ކަމަށް ބުނެ ޕާޓީ އުވާލީ ގާނޫނާ ޚިލާފަށް ކަމަށް ސިވިލް ކޯޓުން ވަނީ ނިންމައިފަ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެންވެ، ސިވިލް ކޯޓުން ވަނީ އީސީގެ ނިންމުމަކީ ބާތިލު ނިންމުމެއް ކަމަށާއި އެމްއާރުއެމް އުވާލުމަށަިއ ސިޔާސީ އެއްވެސް ހަރަކާތެއް ނުހިންގުމަށް އަންގައި މިދިޔަ މެއި މަހުގެ 25ގައި އެ ޕާޓީއަށް އެންގި އެންގުމަކީ އަމަލު ނުކުރެވޭނެ އެންގުމެއް ކަމަށް ހުކުމްކޮށްފައެވެ.

މީގެ އިތުރުން، ޝަރީއަތުގެ ޚަރަދުގެ ގޮތުގައި 50،000 ރުފިޔާ އީސީގެ ފަރާތުން އެމްއާރުއެމަށް ދެއްކުމުގެ ގޮތުން، އެ ފައިސާ ހަތް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކައި ޚަލާސް ކުރުމަށް ވެސް އެ ކޯޓުން އީސީގެ މައްޗަށް އަމުރުކުރިއެވެ.

އެމްއާރުއެމްގެ ރައީސް އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން، މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެ ޕާޓީން ވާދަކުރައްވަން މަސައްކަތް ކުރެއްވި ނަމަވެސް އެ ޕާޓީ އުވާލި މައްސަލަ ކޯޓުގައި އޮތުމުން އިންތިޚާބުގައި ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ.

އެ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވާދަކުރި އަށް ކެންޑިޑޭޓުންގެ ތެރެއިން ހަ ވަނައަށް އެންމެ ގިނަ ވޯޓު ކާމިޔާބު ކުރެއްވީ ފާރިސްއެވެ. އެއީ 2،979 ވޯޓެވެ. އަދި، އެއްވެސް ކެންޑިޑޭޓަކަށް ފުރިހަމަ މެނިފެސްޓޯއެއް ހުށަހެޅިފައިނުވާ ކަމަށް ވިދާޅުވެ، ފާރިސް ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރައްވައެވެ.

ފުރަތަމަ ބުރުގައި ފާރިސް ހުށަހެޅުއްވި ގިނަ ސިޔާސަތުތަކަށް އޭރު ރައްޔިތުންގެ ތައުރީފް ވެސް ލިބިފައިވެއެވެ.

މިދިޔަ އޮކްޓޯބަރު މަހު ފާރިސްވަނީ، އަންނަ މާޗު މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރައްވާނެކަން އިއުލާންކުރައްވައިފައެވެ.

comment ކޮމެންޓް