ވާޝިޔާގެ ހެދުންތައް ވިއްކާލަނީ

ދިވެހި ފިލްމު އިންޑަސްޓްރީގައި މަގުބޫލުކަން ހޯދަމުން އަންނަ ޒުވާން އެކްޓަރު ވާޝިޔާ މުހައްމަދު، އޭނާ ލައިފައި ހުންނަ ހެދުންތައް ހެޔޮ އަގުގައި ވިއްކަން ފަށައިފިއެވެ.

ވާޝިޔާގެ އަމިއްލަ ހެދުންތައް ވިއްކުމަށްޓަކައި ވަނީ އޮންލައިން ޕޭޖެއް ހަދާފައެވެ. "ކްލައުޑީ ތުރިފްޓްސް"ގެ ނަމުގައި ހިންގާ މި ޕޭޖަކީ ވާޝިޔާ ލައިފައި ހުންނަ ހެދުންތައް ވިއްކުމަށް ތައްޔާރުކޮށްފައިވާ ޕޭޖެކެވެ. މި ޕޭޖުގައި ވިއްކާނީ ވާޝިޔާ އެއްބުރު ލައިފައި ބޭނުންނުކޮށް ހުންނަ ހެދުންތަކެވެ.

މި ހެދުންތަކުގެ ތެރޭގައި ގިނައިން ޓޮޕްތައް ހިމެނޭއިރު މި ހުރިހާ އެއްޗެހި މި ވިއްކަނީ ހެޔޮ އަގުގައެވެ. އެގޮތުން ބައެއް ހެދުންތައް 50 ރުފިޔާއަށް ވިއްކާއިރު އަނެއްބައި ހެދުންތަކުގެ އަގު 35 ރުފިޔާއަށް ވެސް ތިރިވެއެވެ.

އޭނާ ފާހަގަކޮށްފައިވާ ގޮތުގައި ގިނަ ހެދުންތަކަކީ އެކި ކަހަލަ އިވެންޓުތަކާއި އިންޓަވިއުތަކަށް އެއްބުރު ލުމަށް ފަހު ދެން އިތުރަށް ނުލައި ހުންނަ ހެދުންތަކެވެ. ނަމަވެސް އެއީ ރަނގަޅު ކޮލިޓީގައި ހުރި އެއްޗެއްސަށް ވާތީ އެ ތަކެތި އުކާލަން ބޭނުންނުވާ ކަމަށް ވާޝިޔާ ފާހަގަކުރެއެވެ.

މިގޮތަށް ހެދުން ވިއްކަން ފެށުމުގެ އެންމެ ބޮޑު އެއް ސަބަބަކީ މިއީއެވެ. ހެދުންތައް އެކިކަހަލަ ކުނިބުންޏަށް ވެސް ތަންތައް ފުރޭ މައްސަލައަކީ މިހާރު ދުނިޔޭގައި ވެސް ބޮޑު މައްސަލައެކެވެ.

ފާސްޓް ފެޝަނާއެކު ހެދުންތައް އަވަސް އަވަހަށް އުކައި ޓޮކްސިކްއަށް ބަދަލުވެ އެކި ކަހަލަ އިސްރާފުތައް އިތުރުވާ މައްސަލައަކީ ބޮޑު މައްސަލައެކެވެ. އޭގެ ސަބަބުން ތިމާވެއްޓަށް އެކި ކަހަލަ ގެއްލުންތައް ލިބެމުން އަންނަނީ ފާސްޓް ފެޝަންގެ ބަދަލު އެހެން ގޮސްތައް ހޯދުމަށް މަސައްކަތްތައް ކުރަމުން އެބަ ގެންދެއެވެ.

އެއްފަހަރު ހެދުން ލުމަށް ފަހު އެ އުކާލުމުގެ ބަދަލުގައި އެ އެހެން މީހުންނަށް ފަސޭހައިން ލިބޭނެ ގޮތްތައް ހަދައިދިނުމަށް ވާޝިޔާ ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.

comment ކޮމެންޓް