ތިލަފުށިން ހިއްކަން ހަމަޖެހިފައިވާ ސަރަހައްދު ހިއްކާ ނިމިއްޖެ

ތިލަފުށި: ތިލަފުށިން ބިން ހިއްކަން ހަމަޖެހިފައިވާ ސަރަހައްދު މިހާރު ވަނީ ހިއްކާ ނިމިފަ-- ފޮޓޯ: އެޗްޑީސީ

ތިލަފުށިން ބިން ހިއްކަން ހަމަޖެހިފައިވާ ސަރަހައްދު ހިއްކާ ނިމިއްޖެ ކަމަށް އެޗްޑީސީން މިއަދު ބުނެފިއެވެ.

މިކަމާ ގުޅިގެން އެޗްޑީސީން ބުނީ ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އޭ، ބީ، އީ އަދި އެފް ހިއްކުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައި ކަމަށެވެ.

އެގޮތުން މުޅި ޖުމްލަ 120 ހެކްޓަރު މިހާރު ހިއްކާ ނިމިފައިވާކަން އެޗްޑީސިން ވަނީ ފާހަގަ ކޮށްފައެވެ. އަދި މިހާރު އޭރިއާ އީ ގެ ހިއްކި ސަރަހައްދު ލެވެލް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަަމަށްވެސް އެ ކޯޕަރޭޝަނުން ބުނެފައި ވެއެވެ.

އެޗްޑީސިން ބުނީ ތިލަފުށީގެ ދެވަނަ ފިޔަވަހި ތަރައްގީ ކުރުމަށް އޭރިއާ އޭ ބީ، އީ އަދި އެފް ގެ ބިން ހިއްކައި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢަކީ އެ ކުންފުންޏާއި، ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑް ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

އަދި އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ، ސަރުކާރުން އިރުޝާދު ދޭ ގޮތަށް، ރާއްޖޭގެ ތަރައްޤީއަށް ހިންގޭ މުހިއްމު މަޝްރޫޢުތައް ތާވަލުތަކާއި އެއްގޮތަށް ކުރިއަށް ގެންގޮސް، ރައްޔިތުންނަށް ލިބެން ހުރި ފައިދާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށް ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެ ރަށުގެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ބައި ހިއްކައި ނިންމައިފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

ތިލަފުށީގެ ބިން ހިއްކާ ނިމުމުން، ތިލަފުށި މާސްޓަރު ޕްލޭންގެ ދަށުން އުމްރާނީ މަސައްކަތްތައް ކުރުމަށާއި ވިޔަފާރިގޭ ބޭނުންތަކަށް ޖާގަ ތަނަވަސްކޮށްދިނުމުގެ ގޮތުން ބޮޑެތި ބިންތައް ދޫކުރުމަށް ކަނޑައެޅިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް