އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ގައުމީ ޕްރޮގްރާމު ފަށައިފި

އިމާމުންނާއި ޚަތީބުން ތާޒާ ކުރާ ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ ގައުމީ މަޝްރޫއު މިއަދު ފަށައިފިއެވެ.

މިކަމާ ގުޅޭ ގޮތުން މައުލުމާތު ދެއްވަމުން އިސްލާމީ ކަންކަމާ ބެހޭ ވުޒާރާއިން ބުނީ އިމާމުންނާއި ޚަތީބުން ތާޒާކުރުމުގެ މި ޕްރޮގްރާމް ފުރަތަމަ ފަށާފައިވަނީ ގއ. ގެމަނަފުށީގައި ކަމަށެވެ.

މި ޕްރޮގްރާމުގެ ތެރެއިން ތަފާތު ސެޝަންތައް އެ ރަށުގައި ކުރިއަށްދާ ކަމަށް ވެސް އެ ވުޒާރާއިން ވަނީ މައުލޫމާތު ދީފައެވެ.

އެ ވުޒާރާއިން ބުނީ، މި ޕްރޮގްރާމު އެ ރަށުގައި ފަށައިފައިވަނީ 77 އިމާމުންނާ އެކު ކަމަށެވެ.

މީގެ ކުރިން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، 6-5 ދުވަހުގެ މުއްދަތަކަށް މި ޕްރޮގްރާމް ދިގުދެމިގެންދާނެ ކަމަށެވެ. އަދި، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އިމާމުންނަށް މި ޕްރޮގްރާމް ފުރިހަމަކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އިމާމުންނާއި ޚަތީބުން ތާޒާ ކުރާ ޕްރޮގްރާމުގެ ތެރެއިން -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ކަނޑައަޅުއްވައިފައިވާ ސިޔާސަތު ތަންފީޒު ކުރުމުގެ ގޮތުން އެ ވުޒާރާއިން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަން ވެސް އެ ވުޒާރާއިން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ ކުރިން އެ ވުޒާރާއިން ބުނީ، މި ޕްރޮގްރާމް ކުރިއަށް ގެންދާނީ 11 ސަރަހައްދަކަށް ބަހައިލައިގެން ކަމަށާއި މި ޕްރޮގްރާމުގައި ނުވަ މާއްދާއެއް ހިމެނޭ ކަމަށެވެ.

އެގޮތުން އަޤީދާއާއި އަޚުލާގާއި ތަޖުވީދާއި ތިއޮރީއާއި މުޖުތަމަޢު ބިނާކުރުމުގައި މިސްކިތުގެ ދައުރާއި އަޅުކަމުގެ ފިޤުހުތަކާއި ޤުރުއާނުގެ ތަފުސީރާއި ޤުރުއާނަށް ތަދައްބުރުކުރުމާއި ހަދީޘާއި އިސްލާމީ ސަގާފަތާއި ޢުލޫމުލް ޤުރުއާނުގެ އިތުރުން ދަޢުވާގެ އުޞޫލުތަކާއި ހިތާބާއި އަރަބި ބަސް ވެސް މި ޕްރޮގްރާމްގައި ކިޔަވައިދޭނެއެވެ.

މި މަޝްރޫއު އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ސެޓްފިކެޓު ލެވެލް ކޯސްތަކާއި ޑިޕޮލޮމާ ކޯސްތަކުން އިމާމުންނަށް ލިބޭ މައުލޫމާތަށްވުރެ ގިނަ މައުލޫމާތުތަކެއް މި ކޯހުން ލިބޭނެ ކަމަަށެވެ.

މި ޕްރޮގްރާމުގެ އިތުރުން ވެސް އިމާމުން ތަމުރީނުކުރުމަށް ރާއްޖޭން ބޭރަށް ފޮނުވާނެ ކަމަށް ވެސް މިނިސްޓަރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް