އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ ރައީސް ގަތަރަށް

ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް. ފޮޓޯ/މިޑްލް އީސްޓް މޮނިޓާ

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކަށް ހައްލު ހޯދުމަށް މަޝްވަރާކުރުމުގެ ގޮތުން ފަލަސްތީނުގެ ރައީސް މަޙުމޫދު އައްބާސް ގަތަރަށް ވަޑައިގަންނަވައިފިއެވެ.

އެ ދަތުރުފުޅުގައި ގަތަރުގެ އަމީރު ތަމީމް ބިން ހަމަދު އަލް ޘާނީއާ މަހުމޫހު ބައްދަލު ކުރައްވާނެއެވެ. އެ ބައްދަލުކުރެއްވުމުގައި ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ދެމުގެންދާ ހަމަލާތައް ހުއްޓުވުމަށް ކުރާ މަސައްކަތާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މަޙުމޫދު ގަތަރަށް ވަޑައިގަންނަވައިފައި ވަނީ ހަނގުރާމަ ހުއްޓައިލުމަށް ގަތަރާއި މިސްރު އަދި އެމެރިކާއިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

އިސްރާއީލުން މިހާރު ރާވަމުން އަންނަނީ ޣައްޒާގެ އެތައް ހާސް ބަޔަކު ހިޔާވަހިކަން ހޯދައިގެންތިބި ރަފަހް ސިޓީއަށް ދޭ ހަމަލާތައް ވަރުގަދަ ކުރުމަށެވެ. ހަމަލާތައް ވަރުގަދަކޮށްފިނަމަ، އިތުރު އިންސާނީ ބޮޑު ކާރިސާއެއް ހިނގައިފާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.

އޮކްޓޯބަރު ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން މިހާތަނަށް 28،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. ހަމަލާތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ ޣައްޒާގެ އާންމުންނަށް ބޭނުންވާ އިންސާނީ އެހީވެސް ލިބުން ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.

އިސްރާއީލުގެ ރަހުމުކުޑަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ޣައްޒާގެ އާބާދީގެ 85 އިންސައްތަ މީހުންނަށް ވަނީ އެ މީހުންގެ އަމިއްލަ ގެދޮރު ދޫކޮށްލަން މަޖުބޫރުވެފައެވެ.

comment ކޮމެންޓް