ޣައްޒާގެ ހަ އަހަރު ކުއްޖަކު ޝަހީދުކޮށްލައިފައި އޮއްވައި 12 ދުވަސް ފަހުން ފެނިއްޖެ

އިސްރާއީލުން ދިން ހަމަލާގައި ޝަހީދުކޮށްލި ހަ އަހަރުގެ ހިންދު ރަޖަބް. ފޮޓޯ/އަލްޖަޒީރާ

ޣައްޒާގެ އާއިލާއެއް ތިބި ކާރަކަށް އިސްރާއީލުން ހަމަލާދިނުމާ ގުޅިގެން ހަ އަހަރުގެ ކުއްޖަކު ޝަހީދުވެފައި އޮންނަތާ 12 ދުވަސް ފަހުން ފެނިއްޖެއެވެ.

އިސްރާއީލުން ދިން ހަމަލާގައި ޝަހީދުކޮށްލައިފައިވާ ހަ އަހަރުގެ ކުއްޖާއަކީ ހިންދު ރަޖަބް ކިޔާ ކުއްޖެއް ކަމަށް އެ ކުއްޖާގެ އާއިލާއާއި ފަލަސްތީނުގެ ރެޑް ކްރޮސެންޓް ސޮސައިޓީ (ޕީއާރުސީއެސް) އިން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ހަމަލާދީފައި ވަނީ ޕީއާރްސީއެސްގެ އެމްބިއުލާންސަކަށް ކަމަށާއި ހަމަލާދިން ވަގުތު ކާރުގައިތިބި ހަތް މީހުންވެސް ޝަހީދުވެފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ފަލަސްތީނުގެ ނޫހެއް ކަމަށްވާ ވަފާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުން ހަ އަހަރުގެ ހިންދުގެ ހަށިގަނޑު އާއިލާގެ މެމްބަރުންނަށް ފެނިފައި ވަނީ އޭނާގެ ބޮޑު ބޭބެއާއި ބޮޑު ދައިތައާއި އެ މީހުންގެ ތިން ކުދިންނާވެސް އެކުގައެވެ. އެ މީހުން ފެނުނީ ފަލަސްތީނުގެ ތަލް އަލް ހަވާއިންނެވެ.

އެހީއަށް އެދި ހިންދު އާދޭސް ކުރާ އަޑު އިވޭ އޯޑިއޯ އެއް ޕީއާރްސީއިން އާންމުކޮށްފައެވެ. މި މަހުގެ ކުރީކޮޅު އާންމޮކޮށްފައިވާ އެ އޯޑިއޯގައި އިވެނީ ބިރު ގަންނަ ކަމަށާއި ކޮންމެވެސް މީހަކު އޭނާ ބަލާއަންނަން ހިންދު ބުނާ އަޑެވެ. ބެލެވޭ ގޮތުގައި އާއިލާގެ އެންމެ މަރައިލައިފައި ވަނީ ހިންދު މަރައިލުމުގެ ކުރިންނެވެ.

އެ ހާދިސާއާބެހޭ އެއްވެސް މައުލޫމާތެއް ނޭނގޭ ކަމަށް އިސްރާއީލުން މީގެ ކުރިން ވަނީ ބުނެފައެވެ.

އޮކްޓޫބަރު ހަތް ވަނަ ދުވަހުން ފެށިގެން ޣައްޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލު ފައުޖުތަކުން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 28،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.

comment ކޮމެންޓް