މި ދުވަސްވަރު އިރުމަތިން ޖެހެމުންދާ ވައިގެ ސަބަބުން އުތުރާއި މެދުރާއްޖެތެރޭގެ ވައި އަނެއްކާ ވެސް ނުރައްކާވާ މިންވަރަށް ނުސާފުވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މިއަދު ބުނެފިއެވެ.
އެ އިދާރާއިން ބުނީ އެ ސަރަހައްދުތަކުގައި ވައި ނުސާފުވެ، ހަމަ ލޮލަށް ފެންނަ ދުރުމިން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ސާފު ދުވަހެއްގައި 10 ކިލޯމީޓަށް ވުރެ ދުރު ފެންނަ ކަމަށެވެ.
ނަމަވެސް މިއަދު އެންމެ ވައި ނުސާފު ސަރަހައްދު ކަމަށްވާ ހުޅުލެއަށް ދުރު ފެންނަ މިންވަރު ވަނީ ތިން ކިލޯމީޓަރަށް ދަށްވެފައި ކަމަށް އެ އިދާރާއިން ބުންޏެވެ. އަދި ހދ. ހަނިމާދޫން ދުރު ފެންނަ މިންވަރު ފަސް ކިލޯމީޓަރަށް ދަށްވެފައިވާއިރު ކައްދޫ ކާޑެއްދޫއަށް ދުރު ފެންނަނީ އަށް ކިލޯމީޓަރަށް ކަމަށް މެޓް އޮފީހުން ބުންޏެވެ.
މޫސުމާ ބެހޭ އިދާރާއިން ބުނީ ދުރުފެންނަ ނިސްބަތް ބަދަލުވުމުގައި ވައިގެ މިސްރާބާއި، ބާރުމިން އަދި ވިއްސާރަވުން މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ. އަދި މިހާރު ވައިގެ މިސްރާބު ހުރިގޮތުން ވަޔާއެކު އިންޑިއާގެ ބޭ އޮފް ބެންގަލް ހުރަސްކޮށް ހިރަފުހާއި ދުން އަންނަ ކަމަށާއި މިކަމުގެ ސަބަބުން ވައި ނުސާފުވާކަމަށް މެޓް އޮފީހުން ބުންޏެވެ.
ވައި ނުސާފުވުމާ ގުޅިގެން މީގެ ކުރިން، އެތެރެހަށީގެ ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވަނީ، ވައި ނުސާފުވުމުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުން ސަލާމަތްވުމަށް ބޭރުގައި އުޅޭ ވަގުތު މަދުކުރުން މުހިންމު ކަމަށެވެ.
މީގެ އިތުރުން، ބޭރުގައި އުޅޭ ވަގުތު މާސްކު ބޭނުންކުރުމާއި، ކޮޓަރި ތަކުގައި އެއާ ޕިއުރިފަޔާ ބޭނުންކުރުމުގެ އިތުރުން އެންވާރަމަންޓް މިނިސްޓްރީގެ އިރުޝާދުތަކަށް ބޯލެނބުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.
"ފޮގް ވުން" އަދި "މިސްޓް" އާ ޚިލާފަށް ހޭޒް އަކީ ވައިގެ ތެރޭގައި ހުންނަ ވަރަށް ކުދި ހިކި ޕާޓިކަލް ތަކެކެވެ. އެއީ ދުންފިންޏެއް ނޫނެވެ. ހަމަ ލޮލަށް ނުފެނުނު ކަމުގައި ވީނަމަވެސް، މި ޕާޓިކަލްތަކުގެ ސަބަބުން ޖައްވު ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެއެވެ.
އެޗްޕީއޭއިން މީގެ ކުރިން ބުނީ ވައިގެ ކޮލެޓީ ދެނެގަންނަން މަޝްހޫރު އެޕެއް ކަމަށްވާ "އައިކިއުއެއާ"އިން ރާއްޖޭގައި ވެސް އޭރަކު ވައިގެ ތެރޭގައި ޕީއެމް 2.5 ހުރި މިންވަރު ބެލޭ ކަމަށެވެ. އެ އެޕްގައި ފާހަގަކޮށްފައި ހުންނަ ކުލަތަކުން ސެންސިޓިވް ގްރޫޕްގެ ތެރޭގައި ހިމެނޭ މީހުންނަށް ލިބޭނެ ގެއްލުން ގިންތިކޮށްފައި ހުރެއެވެ.
އެ އެޕްގައި ހިމެނޭ ކުލަތަކަކީ ފެހި ކުލަ، ރީނދޫ ކުލަ، އޮރެޖު ކުލަ، ރަތް ކުލަ، ދަނބުކުލައިގެ އިތުރުން އެއަށްވުރެ މަޑު ކުލައެކެވެ.
އެގޮތުން ފެހި ކުލައިން ދައްކައިދެނީ ވައި ސާފުކަމެވެ. އަދި ރީނދޫ ކުލައިން ދައްކުވައިދެނީ ކޮންމެވެސް ވަރަކަށް ވައި ނުސާފު ކަމެވެ. އަދި އޮރެންޖު ކުލައިން ދައްކައިދެނީ ސެންސިޓިވް ގްރޫޕްސްތަކުގައި ހިމެނޭ މީހުންނަށް ނުރައްކާ ވާވަރަށް ވައިގެ ތެރޭގައި ޕީއެމް 2.5 ހުރި ކަމެވެ. އަދި ރަތް ކުލައިން ދައްކައިދެނީ ވައި ނުސާފުވެފައިވާ މިންވަރު ރަނގަޅު ނޫން ކަމެވެ.
މީގެ އިތުރުން އެ އެޕްގައި ހިމެނޭ ދަނބުކުލައިން އަންގައިދެނީ ވައި ނުސާފުވެފައިވާ މިންވަރު އެއްވެސް ވަރަކަށް ރަނގަޅު ނޫން ކަމަށެވެ. އަދި ދަނބު ކުލައަށް ވުރެ ތަންކޮޅެއް މަޑު ކުލައަކުން ދައްކުވައިދެނީ ވައި ނުސާފުވެފައިވާ މިންވަރުން އާއްމުންގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ވެދާނެ ކަމެވެ.