އުމުރުގެ ތަފާތު ބޮޑުވިޔަސް އަރުބާޒުގެ ކައިވެނި އުފާވެރި

އަރުބާޒް ޚާން އާއި ޝޫރާގެ ކައިވެނީގެ ހަފްލާގެ މަންޒަރެއް-- ފޮޓޯ/ ބޮލީވުޑް ހަންގާމާ

ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު ޒަވާޖީ ހަޔާތެއް ފެށި ބޮލީވުޑްގެ އެކްޓަރު އަރުބާޒު ޚާންގެ ކައިވެނީގެ ޚަބަރުތަކާ އެކު ގިނަ ބަޔަކަށް ސިހުން ލިބުނެވެ. އިޓަލީގެ މިލާންއަށް ނިސްބަތްވާ ފިލްމީ ތަރި ޖިއޯޖިއާ އެންޑްރިއަނީއާ އެކު ދިގު މުއްދަތަކަށް ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ދެ މީހުން ވަކިވިކަން އިއުލާނުކުރީ ވެސް ކުއްލި ގޮތަކަށެވެ.

ކުރީގެ މަޝްހޫރު މޮޑެލް އަދި ނެށުންތެރިޔާ މަލައިކާ އަރޯރާއާ ދެ މީހުންގެ 19 އަހަރުވީ ކައިވެނި 2017ވަނަ އަހަރު ރަސްމީކޮށް ރޫޅާލުމަށްފަހު އަރުބާޒު އާ ބައިވެރިޔަކާ އެކު ކައިވެނީގެ ގޮށް ޖެހީ މިދިޔަ އަހަރުއެވެ.

އަރުބާޒުގެ ހަޔާތުގެ އާ ބައިވެރިޔާގެ ވަނަވަރު ހާމަވުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވީ ދެ މީހުން އުމުރުގެ ގޮތުން ތަފާތު ވުމުންނެވެ. ބޮލީވުޑްގެ ހަގު މޭކަޕް އާޓިސްޓް ޝޫރާއާ އަރުބާޒުގެ އުމުރުގެ ފަރަގު އާއްމުންނަށް ހަޖަމު ނުކުރެވުނަސް ދެ މީހުން ވެސް ޒަވާޖީ ހަޔާތެއް ފެށީ އެކަމާ މެދު ވަރަށް ބޮޑަށް ވިސްނުމަށްފަހު ދެ މީހުން ވެސް ބޭނުންވެގެން ކަމަށް އަރުބާޒު ވަނީ ދާދި ފަހުން ބުނެފައެވެ.

އަރުބާޒުއާ ޝޫރާ އެންމެ ފުރަތަމަ ބައްދަލުވީ އަރުބާޒު މަސައްކަތް ކުރަމުން އަންނަ ފިލްމު "ޕަތުނާ ޝުކްލާ"އިން ކަމަށާއި ފުރަތަމަ ބައްދަލުވުމުން ވެސް ދެ މީހުންނަށް އެކީގައި ޒަވާޖީ ހަޔާތެއް ފެށޭނެ ކަމުގެ އިހުސާސް ކުރެވުނު ކަމަށް އަރުބާޒު ވަނީ ބުނެފައެވެ.

އަރުބާޒުގެ ކައިވެނީގެ ހަފްލާގައި ބޭބެ ސަލްމާން ޚާން އަދި އަރުބާޒުގެ ދަރިފުޅު އަރްހާން-- ފޮޓޯ/ އިންޓަނެޓް
ޝޫރާއާ ކައިވެނި ކުރަން ނިންމި ނިންމުމަކީ ހަމަ ހުރެލާފައި ނިންމި ނިންމުމެއް ނޫންކަމަށާއި އެއް އަހަރު ވަންދެން ދެ މީހުން ވެސް އެކަމާމެދު ވަރަށް ބޮޑަށް މަޝްވަރާ ކުރި ކަމަށް އަރުބާޒު ވަނީ ބުނެފައެވެ. ހާއްސަކޮށް ޝޫރާ އަރުބާޒަށް ވުރެ 25 އަހަރު ހަގު ވުމުން އާއްމުންގެ ފަރާތުން އެކަމަށް ފާޑުކިޔުން އަމާޒުވާނެތީ ދެ މީހުން ވެސް އެކަމަށް ތައްޔާރުވި ކަމަށް "ދަބަންގް"ގެ އެކްޓަރު ވަނީ ބުނެފައެވެ.

އަރުބާޒެކޭ އެއްގޮތަށް އަންހެނުން ޝޫރާ ވެސް ބުނެފައިވަނީ އުމުރަކީ ހަމައެކަނި ލިޔެލާ ނަންބަރެއް ކަމަށާއި ދެ މީހެއްގެ ވަކިވުން ބިނާވެފައި އޮންނަނީ އުމުރުގެ ތަފާތަކަށް ނޫންކަމަށެވެ. އުމުރުގެ މާ ބޮޑު ތަފާތެއް ނުހުންނަ މީހުންގެ ކައިވެނި ވެސް ރޫޅޭ ކަމަށާއި އެފަދަ ކަންކަމަށް ސަމާލުކަން ނުދޭ ކަމަށް ޝޫރާ ވަނީ ބުނެފައެވެ. އަރުބާޒު އުމުރަށް ވުރެ ހަގު ޒުވާން ކުއްޖަކާ ކައިވެނިކޮށްފައިވާއިރު ކުރީގެ އަންހެނުން މަލައިކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އެކްޓަރު އަރުޖުން ކަޕޫރަކީ ވެސް މަލައިކާއަށް ވުރެ އެތައް އަހަރެއް ހަގު މީހެކެވެ.

comment ކޮމެންޓް