ދިރާގުން ޕަބްލިކް ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވަލައިފި

ދިރާގުގެ 33ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ފޮޓޯ/ ދިރާގު

ދިރާގުގެ ޑިރެކްޓަރުންގެ ބޯޑުގެ ޕަބްލިކް ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވައިލައިފިއެވެ.

އެކުުންފުނީގެ ހިންގާ ގަވާއިދުގެ 70 ވަނަ މާއްދާގައި ބުނާގޮތުން ޕަބްލިކް ޑިރެކްޓަރުންނަކީ އާންމު ހިއްސާދާރުން ތަމްސީލުކޮށް، ސަރުކާރުގެ މެޖޯރިޓީގެ ހިއްސާދާރުން ނުހިމަނައި އާންމު ޖަލްސާއެއްގައި އިންތިޚާބު ކުރާނެ ފަރާތްތެކެވެ.

ދިރާގުން ބުނީ ޕަބްލިކް ޑިރެކްޓަރުންގެ މަގާމު އަދާކުރާނީ އިންތިޚާބުކުރާ އާންމު ޖަލްސާއިން ފެށިގެން އިންތިޚާބަށްފަހު ބާއްވާ ދެވަނަ އާންމު ޖަލްސާގެ ނިޔަލަށް ކަމަށެވެ.

ދިރާގުގެ ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖައްސާފައިވަނީ އަންނަ އޭޕްރީލްމަހުގައެވެ.

ދިރާގުގެ 33ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން --- ފޮޓޯ/ދިރާގު

ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަކަކީ:

  • މިހާރު ދިރާގުގެ ހިއްސާދާރެއް ކަމުގައިވުން
  • ބައިނަލްއަގުވާމީ ގޮތުން ގަބޫލުކޮށްފައިވާ ޔުނިވާސިޓީއަކުން ޑިގްރީ ހާސިލްކޮށްފައިވުން
  • ކުންފުނިތަކުގެ ބޯޑުތަކުގައި ޚިދުމަތްކުރުމުގެ ތަޖުރިބާ ހުރުން
  • އާރްއެންޖީ ކޮމިޓީގެ ނިންމުމުގައިވާ ގޮތަށް މާލީ ބަޔާނާއި ރިޕޯޓްތައް ކިޔައި ވިސްނޭ ނުވަތަ އެކައުންޓިން ނުވަތަ އެއާ ގުޅުންހުރި މާލީ ތަޖުރިބާ ނުވަތަ ތަޖުރިބާ ލިބިފައިވުން
  • މާކެޓާއި ދިރާގަށް ކުރިމަތިވާ އެހެނިހެން ނުރައްކާތަކާ ބެހޭ ގޮތުން އެކަށީގެންވާ ވިސްނުމާއި މައުލޫމާތު ލިބިފައިވުން
  • ޕަބްލިކް ނުވަތަ ޕްރައިވެޓް ސެކްޓަރުގައި އިސް މަގާމެއްގައި ޚިދުމަތްކުރުމުގެ މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  • މި ފަދަ މަގާމުތައް ތަމްސީލުކޮށްދެވޭނެ ގާބިލްކަން ހުރުން
  • ބޯޑުގެ މަސްއޫލިއްޔަތަށް ވަގުތުދެވޭ ފަރާތަކަށްވުން
  • މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވާ ދެ ކުންފުންޏަށްވުރެ ގިނަ ކުންފުނީގެ ބޯޑުގައި ހިމެނިފައިނުވުން
  • ރެގިއުލޭޓަރެއްގެ ބޯޑުން ވަކިވިތާ މަދުވެގެން ބާރަ މަސްދުވަސް ވެފައިވުން
  • ވިދިވިދިގެން ހަ އަހަރު ދިރާގު ބޯޑަށް ޚިދުމަތްކުރިތާ އެއް އަހަރު ފާއިތުވެފައިވުން

މީގެއިތުރުން، މިދިޔަ އެއް އަހަރު ތެރޭގައި އެކުންފުނީގެ މުހިންމު މަގާމެއް ނުވަތަ ވަޒީފާގެ އެއްވެސް ވަގުތީ މަގާމެއް އަދާކޮށްފައިވާ ފަރާތަކަށް މި މަގާމަށް ކުރިމަތިނުލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

އަދި ވޭތުވެދިޔަ އެއް އަހަރު ތެރޭގައި އެ ކުންފުނީގެ މުސާރައާއި، ކޮމިޝަނާއި، ޕްރޮފެޝަނަލް ފީއާއި، މުދަލާއި ޚިދުމަތަށް ފައިސާ ދެއްކުން ފަދަ މާލީ މުއާމަލާތްތަކެއް ކޮށްފައިނުވުން ވެސް ޝަރުތުތަކުގައި ހިމެނެއެވެ.

ދިރާގު ހެޑް އޮފީސް -- ސަން ފޮޓޯ/ މުހައްމަދު ހައްޔާން

ދިރާގުން ބުނީ ޝަރުތުތައް ފުރިހަމަވާ ހިއްސާދާރުންގެ ފޯމް އިތުރު ލިޔެކިޔުންތަކާއެކު ދިރާގު ހެޑް އޮފީހަށް ހުށަހެޅޭނެ ކަމަށެވެ. އަދި އަންނަ މަހުގެ ތިންވަނަ ދުވަހުގެ 16:00 ގެ ކުރިން [email protected] އަށް އީމެއިލް ކޮށްގެން ފޯމު ހުށަހެޅޭނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ހެޑް އޮފީހުންނާއި އެކުންފުނީގެ އޭޖީއެމް ޕޭޖުން ފޯމްތައް ލިބެންހުންނާނެއެވެ.

ކުންފުންޏަކުން ނުވަތަ ޖަމިއްޔާއަކުން ހުށަހަޅާ ފަރާތެއްނަމަ، ހުށަހަޅާ ކުންފުންޏެއް ނުވަތަ ޖަމިއްޔާއެއްގެ ބޯޑު ގަރާރާއި އެފަދަ ގާނޫނީ ފަރާތެއްގެ ރަޖިސްޓްރޭޝަންގެ ކޮޕީއެއް އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭނެއެވެ.

އެއާއެކު، އެކުންފުނިން ބުނީ ޑިރެކްޓަރުން މަގާމަށް އައްޔަންކުރާނީ އާރްއެންޖީ ކޮމިޓީން އެޕްލިކޭޝަންތައް އިވެލުއޭޓްކޮށް، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު ކަމަށެވެ.

އެއަށްފަހު ބޯޑުގެ ރުހުން ލިބުމުން، އާރްއެންޖީ ކޮމިޓީގެ ލަފާތައް އާންމު ޖަލްސާގެ ނޯޓިސްގައި އިއުލާންކޮށް، ކުރިއަށް އޮތް އަހަރީ އާންމު ޖަލްސާގައި ވޯޓުލުމަށް ހުށަހަޅާނެ ކަމަށް ދިރާގުން ބުންޏެވެ.

އެގޮތުން އާންމު ޖަލްސާގައި އެންމެ ގިނަ ވޯޓު ހޯދާ ކެންޑިޑޭޓަކު ޕަބްލިކް ޑިރެކްޓަރުގެ މަގާމަށް އިންތިޚާބުވާނެއެވެ.

އިންތިޚާބުގައި ވޯޓުލެވޭނީ އާންމު ޖަލްސާއަށް ހާޒިރުވާ ކެންޑިޑޭޓުންނަށް އެކަންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް