އެލީޓް ރަނާސްގެ ފަރާތުން, ހުރިހާ އުމުރަކަށް ބައިވެރިވެވޭހެން ދުވުމުގެ ރޭހެއް ބާއްވަން ނިންމައިފިއެވެ.
އެލީޓް ރަނާސްއިން މައުލޫމާތުދިން ގޮތުގައި މި ރޭހަކީ ހުރިހާ އުމުރެއްގެ މީހުންނަށް ދުވެވޭ ކަހަލަ ރޭހެއް ބޭއްވުމުގެ މަގްސަދުގައި ބާއްވާ ރޭހެކެވެ.
އެ ރޭސް އިއުލާން ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް ރައްޒާގް އިބްރާހީމެވެ. އެ ރޭސް ބާއްވަން ހަމަޖެހެފައިވަނީ މި އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަހު ސެންޓްރަލް ޕާކްގައި، ހަވީރު 5:00އިން ރޭގަނޑު 9:00އަށެވެ.

މިނިސްޓްރީ އޮފް ސްޕޯޓްސް ފިޓްނަސް އެންޑް ރީކްރިއޭޝަންގެ ސްޓޭޓް މިނިސްޓާ ރައްޒާގް ވާހަކަ ދައްކަވަނީ--- ސަން ފޮޓޯ: އިންފިނިޓް މޮމެންޓްސް/ އަމަން ލަތީފް
އެ ދުވުމުގެ މެއިން ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރަނީ އެޗްޑީސީއެވެ. އަދި އެންޖީއޯގެ ގޮތުގައި މަސައްކަތް ކުރުމަށް ހަމަޖެހެފައިވަނީ މަމްސް އެއިޑްއެވެ.
އެލީޓް ރަނާސްއިން ބުނީ އެންޖީއޯގެ ގޮތުގައި މަމްސް އެއިޑް ޚިޔާރު ކުރީ އެ ޖަމިއްޔާއަކީ ވަރަށް ގާބިލު، މަސައްކަތް ވަރަށް ރަނގަޅަށް ކުރާ ޖަމިއްޔާއަކަށްވާތީ ކަމަށެވެ.
އެ ދުވުމަށް ރެޖިސްޓާވާއިރު، މަމްސް އެންޖީއޯއަށް ފައިސާގެ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ވެސް ލިބޭނެއެވެ.
އެ ދުވުމުގައި އޮންލައިން ނިއުސް ޕާޓްނަރެއްގެ ގޮތުގައި މަސައްކަތް ކުރަން ހަމަޖެހެފައިވަނީ ސަން އޮންލައިންއެވެ.

އެލީޓް ރަނާސްގެ ހުޅުމާލެ ރަން އިއުލާން ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ: އިންފިނެޓް މޫވްމެންޓްސް/ އަމަން
އެލީޓް ރަނާސްއިން ބުނީ މި ރަންގެ އެންމެ ބޮޑު އެއް ބެނުމަކީ ނޭޝަނަލް، ސީޒަނަލް އަދި އަލަށް ދުވާ މީހުންނަށްވެސް އެއް ޕުލެޓްފޯމެއްގައި ވާދަކުރެވޭނެ ދުވުމެއް ބޭއްވުން ކަމަށެވެ. އެގޮތުން ރޭހުގެ އެއްވަނަ ދެވަނަ އަދި ތިން ވަނައަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް އެލީޓް ރަނާސްއިން ވަނީ ބުނެފައެވެ. ނަމަވެސް ދޭނީ ކިހާ ވަރެއްކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
އެލީޓް ރަނާސް އަކީ ދުވުންތެރިންނަށް ތަމްރީނު ދިނުމަށް، 2019 ވަނަ އަހަރު އުފައްދާފައިވާ އެސޯސިއޭޝަނެކެވެ.