ސްޕާސްއިން އެންމެ ފަހު ވަގުތު ޖެހި ލަނޑާއެކު ބްރައިޓަން ބަލިކޮށްފި

ސްޕާސް މޮޅުވި ލަނޑު ޖަހާދިން ޖޯންސަން ރިޗާލިސަން އާއެކު / ފޮޓޯ: ދި ޓެލެގްރާފް

އިންގްލިޝް ޕްރިމިއާ ލީގުގައި ޓޮޓްނަމް ހޮޓްސްޕާ އާއި ބްރައިޓަން އެންޑް ހޯވް އެލްބިއަން ބައްދަލުކުރި މެޗު ސްޕާސްއިން ކާމިޔާބުކޮށްފިއެވެ.

ސްޕާސްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރައި ދެ ލަނޑު އެއް ލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕާސްއިންނެވެ. ނަމަވެސް މިމެޗުގެ ފެށުން ރަނގަޅުވީ ބްރައިޓަންގެއެވެ. މިގޮތުން މެޗުގެ 17 ވަނަ މިނެޓްގައި އުފެއްދި ހަމަލާއެއްގައި އެޓީމަށްވަނީ ޕެނަލްޓީއެއް ލިބިފައެވެ.

އެ ޕެނަލްޓީ ވައްދާލައި ބްރައިޓަންއަށް މިމެޗުގެ ލީޑު ނަގައިދިނީ ޕަސްކާލް ގްރޮސްއެވެ. ނަމަވެސް މިލަނޑާއެކު ސްޕާސްއިން އެޓީމްގެ ކުޅުން ރަނގަޅުކޮށް ބްރައިޓަންގެ ގޯލަށް ނުރައްކާ ކުރަން ފެށިއެވެ. މިގޮތުން ސްޕާސްގެ ރިޗާލިސަން އާއި ޑެޔާން ކުލުސޭވްސްކީ، ޓީމޯ ވާނާ އަދި ޖޭމްސް މެޑިސަން އުފެއްދި ހަމަލާތައް ފާހަގަވިއެވެ. ނަމަވެސް މިހަމަލާތައްވަނީ ބްރައިޓަންގެ ކީޕަރު ޖޭސަން ސްޓީލް ދިފާއު ކޮށްފައެވެ.

މިމެޗުގެ ދެވަނަ ހާފުގައިވެސް ސްޕާސްއިން ހަމަލާއަށް އިސްކަން ދީގެން ކުޅެމުންދިޔައިރު ބްރައިޓަންއިން ވެސް ދިފާއު ކުރުމާއެކު ހަމަލާއަށް އިސްކަން ދިނެވެ. މިމެޗުގައި ސްޕާސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ މެޗުގެ 61 ވަނަ މިނެޓްގައި ސާއެވެ.

އެ ލަނޑާއެކު، ސްޕާސްއިން، އޭޝިއަން ކަޕްގައި ގައުމީ ޓީމަށް ކުޅެން ދިއުމަށް ފަހު އެނބުރި އައިސްފައިވާ އެޓީމްގެ ކެޕްޓަން ސޮން ހެއުން މިން ކުޅެން އެރުވިއެވެ. މިމެޗުން ސްޕާސް މޮޅުވި ލަނޑު ސޮން ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖަހައިދީ އެޓީމަށް ފަހު ވަގުތު ލީޑް ނަގައިދިނީ ބްރެނަން ޖޯންސަންއެވެ.

މިކާމިޔާބީއާއެކު ސްޕާސް މިހާރުވަނީ ކުޅުނު 24 މެޗުން ލިބިފައިވާ 47 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ބްރައިޓަންވަނީ 35 ޕޮއިންޓާއެކު ނުވަ ވަނައަށް ވެއްޓިފައެވެ.

comment ކޮމެންޓް