އިންގްލިޝް ޕްރިމިއާ ލީގުގައި ނިއުކާސްލް ޔުނައިޓެޑާއި ޓޮޓްނަމް ހޮޓްސްޕާ ބައްދަލުކުރި މެޗު ނިއުކާސްލްއިން ކާމިޔާބު ކޮށްފިއެވެ.
ނިއުކާސްލްގެ ދަނޑުގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ ދެ ލަނޑު އެއް ލަނޑުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނު މިމެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ސްޕާސްއިންނެވެ. ނަމަވެސް މިއާއެކުވެސް މިމެޗުގައި ސްޕާސްއަށް ނިއުކާސްލްގެ ޑިފެންސް ފޫއަޅުވާލުމުގައި ދިޔައީ މައްސަލަތަކާ ކުރިމަތިވަމުންނެވެ.
ނިއުކާސްލްއިން ވަނީ ޑިފެންޑް ކުރުމުގެ އިތުރުން ލިބުނު ފުރުސަތުތަކުގައި ހަމަލާވެސް އުފައްދާފައެވެ. އަދި މިގޮތުން މެޗުގެ 37 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައި ނިއުކާސްލްއިން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ހާވީ ބާންސްއެވެ. މިމެޗުގެ ފުރަތަމަ ހާފު ނިމުނީ މިނަތީޖާއިން ނިއުކާސްލް ކުރީގައި އޮވެގެންނެވެ.
މިމެޗުގެ ދެވަނަ ހާފުގައި ސްޕާސްއިން ލަނޑެއް ޖެހުމަށް ކުރަމުންދިޔަ މަސައްކަތުގެ ނަތީޖާއަކަށްވީ މެޗުގެ 56 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. ސްޕާސްގެ ބަދަލު ކުޅުންތެރިޔާ ބްރެނަން ޖޯންސަން ފޮނުވާލި މިހަމަލާ ނިއުކާސްލްގެ ގޯލަށް ވަދެފައިވަނީ އެޓީމުގެ ޑިފެންޑާ ޑޭން ބާން އަތުން ބައިކޮޅަށެވެ. މިމެޗުގައި ނިއުކާސްލްއިން ދެވަނަ ފަހަރަށް ލީޑު ނަގައިފާވަނީ ސްޕާސްއިން މޮޅަށް ކުޅެމުންދަނިކޮށް މެޗުގެ 78 ވަނަ މިނެޓުގައި އުފެއްދި ހަމަލާއެއްގައެވެ.
މިލަނޑު އެޓީމަށް ޖަހައިދީ ލީޑު ނަގައިދިނީ އެލެގްޒެންޑާ އިސާކް އެވެ. މިކާމިޔާބީއާއެކު ނިއުކާސްލް މިވަނީ މިހާތަނަށް ކުޅުނު ތިން މެޗުން ލިބިފައިވާ ހަތް ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ސްޕާސް މިވަނީ މިސީޒަންގައި ފުރަތަމަ ފަހަރަށް ބަލިވެފައެވެ. އަދި މިވަގުތު އުޅެނީ ހަތަރު ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައެވެ.
މިމުބާރާތުގައި ޗެލްސީ އާއި ކްރިސްޓަލް ޕެލަސް ބައްދަލުކުރި މެޗު އެއް ލަނޑު އެއް ލަނޑުންވީ އެއްވަރެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗުގެ 25 ވަނަ މިނެޓުގައި ނިކޮލަސް ޖެކްސަން ކާމިޔާބު ކޮށްދިން ލަނޑާއެކު މެޗުގެ ލީޑު ނެގީ ޗެލްސީއިންނެވެ. އަދި ޕެލަސްއިން އެއްވަރު ކޮށްފައިވަނީ މެޗުގެ 53 ވަނަ މިނެޓުގައި އެބެރެޗީ އެޒޭ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިމެޗު އެއްވަރު ވުމާއެކު ޗެލްސީއަށް ތިން މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު މިއީ މިސީޒަންގައި ޕެލަސްއަށް ލިބުނު ފުރަތަމަ ޕޮއިންޓެވެ.