އުނގޫފާރު ސްކޫލުގައި ތިން ދަންފަޅިއަށް ކިޔެވުން ބަދަލުކުރާ ހިސާބުގައި!

އުނގޫފާރު ސުކޫލް: އެ ސްކޫލުގައި އެކަށީޣެންވާ މިންވަރަށް ކުލާސްރޫމް ނެތުމުން ކިޔަވާދިނުމުގައި ގޮންޖެހުންތަކެއް ދިމާވާ ކަމަަށް ރަށު ކައުންސިލުން ބުނޭ ފޮޓޯ/އުނގޫފާރުޑޮޓްކޮމް

ރ. އުނގޫފާރު ސުކޫލުގައި އެކަށީގެންވާ މިންވަރަށް ކްލާސްރޫމް ނެތުމުން ދަރިވަރުންގެ ކިޔެވުމަށް ދަތިވާ ހިސާބަށް ގޮސްފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.

މި ކަމާއި ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ، މިހާރު އެ ސުކޫލުގައި ކިޔަވާ ދަރިވަރުންނަށް އެއްދަންފަޅިއަށް ކިޔަވާދޭ މިންވަރަށް ކުލާސްރޫމް ނެތް ކަމަށެވެ.

އެހެންވެ، ކުލާސްރޫމަށް ދަތިވެ، އެ ސުކޫލުގައި އެއް ދަންފަޅިއަށް ކިިޔަވާދިނުން ހުއްޓޭ ހިސާބަށް ގޮސް މިހާރު އޮތީ ތިން ދަންފަޅިއަށް ބަދަލުކުރާ ހިސާބުގައި ކަމަށް ރަޝީދު ވިދާޅުވިއެވެ.

"އެއްދަންފަޅިއަށް ކިޔަވާދޭ ތަނެއް މިހާރު ދެ ދަންފަޅިއަށް ބަދަލުވެ، ތިން ދަންފަޅިއަށް ބަދަލުކުރާ ހިސާބުގަ މިހާރު ހުރީ،" ރަޝީދު ސުކޫލުގެ ހާލަތު ސިފަކޮށްދެއްވިއެވެ.

މީގެ އިތުރުން، ރަޝީދު ވިދާޅުވީ، މި މައްސަލައަށް ހައްލެއް ގެނައުމަށް އެ ސުކޫލުގައި އަށް ކުލާސްރޫމްގެ އިމާރާތެއް އަޅަން ފަށާފައިވާ ކަމަށެވެ.

އެހެންނަމަވެސް މިހާތަނަށް އެ އިމާރާތުގެ ފައުންޑޭޝަންގެ މަސައްކަތްވެސް ނުނިމޭ ކަމަށާއި ސަރުކާރު ބަދަލުވުމުން މިހާރު އެ މަސައްކަތް ހުއްޓިފައި އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.

"އަށް ކުލާސްރޫމްގެ އިމާރާތެއް އަޅަން ފަށާފަ ހުރީ. މިދިޔަ އަހަރު ނިމެންޖެހޭ ތަނެއް އެއީ. އަދި ފައުންޑޭޝަން އަޅާ ނުނިމޭ. މިހާރު މަސައްކަތް ހުއްޓިފަ އޮތީ،" އޭނާ ވިދާޅުވިއެވެ.

އަދި 2020 ވަނަ އަހަރު ތެރޭ އެ ރަށުގައި މަލްޓިޕާޕަސް ހޯލެއްވެސް އަޅަން ފެށި ނަމަވެސް އެ މަސައްކަތް ވެސް ހުއްޓިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެހެންވެ، މި މައްސަލައަށް އެދެވޭ ހައްލެއް ހޯދުމަށް މިދިޔަ މަހުގެ ތެރޭގައި ކައުންސިލުން އެޑިއުކޭޝަން މިނިސްޓްރީއާ ބައްދަލުކުރުމުން ވަރަށް އަވަހަށް މަސައްކަތްތައް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނި ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ އުނގޫފާރު ސުކޫލޫގައި މިހާރު 450 ދަރިވަރުން ތައުލީމް ހާސިލްކުރާއިރު، ދެ ދަންފަޅިއަށްވެސް ކިޔަވާދިނުމަށް ޓީޗަރުންނަށް ގިނަ ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

އެހެންކަމުން، މި މައްސަލައަށް އެދެވޭ ހައްލެއް ލިބި ޓީޗަރުންނާއި ދަރިވަރުންނަށް އެއްވެސް ދައްޗަކާ ނުލާ ކިޔެވޭނެ އިންތިޒާމު ވީ އެންމެ އަވަހަށް ހަމަޖެހޭނެ ދުވަހަކަށް އިންތިޒާރު ކުރައްވާ ކަމަށް ރަޝީދު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް