ބޭރު ގައުމުތަކުގައި ތިބި ދިވެހި ކުދީންނަށް އިސްލާމް، ދިވެހި ކިޔަވައިދިނުން ނުހުއްޓޭ: ޖައުފަރު

ޖައުފަރު ރަޝީދު -- ފޮޓޯ: ސޯޝަލް މީޑިއާ

ބޭރު ގައުމުތަކުގެ ދަރިވަރުންނަށް އިސްލާމް, ދިވެހި ކިޔަވައިދިނުން ހުއްޓިފައިނުވާ ކަމަށް ކުރީގެ ލަންކާގެ ސޯސަންވިލާގެ އެކަޑަމިކް އަދި މީޑީއާ ހެޑްގެ މަގާމު ކުރިން އަދައިކުރެއްވި ޖައުފަރު ރަޝީދު ވިދާޅުވެއްޖެއެވެ.

ޖައުފަރު މި ފަދައިން ވިދާޅުވެފައިވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒާއެކު ތ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވަންދޫއަށް ވަޑަައިގެން އެ ރަށު ރައްޔިތުންނާ ވާހަކަދައްކަވަމުން ލަންކާއާއި، މެލޭޝިއާގައި ކިޔަވާ ދަރިވަރުންނަށް އިސްލާމާއި ދިވެހި މާއްދާ އަލުން ކިޔަވައިދޭން ފަށާނެ ކަމަށް ވިދާޅުވުމުންނެވެ.

މިނިސްޓަރު ޝަފީއުގެ ވާހަކަ ދޮގުކުރައްވައި ޖައުފަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހްގެ ސަރުކާރުގައި ލަންކާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް ދިވެހި، އިސްލާމްގެ އިތުރުން ގުރުއާން މާއްދާ ކިޔަވައިދިނުން ހުއްޓައިލައިފާނުވާ ކަމަށެވެ.

ކޮވިޑް 19ގެ ހާލަތުގައި އޮންލައިންކޮށް ވެސް އެ ދަރިވަރުންނަށް ކިޔަވައިދިން ކަމަށާއި ކިޔެވުން މެދުކެނޑިފައިނުވާ ކަމަށް ޖައުފަރު ވަނީ ވިދާޅުފައެވެ.

"ކޮވިޑްގެ ތެރޭގައި އޮންލައިންކޮށްވެސް ކިޔެވުން ކުރިއަށް ގެންދިޔައީމެވެ. ކިޔަވައިދިނުން އިތުރަށް ރަނގަޅުކޮށް، ހަރުދަނާވެސް ކުރީމެވެ. މޯލްޑިވްސް ސެންޓަރު (ސޯސަންވިލާ) ގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10 އަށް ބަރާބަރަށް ކިޔެވުން ކުރިއަށް ގެންދިޔައިމެވެ،" ޖައުފަރުގެ ޕޯސްޓުގައިވެއެވެ.

މީގެ އިތުރުން، ނިމުނު ފަސް އަހަރު ވެސް ސޯސަންވިލާގައި އެސްއެސްސީ އިމްތިހާނު ހެދިކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، އެ ދަރިވަރުންގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި އޭގެ ތެރޭގައި އޭ ސްޓާ ހޯދި ދަރިވަރުން ވެސް ތިބި ކަމަށެވެ.

ޖައުފަރު ވިދާޅުވީ ސެންޓަރުގެ ޚިދުމަތްފުޅާކޮށް ކިޔަވައިދޭ ގަޑިތައް އިތުރުކުރި ކަމަށެވެ،

ނިމުނު ޞާލިހްގެ ސަރުކާރު ނިމުނުއިރު 198 ދަރިވަރުން އެ ސެންޓަރު ތިބިއިރު، އެ ދަރިވަރުންނަށް އިސްލާމް، ދިވެހި އަދި ގުރުއާން ކިޔަވައިދޭން ތިބީ ހުސް ދިވެހި ޓީޗަރުން ކަމަށް ޖައުފަރު ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ، މާލޭގައި އޮންނަ ގައުމީ ގުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ފުރަތަމަ ފަހަރަށް ފަހިކޮށްދިނީ ވެސް ޞާލިހުގެ ސަރުކާރުން ކަަމަށެވެ.

މިދިޔަ އަހަރު އޮތް އެ މުބާރާތުގައި އެ ސެންޓަރުގެ ހަތަރު ދަރިވަރަކު ކިޔެވިކަން ފާހަގަކޮށް އޭނާ ވިދާޅުވީ ނިމުނު ސަރުކާރުގެ ފަހުން އަންނަ ފުރަތަމަ ގައުމީ ގުރުއާން މުބާރާތުގައި އެ ސެންޓަރުގެ ދަރިވަރުން ބައިވެރިނުކުރާ ކަމަށެވެ.

އެހެންވެ، ޞާލިހް ސަރުކާރުން ބޭރު ގައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް އެ ތިން މާއްދާ ނުކިޔަވާދޭ ކަމަށް ނުބުނެވޭކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ.

އަދި ޖައުފަރު ވިދާޅުވީ އެކަމަށް ލަންކާގެ ރައްޔިތުންނާއި ދަރިވަރުންގެ އިތުރުން ޓީޗަރުން ހެކިވާނެ ކަމަށެވެ. ޖައުފަރު ވަނީ ލަންކާގެ އިތުރުން މެލޭޝިއާގައިވެސް ދަރިވަރުންނަށް އެ މާއްދާތައް ކިޔަވާދޭ ކަމަށް ވިދާޅުވެފައެވެ.

comment ކޮމެންޓް