ޓެކްސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހުސްވެފައިވާ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ކުރިމަތިލާން ޝައުގުވެރިކަން ހުރި މީހުންނަށް އެ ފުރުސަތު މިއަދު ރައީސް އޮފީހުން ހުޅުވާލައިފިއެވެ.

ޓެކްސް ކޮމިޝަނަރިގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި ފަތުހުﷲ ޖަމީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވީ މި މަހުގެ އެއްވަނަ ދުވަހުއެވެ.

ރައީސް އޮފީހުން ބުނީ، މި މަގާމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 20 އަދި 21 ވަނަ ދުވަހު ހެނދުނު 08:00 އިން މެންދުރު 12:00 އަށް ރައީސް އޮފީހުން ކަމަށެވެ.

މަގާމަށް ކުރިމަތިލެއްވުމަށް އެދޭ ފޯމު ރައީސް އޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. އަދި, އެ އޮފީހުގެ ވެބްސައިޓްއިން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.

ޓެސްކް ކޮމިޝަނަރަކަށް އައްޔަން ކުރައްވާ ބޭފުޅަކީ އިގްތިޞާދީ، މާލީ، ވިޔަފާރި ނުވަތަ ޓެކްސްއާ ގުޅުންހުރި ދާއިރާއަކުން މާސްޓާސް ޑިގްރީ ނުވަތަ އެއާ އެއްފެންވަރެއްގެ ސަނަދެއް ސަރުކާރު ޤަބޫލުކުރާ އިދާރާއަކުން ހާސިލުކޮށްފައިވާ މީހެއް ކަމުގައި ވާންޖެހޭނެއެވެ. ނުވަތަ ސަރުކާރުގެ މާލިއްޔަތާބެހޭ ދާއިރާއެއްގައި މަސައްކަތްކޮށް މަދުވެގެން 10 އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައި ވާންޖެހޭނެއެވެ.

comment ކޮމެންޓް