ދިވެހިރާއްޖޭގައި ގާއިމްކުރަން ހަމަޖެހިފައިވާ މެޑިކަލް ސްކޫލާއި ޓީޗިން ހޮސްޕިޓަލުގެ ތަންފީޒީ މަރުހަލާ މިއަދު ފަށައިފިއެވެ.
މި މަރުހަލާ ފަށާފައިވަނީ، މިއަދު އެކަމަށް ޓަކައި ހާއްސަކޮށްގެން ގައުމީ ޔުނިވާސިޓީގެ އިދާރީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި، ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު މުހައްމަދު ފައްޔާޒު ގިލާނީގެ އިތުރުން ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މަހުމޫދު ޝައުގީ އާއި، ގައުމީ ޔުނިވާސިޓީގެ ވައިސް ޗާނަސެލަރު ޑރ. އައިޝަތު ޝެހެނާޒް އާދަމް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. ޝެހެނާޒް ވިދާޅުވީ، ގައުމީ ޔުނިވާސިޓީގެ މެޑިކަލް ސްކޫލް ވެސް ގާއިމްކުރީ ޕާކިސްތާނުގެ އެހީތެރިކަމާއެކުގައި ކަމަށެވެ. އަދި މެޑިކަލް ސްކޫލެއްގެ ގޮތުގައި ބޭނުންކުރުމަށް ދަރުމަވަންތަ ހޮސްޕިޓަލުގެ ދެ ފަންގިފިލާ ދިވެހި ސަރުކާރުން ހަމަޖެއްސި ކަމަށާއި، މެޑިކަލް ސްކޫލަށް ޑިމާންޑް ބޮޑުވުމުގެ ސަބަބުން، އެ ދާއިރާގެ ދަރިވަރުންނަށް ކިޔެވުމުގެ މާހައުލުގެ ދަތިކަން ކުރިމަތިވިކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ޑރ. އައިޝަތު ޝެހެނާޒް އާދަމް ވާހަކަފުޅު ދައްކަވަނީ --ސަން ފޮޓޯ: އިންފިނަޓް މޯމެންޓްސް/އަހުމަދު އަމަން ލަތީފް
އެހެނަމަވެސް، މެޑިކަލް ދާއިރާގެ ދަރިވަރުން ކިޔެވުމަށް އެހެން ހޮސްޕޮޓަލުތަކުން ވެސް މާހައުލު ފަހިކޮށްދިންކަން ފާހަގަކުރައްވައި އެކަމަަށް ޓަކައި އޭނާ އެ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
ޑރ. ޝެހެނާޒް ވިދާޅުވީ، މެޑިކަލް ސުކޫލް ގާއިމުކުރުމުގެ މަގުސަދަކީ މެޑިކަލް ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ދަރިވަރުންނަށް އަގުހެޔޮކޮށް ފަސޭހައިން މި ދާއިރާއިން ތައުލީމް ލިބޭނެ ފުރުސަތު ފަހިކޮށްދިނުން ކަމަށެވެ. އަދި ރާއްޖޭގައި ޑޮކްޓަރުންގެ ދަތިކަމަށް ހައްލު ގެނެސް، ޒަމާނީ ކުރިއެރުންތަކާއެކު ސިއްހީ ޚިދުމަތް އިތުރަށް ފުޅާކުރުމަކީ މަގުސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި ހައި ކޮމިޝަނަރު ވާހަކަފުޅު ދައްކަވަނީ--ސަން ފޮޓޯ: އިންފިނަޓް މޯމެންޓްސް/އަހުމަދު އަމަން ލަތީފް
އެ ރަސްމިއްޔާތުގައި ޕާކިސްތާނުގެ ހައި ކޮމިޝަނަރު ވިދާޅުވީ، ރާއްޖޭގެ ގިނަ ދަރިވަރުން މި ދާއިރާގެ މަތީ ތައުލީމަށް ގައުމުން ބޭރަށް ދާންޖެހޭކަމަށެވެ. ނަމަވެސް، އެހެން ގައުމަކަށް ބަރޯސާވުމެއް ނެތި، ރާއްޖޭގައި ސިއްހީ ދާއިރާ ފުޅާވާނެ ކަމަށް އުއްމީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ހައި ކޮމިޝަނަރު ވިދާޅުވީ، ދެ ގައުމުން ގުޅިގެން ގިނަ ދާއިރާތަކަކުން މިހާރުވެސް މަސައްކަތް ކުރާ ކަމަށާއި، ކުރިއަށް އޮތްތަނުގައި މި ދާއިރާތަކުން ދެ ގައުމުގެ ގުޅުން މިހާރަށްވުރެ ބަދަހިވާނެ ކަމަށެވެ.