އެއް ދުވަސްތެރޭ 8،900 ފަތުރުވެރިންނާއެކު ރެކޯޑެއް، މަޓާޓޯގެ މަރުހަބާ މިނިސްޓަރަށް

ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލާއި މަޓާޓޯގެ ސީއީއޯ އާމިނަތު ސޫޒަން: މަޓާޓޯއިން ވަނީ ފަތުރުވެރިކަމުގެ ދާއިރާ މިހާރަށް ވުރެ ވެސް ފުޅާވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފައި --ފޮޓޯ/ މަޓާޓޯ

އެއް ދުވަހުގެ ތެރޭގައި 8,900 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުމުން ރެކޯޑެއް ގާއިމުވެފައިވާތީ, މަޓާޓޯއިން ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލަށް މަރުހަބާ ކިޔައިފިއެވެ.

މަޓާޓޯގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީއަށް ވަޑައިގެން، ފައިސަލަށް މަރުހަބާ ވިދާޅުވީ އެ އެސޯސިއޭޝަންގެ ސީއީއޯ އާމިނަތު ސޫޒަން އާއި ރައީސް އަބްދުﷲ ގިޔާސްއެވެ.

މަޓާޓޯއިން ބުނީ މިއީ ރާއްޖޭގެ ތާރީޚުގައި ވެސް ރެކޯޑް ކާމިޔާބީއެއް ކަމަށެވެ. އަދި މިކާމިޔާބީއަށް މަގުފަހިކޮށްދިނުމުގައި ކެނޑިނޭޅި އެހީތެރިކަން ފޯރުކޮށްދިން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުރިހާ ޕާޓްނަރުންނާއި އެއާލައިންތަކާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންނަށް ޝުކުރު އަދާ ކުރާ ކަމަށް މަޓާޓޯއިން ބުންޏެވެ.

މަޓާޓޯއިން ބުނީ މި ދާއިރާއިން އިތުރު ކާމިޔާބީތައް ހޯދައި، ފަތުރުވެރިކަމުގެ ސިނާއަތް ހީވެސް ނުކުރާ މިންވަރަށް ފުޅާވާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މި މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ނުވަހާހެއްހައި ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން މި މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް 8,900 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މި މަހުގެ ހަތަރުވަނަ ދުވަހުއެވެ. އެ ދުވަހު 8,032 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެއީ 28,304 ފަތުރުވެރިންނެވެ. އަދި 23,749 ފަތުރުވެރިންނާއެކު ލިސްޓުގެ ދެވަނައިގައި އިޓަލީވިލާތް އޮތް އިރު ތިންވަނައިގައި އޮތް ރަޝިޔާއިން 21,399 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

comment ކޮމެންޓް