ރައީސަށް ކޮޅުމަޑުލުގެ 4 ގޮނޑި ވެސް ހޯދައިދޭނަން: ރިޔާޒް

އެމްއެންޕީން މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިޔާޒް: އޭނާ ވަނީ ކޮޅުމަޑުލުގެ ހަތަރު ގޮނޑި ވެސް ރައީސަށް ކާމިޔާބުކޮށްދެއްވާނެ ކަމަށް ވިދާޅުވެފައި -- ސަންފޮޓޯ/ ނާއިލް ހުސައިން

ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް، ކޮޅުމަޑުލު ރާޑަރުން ކައްސައިލާފައި އޮތް އޮތުން ނިމުމަކަށް ގެންނަން ރައްޔިތުންގެ މަޖިލީހުގެ އެ އަތޮޅުގެ ހުރިހާ ގޮނޑިއެއް ރައީސް ޑރ. މުހައްމަދު މުއިއްޒަށް އަރުއްވާނެ ކަމަށް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިހާރު ތ. އަތޮޅަށް ކުރައްވަމުންގެންދަވާ ޒިޔާރަތުގެ ތެރެއިން މިއަދު ވަނީ އެ އަތޮޅު ކިނބިދުއަށް ވަޑައިގެންފައެވެ. އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރިޔާޒް ވިދާޅުވީ، މި ސަރުކާރުގެ އިގުތިސާދީ ސިޔާސަތު ކުރިއަށް ގެންދަން އެ އަތޮޅުގެ ހުރިހާ ރައްޔިތުން ވެސް ވިސްނަންޖެހިފައިވާ ކަމަށެވެ.

އެއީ، ޒަމާންތަކެއް ވަންދެން އެ އަތޮޅު 'ރާޑަރުން' ކައްސައިލާފައި އޮތުމަށް ފަހު، އެ އަތޮޅަށް އިގުތިސާދީ ދިރުން ގެނެސްދެއްވާނެކަމުގެ ޔަގީންކަން ރައީސް މުއިއްޒުގެ އިގުތިސާދީ ސިޔާސަތުން ލިބިދޭތީ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

"މި ފަހަރު އިގުތިސާދީ ގޮތުން އަތޮޅަށް މަސައްކަތްކުރުމަށްޓަކައި ހުރިހާ އެންމެން ހުރިހާ ސިޔާސީ ވިސްނުމެއްގެ ބޭފުޅުން ވެސް އެއް ވިސްނުމެއްގައި ރައީސް ޑރ. މުއިއްޒުގެ ފަހަތްޕުޅަށް އަންނަން ޖެހޭ،" މިހާރު ވެސް ތިމަރަފުށީ ދާއިރާގެ މެންބަރުކަން ކުރައްވާ ރިޔާޒް މިއަދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރުގެ އިގުތިސާދީ ސިޔާސަތުތައް ތަންފީޒުކުރަން ވެސް އަދި ބޮޑެތި އިންވެސްޓްމަންޓުތައް ރާއްޖެ ގެނައުމަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ތާއީދު ކޮންމެހެން ބޭނުންވާ ކަމަށެވެ. އެހެންވެ، ސަރުކާރަށް މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު ރައީސަށް ޔަގީންކަން އަރުވަން މާތްﷲގެ ވާގިފުޅާ އެކު އަދި މި އަތޮޅުގެ ރައްޔިތުންގެ ތާއީދާ އެކު އަޅުގަނޑުމެން ކޮޅުމަޑުލުގެ ހަތަރު ގޮނޑި އިއްޒަތްތެރި ރައީސަށް އަރުވާނަން،" ރިޔާޒް ވިދާޅުވިއެވެ.

ރައީސް މިހާރު ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅު މިއަދު ނިންމަވައިލައްވާއިރު، މިއަދު ކިނބިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވަނީ ކިނބިދޫ - ވޭމަންޑޫ ގުޅުވައިލުން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އެ މަނިކުފާނު ވަނީ އެ އަތޮޅަށް ފަތުރުވެރިކަން ފުޅާކޮށް، އެ އަތޮޅުގައި ގިނަ ރިސޯޓުތަކެއް ތަރައްގީކުރައްވާނެ ކަމުގެ ޔަގީންކަން ވެސް މިއަދު އަރުވައިފައެވެ. ރައީސްގެ ވިސްނުންފުޅަކީ ޒުވާނުންނަށް ރަށާ ކައިރި ރިސޯޓުތަކުގައި ވަޒީފާ އަދާކޮށް އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމެވެ.

comment ކޮމެންޓް