ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޕައިލެޓަކަށް އިންޒާރު ދިން ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ މައްސަލަ، އައިލެންޑް އޭވިއޭޝަނުން ޕޮލިހަށް ހުށަހަޅައިފިއެވެ.
އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވާން ފެށި ވީޑިއޯއަކުން ފެންނަނީ ސީޕްލޭނަކަށް އެރުމަށް ޕްލެޓްފޯމެއްގެ މަތީގައި ހުންނަވައި ޖާބިރު ވަރަށް ހުތުރު ބަހުން ޕައިލެޓަކާ މުއާމަލާތް ކުރާ މަންޒަރެވެ. "ތިމަންނައަކީ ކާކުކަން ނޭނގޭހޭ" ސުވާލުކޮށް ޖާބިރު ވަރަށް ހުތުރު ބަހުން ވާހަކަ ދައްކާ މަންޒަރު ވީޑިއޯއިން ފެނެއެވެ.
އެކަމާ ގުޅޭގޮތުން މޯލްޑިވިއަންގެ މީޑިއާ އޮފިޝަލް މިއަދު 'ސަން'އަށް ވިދާޅުވީ އެ އެއާލައިންގެ ޕައިލެޓުންނާއި ކުރޫއިންގެ އިތުރުން ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެ ކުންފުނިން އެންމެ އިސްކަން ދޭ ކަންތައް ކަމަށެވެ.
ޖާބިރުގެ އެ އަމަލުގެ ސަބަބުން ފިޔަވަޅެއް އެޅުމަށްޓަކައި ބަލަން ޖެހޭ ކަންކަން ބެލުމަށް އިއްޔެ ކުންފުނީގެ ފަރާތުން ފުލުހުންނަށް ރަސްމީކޮށް މައްސަލަ ހުށަހަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިފަދަ އަމަލުތަކުގެ ސަބަބުން އެއާލައިންތަކަށް ނާރުވާ ގޮތަށް ފިޔަވަޅު އަޅައެވެ. އެކަމަކު، މޯލްޑިވިއަންއިން މިހާތަނަށް އެފަދަ ފިޔަވަޅެއް ޖާބިރާ ދޭތެރޭ އަޅައިފައެއް ނުވެއެވެ.
ޖާބިރު ހުތުރުކޮށް ވާހަކަ ދައްކާ މައްސަލައަކީ އާއްމުކޮށް ދިމާވާ ކަމެކެވެ. މިފަހުން ބައެއް ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ މީހުންނާ ވެސް އަރާރުންވެ، ހުތުރު ބަހުން ވާހަކަ ދައްކަވާ ވީޑިއޯތަކެއް ވަނީ ލީކްވެފައެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކާށިދޫ ދާއިރާއަށް ވާދަކުރަން އެމްޑީޕީގެ ޓިކެޓް ކަށަވަރު ކޮށްފައި ވަނިކޮށް އެ ޕާޓީން ވަނީ ޖާބިރުގެ އަހުލާގީ މައްސަލައެއް ބެލުމަށް ފަހު، ޓިކެޓް އަތުލައި ޕާޓީން ވަކިކޮށްފައެވެ.
އިސްލާމީ ގައުމެއްގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު ހުންނަން ޖެހޭ އަހުލާގު ޖާބިރުގެ ނެތް ކަމަށް ބުނެ އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކުރަމުންނެވެ.