ގަލޮޅު ދަނޑުގައި ހިންގި މާރާމާރީއާ ގުޅިގެން މީހަކު ހައްޔަރެއް ނުކުރޭ

ގަލޮޅު ދަނޑުގައި އިއްޔެ ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން: އެ މައްސަލައިގައި އަދި މީހަކު ހައްޔަރެއް ނުކުރޭ -- ފޮޓޯ/ މިހާރު

ދެވަނަ ޑިވިޝަންގެ ކުއާޓާ ފައިނަލްގެ މެޗުގައި އިއްޔެ ކުޑަ ހެންވޭރު ޓީމުގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ދެވަނަ ޑިވިޝަންގައި އިއްޔެ ކުޑަ ހެންވޭރާއި ވިކްޓްރީ ސްޕޯޓްސް ކްލަބު ބައްދަލުކުރި މެޗުގެ ފަހު ވަގުތު، ވިކްޓްރީގެ ކުޅުންތެރިޔަކު ކުރި ފައުލަކާ ގުޅިގެން ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކުރަން ފަށައިފައެވެ. މެޗުގައި 3-1 އިން ވިކްޓްރީގައި ކުރީގައި އޮއްވައި އެ ފައުލާ ގުޅިގެން ރެފްރީ އަޅައިނުލުމުން ކުޑަ ހެންވޭރު ޓީމުގެ ސަޕޯޓަރުން އަރައިގަތީ ކަމަށް އިއްޔެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން މިއަދު ބުނީ، އެ މާރާމާރީގެ މައްސަލަ ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ. އެކަމަކު، އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ކުޑަ ހެންވޭރު ޓީމުގެ ސަޕޯޓަރުން ވަނީ ވިކްޓްރީގެ ކޯޗު ސޮބާހު މުހައްމަދަށް ވެސް ހަމަލާދީފައެވެ.

ހަމަނުޖެހުންތަކަށް ފަހު، މެޗު ފެށޭތޯ މަސައްކަތްކުރި ނަމަވެސް ފަހުން އިއްޔެގެ މެޗު ކެންސަލް ކުރީއެވެ. މެޗާ މެދު ގޮތެއް ނިންމާނީ މުބާރާތާ ބެހޭ އިމަޖެންސީ ކޮމިޓީންނެވެ.

އިއްޔެ ކެންސަލް ކުރި މެޗުން މޮޅުވާ ޓީމެއް އަންނަ ހޯމަ ދުވަހު ކުޅެން ޖެހޭނީ ސެމީ ފައިނަލުގައި ނިއުރޭޑިއަންޓާ ދެކޮޅަށެވެ.

comment ކޮމެންޓް