އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް ނައިފަރަށް ކަރަންޓު ދޭން ފަށައިފި

ޅ.ނައިފަރުގެ މަތިން ނަގާފައިވާ ފޮޓޯއެއް: އިންޖީނަށް ދިމާވި މައްސަލަ ހައްލުކޮށް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ކަރަންޓުދޭން ފަށައިފި -- ފޮޓޯ/ކައުންސިލް

ޅ. ނައިފަރުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ އިންޖީނަކަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ކަރަންޓުގެ ޚިދުމަތްދޭން ފަށައިފިއެވެ.

ނައިފަރުގައި ކަރަންޓުގެ ޚިދުމަތްފޯރުކޮށްދެމުންދާ އިންޖީނަކަށް މައްސަލަތަކެއް ދިމާވެ މިދިޔަ ބުދަ ދުވަހުން ފެށިގެން ހަތަރު ދުވަސް ވަންދެން އެރަށުން ވަނީ ކަރަންޓު ކަނޑާފައެވެ.

މި މައްސަލައާއި ގުޅިގެން މިއަދު "ސަން"އިން ސުވާލުކުރުމުން ނައިފަރުގެ ފެނަކަ ކޯޕަރޭޝަންގެ ސްޓޭޝަން މެނޭޖަރު ޒަކަރިއްޔާ ރިމްޒާން ވިދާޅުވީ، އިންޖީނަށް ދިމާވި މަައްސަލަ ހައްލުކޮށް މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މެދުނުކެނޑި ކަރަންޓުދޭން ފަށައިފައިވާ ކަމަށެވެ.

އެގޮތުން މިހާރު އިންޖީނުގޭގަ ހުރި ތިން އިންޖީނުން ފުލް ކިލޯ ވޯޓްގެ ކަރަންޓު ނެގޭ ކަމަށް ރިމްޒާން ވިދާޅުވިއެވެ.

"އިންޖީނަކުން ނެގޭ އެންމެ ފުލް ލޯޑް ނެގޭނެ ތިން އިންޖީނުން ވެސް. ހަތަރު ވަނަ ދުވަހުން ފެށިގެން އެއްވަރަކަށްވެސް ނުކަނޑާ ކަރަންޓު ދެމުންދަނީ," ޒިމްޒާން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކަރަންޓުގެ މައްސަލައަށް ހައްލެއް ގެނައުމަށް 600 ކިލޯވޯޓްގެ އިންޖީނަކާއި 2500 ކިލޯވޯޓްގެ ޓްރާންސްފޯމަރެއް ވީ އެންމެ އަވަހަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިމްޒާން ވިދާޅުވިއެވެ.

މީގެކުރިން، ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު "ސަން"އަށް ވިދާޅުވީ، ރަށަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް މެދުކަނޑައިލަން މަޖުބޫރުވެފައި އޮތީ އެކަށީގެންވާ މިންވަރަށް ކަރަންޓުދެވޭ ވަރުގެ ޖަނަރޭޓަރެއް ނެތުމުން ކަމަށެވެ.

https://sun.mv/188228

އަދި މިހާރު ބޭނުންކުރާ ޖަނަރޭޓަރުތަކަށް މައްސަލައެއް ދިމާވެއްޖެނަމަ މުޅި ރަށުން ކަރަންޓު ކަނޑަންޖެހޭ ކަމަށް މީގެކުރިން ރަޝީދު ވަނީ ވިދާޅުވެފައެވެ.

އެ ރަށުގައި 6،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭއިރު، މީގެކުރިންވެސް ޖަނަރޭތަރުތަކަށް މައްސަލަތައް ދިމާވެ ކަރަންޓު ކަނޑަންޖެހޭ ކަމަށް ރަޝީދު ފާހަގަކޮށްފައިވެއެވެ.

comment ކޮމެންޓް