ނައިފަރުން ކަރަންޓު ކަނޑާތާ ތިން ދުވަސް، ރައްޔިތުން ތުރާލެއްގައި

ޅ. ނައިފަރު: -- ސަން ފޮޓޯ: އަހުމަދު ހަސަން

ޅ.ނައިފަރުން ކަރަންޓު ކަނޑައިތާ ތިން ދުވަސްވެ އެ ރަށުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ދަތިވާތީ، ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މި ކަމާއި ގުޅިގެން ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު "ސަން"އަށް ވިދާޅުވީ، ރަށަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތް މެދުކަނޑައިލަން މަޖުބޫރުވެފައި އޮތީ އެކަށީގެންވާ މިންވަރަށް ކަރަންޓުދެވޭ ވަރުގެ ޖަނަރޭޓަރެއް ނެތުމުން ކަމަށެވެ.

"ނައިފަރުގަ މި ވަގުތު ހުރި ޖަނަރޭޓަރުތަކަކީ ނައިފަރުގެ އާބާދީއަށް ކަރަންޓުދެވޭ ވަރަށްވުރެ ދަށުގައި ހުރި އެއްޗެހި. އެ ވަރުގެ ކެޕޭސިޓީއެއް ނެތް އެ އެއްޗެހީގައި. އެހެންވީމައި ދިމާވާ މި މައްސަލައެއް އެއީ،" ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ، މިހާރު ބޭނުންކުރާ ޖަނަރޭޓަރުތަކަށް މައްސަލައެއް ދިމާވެއްޖެނަމަ މުޅި ރަށުން ކަރަންޓު ކަނޑަންޖެހޭ ކަމަށެވެ. އެގޮތުން އެކި ސަރަހައްދުތަކުން ދެ ގަޑިއިރުން ދެގަޑިއިރުން ކަރަންޓު ކަނޑައިތާ މިއަދަށް ތިން ދުވަސްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ހަމައެކަނި ހޮސްޕިޓަލަށް ކަރަންޓުދީގެން އުޅެންޖެހޭ ހާލަތަށް ބައެއްފަހަރު ދާކަމަށް ވެސް ވިދާޅުވިއެވެ.

ޅ. ނައިފަރުގައި ސަރުކާރުން ގާއިމްކުރި ހައުސިން ޔުނިޓްތައް: އެރަށުން ކަރަންޓު ކަނޑާ މައްސަލަ ވަނީ ބޮޑުވެފަ --- ފޮޓޯ/ އާރްސީސީ

ކަރަންޓު ކަނޑަން ޖެހުމުގެ ސަބަބުން ގޭބީސީތަކުގަ ބޭނުންކުރާ ކަރަންޓު ސާމާނުތަކަށް އެކިވަރުގެ ގެއްލުން ލިބެމުން އަންނަކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކަނު އަނދިރީގައި މި އުޅެން ޖެހެނީ. ގޭގައި ހުންނަ ޑީފްރީޒަރު އަލަމާރިތަކުގައި ހުންނަ އެއްޗިހި ނުބައިވެގެން ވަރަށް ދަތި އުނދަގުލުގައި މި ތިން ދުވަހު ރައްޔިތުން އުޅެމުންދަނީ،" ރަޝީދު ފާހަގަކުރެއްވިއެވެ.

އެ ރަށުގައި 6،000 އަށްވުރެ ގިނަ މީހުން ދިރިއުޅޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިހާރު ލިބިފައި ހުރި ސްޕެއާތައް އަޅުވައިގެން ވެސް ކުރިއަަށް އޮތް ދެ މަސް ދުވަހު ކަރަންޓު ދެވޭނެ ކަމަށް އުންމީދެއްނެތް ކަމަށެވެ.

މީގެ ކުރިން ވެސް ނައިފަރުގެ ޖަނަރޭޓަރުތަކަށް ދިމާވާ މައްސަލަތަކުގެ ސަބަބުން ދޭތެރެއަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިރަށަކީ ރަށަށް ލިބޭ އާމްދަނީއިން މިފަދަ ކަންކަން ހައްލުކުރެވޭ ވަރުގެ އާމްދަނީއެއް ލިބޭ ރަށެއް. ނަމަވެސް ރަށަށް ލިބޭ އާމްދަނީއިން މި ކަމަށް ހައްލެއް ގެނައުމަށް މަސައްކަތްކޮށްފައިނުވާތީ މިހާ ހިސާބަށް މި ދިޔައީ،" އޭނާ ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން "ސަން"އިން ސުވާލުކުރުމުން ނައިފަރުގެ ފެނަކަ ކޯޕަރޭޝަންގެ ސްޓޭޝަން މެނޭޖަރު ޒަކަރިއްޔާ ރިމްޒާން ވިދާޅުވީ އެ ރަށުގެ އިންޖީނުގޭގައި ބޭނުންކުރަމުންދާ އެއް މެގަވޯޓްގެ އިންޖީނަށް މައްސަލަތަކެއް ދިމާވެ މަރާމާތުކުރަން ޖެހިފައިވާކަމަަށެވެ.

އެހެންވެ، މިހާރު ހުރި ދެ އިންޖީނުން އުފެއްދެނީ 940 ކިލޯވޯޓްގެ ކަރަންޓުކަމަށް ފާހަގަކޮށް އޭނާ ވިދާޅުވީ އަބަދުވެސް ކޮންމެވެސް އެއް ސަރަހައްދަކުން ކަރަންޓު ކަނޑަންޖެހޭ ކަމަށެވެ.

އެދެވޭ ހައްލެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ޅ. ނައިފަރުގެ އޭރިއަލް ފޮޓޯއެއް: އެ ރަށުން ކަރަންޓު ކަނޑާ މައްސަލަ ވަނީ ބޮޑުވެފަ --- ފޭސްބުކް ފޮޓޯ: ޖޭއާރް ރާއޯ

"މިހާރު ވަނީ އިންޖީނުގެ 60 ޕަސެންޓު ނިމިފައި. އިންޖީނަށް ބޭނުންވާ ހުރިހާ ސްޕެއާއަކާއި ކުޅުދުއްފުށީގެ އިންޖީނެއް ހެޑް އޮފީހުން ފޮނުވާފައި ހުރީ. ހުއްޓުމެއްނެތި މަސައްކަތް ކުރަމުންދަނީ،" ރިމްޒާން ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ރިމްޒާން ވިދާޅުވީ، ހުރިހާ މަައްސަލައެއް ހައްލުކޮށް މާދަމާ ރޭ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރެވޭނެ ކަމަށް އުންމީދުކުރައްވައި ކަމަށެވެ.

އަދި ކަރަންޓުގެ މައްސަލަ އިތުރަށް ހައްލުކުރުމަށް އަންނަ ރަމަޟާން މަހުގެ ކުރިން 1،200 ކިލޯ ވޯޓް ޖަނަރޭޓަރެއް ލިބޭނެކަމަށް ހެޑް އޮފީހުން ބުނެފައިވާ ކަމަށް އޭނާ ވަނީ ފާހަގަކުރައްވައިފައެވެ.

comment ކޮމެންޓް