ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް އިސްތިއުފާ ދެއްވައިފި

ޓޫރިޒަމް މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ (ޕީއެސް) ފާތިމަތު ނިލްފާ، އެގްރީމެންޓެއްގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފައިލް ފޮޓޯ

ޓޫރިޒަމް މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ (ޕީއެސް) ފާތިމަތު ނިލްފާ އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ ނައިބު ރައީސް އިބްރާހީމް ރަޝީދު "ސަން" އަށް ވިދާޅުވިގޮތުގައި ނިލްފާ މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވީ އަމިއްލަ ސަބަބުތަކަކާ ހުރެއެވެ.

އިސްތިއުފާއާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ޕީއެސްއަކީ އެ މިނިސްޓްރީއެއްގައި ސިވިލް ސާވިސްގެ ފަރާތުން ހުންނަ އެންމެ އިސް މުވައްޒަފެވެ. ނިމިދިޔަ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގައި ޓޫރިޒަމް މިނިސްޓަރަކަށް ޑރ. އަބްދުﷲ މައުސޫމް ހުންނެވިއިރު ވެސް ޕީއެސްއަކަށް ހުންނެވީ ނިލްފާއެވެ.

ކުއްލި ގޮތަކަށް ޓޫރިޒަމް މިނިސްޓްރީގެ ޕީއެސް އިސްތިއުފާ ދެއްވާފައިވާއިރު މި ހަފުތާގެ ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީގެ ޕީއެސް އަޙްމަދު އަލީ ވެސް ވަނީ އިސްތިއުފާ ދެއްވައިފައެވެ. އޭނާ އިސްތިއުފާ ދެއްވީ ބަލަމުން ދާ މައްސަލައަކާ ގުޅިގެން ސަސްޕެންޑް ކޮށްފައި ވަނިކޮށެވެ.

comment ކޮމެންޓް